ނަޞޭޙަތާއި އިރުޝާދު
ވުޟޫގެ މަތީގައި ހުރުމުގެ ފައިދާތައް އެނގޭތަ!

ވުޟޫއަކީ ބައެއް އަޅުކަންތައްތަކާއި ގުޅިގެން ކުރުމަށް މާތްﷲ ޝަރުޢު ކުރައްވާފައިވާ އަޅުކަމެކެވެ. ވުޟޫގެ ސަބަބުން އަހަރެމެން ޙިއްސީ ގޮތުންވެސް އަދި މަޢުނަވީ ގޮތުންވެސް ތާހިރުވެގެންދެއެވެ. އަދި ގިނަގިނައިން ވުޟޫކޮށް، ވުޟޫގެ މަތީގައި ދެމިހުރުމަކީ ނުހަނު މަތިވެރިވެގެންވާ ކަމެކެވެ. މިގޮތުން ވުޟޫގެ މާތްކަމާއި ފައިދާތައް ކީރިތި ޤުރްއާނާއި ސުންނަތުގެ ދަލީލުތަކުގެ އަލީގައި ބަޔާންކޮށްލާނަމެވެ.

ވުޟޫގެ މާތްކަމާއި ފައިދާތައް:

  1. ވުޟޫގެ ސަބަބުން އޭނާގެ މޫނާދެއަތް ތިލަ އަދި ދެފައި ޤިޔާމަތް ދުވަހުގައި ނޫރު ނުވަތަ އަލިކަން ފާޅުވާން ހުންނާނެއެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޤަބުރުސްތާނަށް ޒިޔާރަތްކުރައްވާ ޙަދީޘްފުޅުކުރެއްވިއެވެ. “السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ، وَدِدْتُ أَنَّا قَدْ رَأَيْنَا إِخْوَانَنَا ‏”‏ ‏‏ قَالُوا: أَوَلَسْنَا إِخْوَانَكَ يَا رَسُولَ اللَّهِ؟ قَالَ: ‏”‏أَنْتُمْ أَصْحَابِي وَإِخْوَانُنَا الَّذِينَ لَمْ يَأْتُوا بَعْدُ” ‏ قَالُوا: كَيْفَ تَعْرِفُ مَنْ لَمْ يَأْتِ بَعْدُ مِنْ أُمَّتِكَ يَا رَسُولَ اللَّهِ؟ قَالَ: ‏”‏أَرَأَيْتَ لَوْ أَنَّ رَجُلاً لَهُ خَيْلٌ غُرٌّ مُحَجَّلَةٌ بَيْنَ ظَهْرَىْ خَيْلٍ دُهْمٍ بُهْمٍ أَلاَ يَعْرِفُ خَيْلَهُ؟‏”‏‏ قَالُوا بَلَى يَا رَسُولَ اللَّهِ،‏ قَالَ: ‏”‏فَإِنَّهُمْ يَأْتُونَ غُرًّا مُحَجَّلِينَ مِنَ الْوُضُوءِ وَأَنَا فَرَطُهُمْ عَلَى الْحَوْضِ، أَلاَ لَيُذَادَنَّ رِجَالٌ عَنْ حَوْضِي كَمَا يُذَادُ الْبَعِيرُ الضَّالُّ، أُنَادِيهِمْ: أَلاَ هَلُمَّ،‏ فَيُقَالُ: إِنَّهُمْ بَدَّلُوا بَعْدَكَ،‏ فَأَقُولُ، سُحْقًا سُحْقًا”‏ (رواه مسلم) މާނައީ: “އޭ މިކަށްވަޅުތަކުގައިތިބި މުއުމިނުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ސަލާމަތްކަން ހުއްޓެވެ. ހަމަކަށަވަރުން އަހުރެމެންނަކީވެސް މާތްﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ތިޔަބައިމީހުންނާ ގޮސްބައްދަލުވާނެ ބަޔަކީމުއެވެ. (ދެން އެކަލޭގެފާނު އަޞްޙާބުބޭކަލުންނާ ދިމާލަށް އެނބުރިވަޑައިގެން ޙަދީޘްފުޅުކުރެއްވިއެވެ.) ތިމަންކަލޭގެފާނުގެ ހިތްޕުޅަށް އަރައެވެ. އަހުރެމެންގެ އަޚުންތައް އަހުރެމެންނަށް ފެންނާނެނަމައެވެ.” އަޞްޙާބުބޭކަލުން ދެންނެވިއެވެ. އަހުރެމެންނަކީ ކަލޭގެފާނުގެ އަޚުންނެއްނޫންތޯއެވެ؟ އޭ ﷲގެ ރަސޫލާއެވެ! އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ތިޔަބައިމީހުންނަކީ ތިމަންކަލޭގެފާނުގެ ޞަޙާބީންނެވެ. އަހުރެމެންގެ އަޚުންނަކީ އަދި މިހާތަނަށް (ދުނިޔޭގެ ވުޖޫދަށް) ނާންނަމީހުންނެވެ.” އަޞްޙާބުބޭކަލުން ދެންނެވިއެވެ. މިހާތަނަށް ކަލޭގެފާނުގެ އުއްމަތުން (ދުނިޔޭގެ ވުޖޫދަށް) ނާންނަމީހުން (ޤިޔާމަތްދުވަހު) ކަލޭގެފާނު ދެނެވަޑައިގަންނަވާނީ ކިހިނަކުންތޯއެވެ؟ އޭ ﷲގެ ރަސޫލާއެވެ! އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ތިޔަބައިމީހުން ނިކަން ޚަބަރުދީބަލާށެވެ! މީހެއްގެ މިލްކިއްޔަތުގައިވާ، ހަތަރުމޮއްގަނޑާއި ނިއްކުރިމަތިހުދު އަހެކެވެ. އެއަސްއޮތީ އެއްކޮށްކަޅު އަސްތަކެއްގެތެރޭގައި ލާމެހިފައެވެ. އޭނާއަށް އެއަސް ނޭނގޭނެހެއްޔެވެ؟” އަޞްޙާބުބޭކަލުން ދެންނެވިއެވެ. ނޫނެކެވެ. އެނގޭނެއެވެ. އޭ ﷲގެ ރަސޫލާއެވެ! އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ފަހެ އެބައިމީހުން (ޤިޔާމަތްދުވަހު) ވުޟޫގެ އަސަރުން އަތްފަޔާއި މޫނުތައް ވިދަވިދާހުރިޙާލު އަންނާނެތެވެ. އަދި ތިމަންކަލޭގެފާނު އެބައިމީހުންގެ ކުރިން ޙައުޟު (ފެންއާރު) ގާތަށްގޮސް (އެބައިމީހުންގެ އިސްތިޤުބާލުގައި) ހުންނަވާނަމެވެ. ދަންނާށެވެ. ބަޔަކުމީހުން ތިމަންކަލޭގެފާނުގެ ޙައުޟާ ދުރަށް ފަހައި ގެންދެވޭނެއެވެ. އެއީ ގެއްލިގެންއުޅޭ ޖަމަލު ފެނުމުން އޭތި ފަހައި ގެންދެވޭފަދައިންނެވެ. ތިމަންކަލޭގެފާނު އެބައިމީހުންނަށް ގޮވާލައްވާނަމެވެ. އޭ އަންނާށެވެ! ފަހެ (އެވަގުތު) ބުނެވޭނެއެވެ. ކަލޭގެފާނު ދުނިޔެދޫކުރައްވާ ވަޑައިގަތުމުން އެބައިމީހުން ދީނަށް ބަދަލުތައްގެނައެވެ. ފަހެ ތިމަންކަލޭގެފާނު ދަންނަވާނަމެވެ. (އެބައިމީހުންނަށް) ހަލާކުހުއްޓެވެ. ހަލާކުހުއްޓެވެ.”

 

2. ވުޟޫ ކުރުމުގެ ސަބަބުން ﷲގެ ލޯބި އެމީހަކަށް ލިބިގެންދާނެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ (ސޫރަތުލް ބަޤަރާ : 222) މާނައީ: ” ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.”

