ޚަބަރު
ދަންނަ މީހުންނާއި ނުދަންނަ މީހުން، އެއްފަދަ ބައެއްގެ ގޮތުގައި މާތް ﷲ ނުލައްވާނެ – ޚުތުބާ

ދަންނަ މީހުންނާއި ނުދަންނަ މީހުން، އެއްފަދަ ބައެއްގެ ގޮތުގައި މާތް ﷲ ނުލައްވާނެކަމުގައި މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. އެގޮތުން ޢިލްމްވެރިންގެ ޝަރަފާއި މާތްކަން ހާމަކޮށް ކީރިތިޤުރުއާންގެ އާލްއިމްރާން ސޫރަތުގެ 18 އާޔަތް ހަދުމަކޮށްދިނެވެ.

“شَهِدَ ٱللَّهُ أَنَّهُۥ لَاۤ إِلَـٰهَ إِلَّا هُوَ وَٱلۡمَلَـٰۤىِٕكَةُ وَأُو۟لُوا۟ ٱلۡعِلۡمِ قَاۤىِٕمَۢا بِٱلۡقِسۡطِۚ لَاۤ إِلَـٰهَ إِلَّا هُوَ ٱلۡعَزِیزُ ٱلۡحَكِیمُ “(އާލްއިމްރާން 18) މާނައީ: ހަމަކަށަވަރުން، اللَّه، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، ملائكة ންނާއި، علم ގެ أهل ވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި تدبير ކުރެއްވުމުގައި) عدل ވެރި ކަމާއިގެން އެކަލާނގެ قائم ވެ ވޮޑިގެންވެތެވެ. އެކަލާނގެ މެނުވީ (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވެތެވެ. (އެކަލާނގެއީ) عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.

“ނިކަން މިއާޔަތާ މެދު ވިސްނާށެވެ! މާތް ﷲ ގެ ޛިކުރު ކުރެއްވުމަށް ފަހު އެކަލާނގެ މަލާއިކަތުންގެ ވާހަކަ ޛިކުރު ކުރައްވާފައި ދެން އޮތީ ޢިލްމުގެ އަހުލުވެރިންގެ ވާހަކަ އެވެ. މިކަމުން ވެސް ޢިލްމުވެރިންގެ ޝަރަފާއި، މާތްކަމާއި، މަތިވެރިކަން އެނގެއެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުން، އެއްފަދަ ބައެއްގެ ގޮތުގައި މާތް ﷲ ނުލައްވައެވެ. އެހެންކަމުން އެ ދެބައި މީހުން އެއް ހަމަވެގެން ނުވާކަން ބަޔާންކުރައްވައި މާތް ވަޙީކުރައްވާފައި ވެއެވެ. قُلۡ هَلۡ یَسۡتَوِی ٱلَّذِینَ یَعۡلَمُونَ (އަލްޒުމަރު 9)  މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ ހަމަ ކަށަވަރުން ވެސް އެއްވަރެއް ނުވާނެއެވެ!” ޢިލްމު އުނގެނި ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުންނަކީ މާތް ﷲއަށް އެންމެބޮޑަށް ބިރުވެތިވާ މީހުންނެވެ. ތަޤްވާވެރިވާ މީހުންނެވެ.” ޚުޠުބާގައި ވިދާޅުވިއެވެ.

އިތުރަށް ޢިލްމްވެރިން ޝަރަފާއި މާތްކަން ބަޔާންކަން ޚުތުބާގައި ވިދާޅުވީ “ޢިލްމުވެރިންނަށް ޚާއްޞަ ކަންތައްތަކެއް މާތް ދެއްވާފައިވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ މަލަކޫތީ ޢާލާމުގައިވާ މަލާއިކަތުންނާއި ކަނޑުގައިވާ މަސްތައް ޢިލްމުވެރިންނަށް ފާފަފުއްސަވައި ދެއްވުން އެދި ދުޢާ ކުރުމެވެ”.

ޢިލްމްގެ މުޙިއްމުކަން ބަޔާންކުރައްވާ ޚުތުބާގައި ވިދާޅުވީ ” ދީނީ ޢިލްމަކީ އިސްލާމްދީން ދެމިއޮތުމުގެ ސިއްރެވެ. ޢިލްމު އިތުރަށް އުނގެނުމަށް މަސައްކަތްކުރުމަށް މާތް ﷲގެ ރަސޫލާ صلى الله عليه وسلم އެހާ ބޮޑަށް ބާރުއަޅުއްވާފައި ވަނީ އެހެންވެއެވެ. އަދި އެކަމަށް އެދި ދުޢާކުރުމަށް ވެސް މާތް ﷲ އަންގަވާފައިވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. وَقُل رَّبِّ زِدۡنِی عِلۡمࣰا (ތާޙާ 114) މާނައީ: އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ! “

0