 

3. ވުޟޫ ކުރުމުގެ ސަބަބުން އޭނާގެ ދަރަޖަ އުފުލި އަދި ފާފަ ފޮހެވިގެންދާނެއެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. “أَلاَ أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ؟”‏ ‏ قَالُوا: بَلَى، يَا رَسُولَ اللَّهِ ،‏ قَالَ: ‏”‏إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ، وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ، وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ، فَذَلِكُمُ الرِّبَاطُ، فَذَلِكُمُ الرِّبَاطُ، فَذَلِكُمُ الرِّبَاطُ” (رواه مسلم) މާނައި: “އެކަމެއްގެ ސަބަބުން ﷲ ތަޢާލާ ފާފަތައް ފުއްސަވާ އަދި އެކަމެއްގެ ސަބަބުން އެކަލާނގެ ދަރަޖަތައް މަތިވެރިކުރައްވާ ކަމެއްގެ އިރުޝާދު ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނުދެއްވާނެހެއްޔެވެ؟” އަޞްޙާބުބޭކަލުން ދެންނެވިއެވެ. ނޫނެކެވެ. އެކަމުގެ އިރުޝާދުދެއްވާށެވެ! އޭﷲގެ ރަސޫލާއެވެ! އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “އެއީ ހިތްނުރުހޭ ޙާލަތްތަކުގައި (އެބަހީ ފިނިގަދަ ރޭތަކުގައި) ވުޟޫ ފުރިހަމަކޮށް ކުރުމާއި، މިސްކިތްތަކާ ދިމާލަށް ފިޔަވަޅުތައް ގިނަވުމާއި، (އެބަހީ މިސްކިތް ދުރުވުމާއެކު މިސްކިތަށް ނަމާދަށް ދިއުމާއި، އެއްނަމާދަށްފަހު އަނެއްނަމާދަށް އިންތިޒާރުކުރުމެވެ. ފަހެ ޖިހާދަށް ތައްޔާރުވުމަކީ އެއީއެވެ. ފަހެ ޖިހާދަށް ތައްޔާރުވުމަކީ އެއީއެވެ. ފަހެ ޖިހާދަށް ތައްޔާރުވުމަކީ އެއީއެވެ.”

4. ވުޟޫކޮށް ނިމިގެންދިޔަ ސަހާދަތުގެ ދެކަލިމަ ކިޔައިފި މީހަކަށް ސުވަރުގެ ދޮރުކޮޅުތަށް ހުޅުވިގެންދާނެއެވެ.

މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُبْلِغُ أَوْ فَيُسْبِغُ الْوَضُوءَ ثُمَّ يَقُولُ : أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُ اللَّهِ وَرَسُولُهُ إِلَّا فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاءَ މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ވުޟޫކޮށް އެވުޟޫ ފުރިހަމަކޮށް ނިމުމަށްފަހު، ދެން މިފަދައިން أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُ اللَّهِ وَرَسُولُهُ (ހަމަކަށަވަރުން ﷲ މެނުވީ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ މާތް ﷲ ގެ އަޅާ ކަމަށާއި ރަސޫލާކަމަށްވެސް އަޅު ހެކިވަމެވެ.) ކިޔައިފިނަމަ، ސުވަރުގޭގެ އަށް ދޮރުކޮޅުގެ ތެރެއިން އޭނާ ބޭނުން ދޮރުކޮޅަކުން ވަނުމަށް އޭނާއަށްޓަކައި ހުޅުވިގެންނުދާ އެކަކުވެސް ނުވެއެވެ.”

5. ވުޟޫކުރުމަކީ ޝައިތާނީ ވަސްވާސްތަކުން މީހާ ދުރުކޮށްދޭ ކަމެއް.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. “إنَّ الْغَضَبَ مِنَ الشَّيْطَانِ وَإِنَّ الشَّيْطَانَ خُلِقَ مِنَ النَّارِ وَإِنَّمَا تُطْفَأُ النَّارُ بِالْمَاءِ فَإِذَا غَضِبَ أَحَدُكُمْ فَلْيَتَوَضَّأْ ‏” މާނައީ: “ހަމަކަށަވަރުން ރުޅިއަކީ ޝައިޠާނާގެ ފަރާތުން އަންނަ އެއްޗެކެވެ. އަދި ހަމަކަށަވަރުން ޝައިޠާނާ ޚަލްޤު ކުރެވިގެންވަނީ އަލިފާނުންނެވެ. އަދި އަލިފާން ނިވާލެވޭކަން ކަށަވަރީ ފެނުންނެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު ރުޅިއަތުވެއްޖެނަމަ ފަހެ ވުޟޫ ކުރާހުށިކަމެވެ.” މިއީ އިމާމް އަލްބާނީ ޟައީފް ކުރައްވާފާއިވާ ޙަދީޘްފުޅެކެވެ.

6. އެއީ ފިތުރަތުގެ މަތީގައި މަރުވުމަށް މެދުވެރިވާކަމެއް.

މާތް ﷲ ރުއްސުންލެއްވި އަލް ބަރާއު ބިން ޢާޒިބުގެ ކިބައިން ރިވާވެގެންވެއެވެ. “‏إذا أتيت مضجعك فتوضأ وضوءك للصلاة، ثم اضطجع على شقك الأيمن، وقل‏:‏ اللهم أسلمت نفسي إليك، ووجهت وجهي إليك وفوضت أمري إليك، وألجأت ظهري إليك رغبة ورهبة إليك لا ملجأ ولا منجا منك إلا إليك آمنت بكتابك الذي أنزلت، وبنبيك الذي أرسلت، فإن مت، مت على الفطرة، واجعلهن آخر ما تقول‏” މާނައީ: “ތިބާ ނިދާ ތަންމައްޗަށް އަރަން ގަސްކުރާހިނދުގައި، ތިބާ ނަމާދަށް ވުޟޫ ކުރާ ފަދައިން ވުޟޫ ކުރާށެވެ. ދެން ތިބާގެ ކަނާއަތް ފަރާތަށް އަރިއަށް އޮށޯންނާށެވެ. ދެން މިދައިން ދުޢާކުރާށެވެ. اللهم أسلمت نفسي إليك، ووجهت وجهي إليك وفوضت أمري إليك، وألجأت ظهري إليك رغبة ورهبة إليك لا ملجأ ولا منجا منك إلا إليك آمنت بكتابك الذي أنزلت، وبنبيك الذي أرسلت (ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ނަފްސު މިއަޅާ އިބަ ﷲ އަށް ކިޔަމަންތެރިކޮށްފީމެވެ. އަދި މިއަޅާގެ ކަންތައްތައް އިބަ ﷲ އާ ޙަވާލުކޮށްފީމެވެ. އަދި މިއަޅާގެ މޫނު އިބަ ﷲ އާ ކުރިމަތިކޮށްފީމެވެ. އަދި މިއަޅާގެ ބުރަކަށި އިބަ ﷲ ގެ ޙަޟްރަތަށް ލަންބައިފީމެވެ. (އެބަހީ އިއަޅާ އިބަ ﷲ އަށް ބަރޯސާކޮށް އިޢުތިމާދުކޮށްފީމެވެ.) އިބަ ﷲ ގެ ރަޙްމަތަށް އުންމީދުކޮށް، އިބަ ﷲ ގެ ޢަޛާބަށް ބިރުވެތިވާ ޙާލުގައެވެ. އިބަ ﷲ ގެ ޢަޛާބުން ރައްކާތެރިކަން ލިބިގަންނާނެ ތަނެއް، އަދި ނަޖާވާނެ ތަނެއް، ހަމަ އިބަ ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. އިބަ ﷲ ބާވައިލެއްވި، އިބަ ﷲ ގެ ފޮތަށާއި، އިބަ ﷲ ފޮނުއްވި، އިބަ ﷲ ގެ ނަބިއްޔާއަށް މިއަޅާ އީމާންވަމެވެ.”) މިގޮތުގައި ތިބާ އޮވެ މަރުވެއްޖެ ކަމުގައިވާނަމަ، ތިބާ މަރުވެ އެދަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. ނިދުމުގެ ކުރިން ތިބާ އެންމެ ފަހުން ކިޔާ ދުޢާއެއް ކަމުގައި މިދުޢާ ހަދާށެވެ.”

7. އެއީ މީހާގެ އީމާންކަން އަންގައިދޭކަމެއް.

ވުޟޫއަކީ މާތް ﷲ ޝަރުޢު ކުރައްވާފައިވާ އަޅުކަމެކެވެ. އަދި އެކި އަޅުކަން ކުރުމަޓަކައި ވުޟޫކުރުން ލާޒިމު ކުރުވައެވެ. މީހަކު ގިނައިން ވުޟޫ ކުރާނަމަ އެކަމުން އެ ދޭހަކޮށްދެނީ އޭނާއަކީ މާތް ﷲ ފަރުޟުކުރައްވާފައިވާ އަޅުކަންތައް އަދާކުރުމަށްފަހު އަދި އިތުރުވެސް ކުރާ މީހެއް ކަމެވެ.

 

މަސްދަރު: އިސްލާމިކް ނޮލެޖްވައިބަރ ގުރޫޕް

0