އަޚްލާޤު
މިނިވަންކަމަކީ ކޮބައިބާ؟

ﷲ ސުބުޙާނަޙޫ ވަތަޢާލާ މިދުނިޔެއަށް އިންސާނާ ފޮނުއްވިއިރު އޭނާގެ ކިބައިގައި ނުބައިކަންތައްތަކަށް ހެއްލުންތެރިވުމުގެ ޣަރީޒާ ލައްވާފައި ވާކަމީ ވަންހަނާ ވެގެންވާ ކަމެއްނޫނެވެ. ނަމަވެސް އެއާއެކު އެކަލާނގެ ވަނީ ނުބައިކަންކަމަށް އަރައިގެންފިނަމަ ލިބޭނޭ ހިތި ނަތީޖާވެސް އިންސާނާއަށް ބަޔާންކޮށްދެއްވާފައެވެ. ނުބައި ޢަމަލުތައް ކުރާމީހުން އެފަދަ ކަންތައް ކުރަނީ އެއްވެސް ޙާލެއްގައި އޭނާ އެކުރާ ކަމުގެ މަޖުބޫރުކަމެއް އޭނާއަށް އޮވެގެނެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ހެވާއި ނުބައިވަނީ އޭނާއަށް ސާފުކޮށް ބުނެދެވިފައެވެ.

ދުނިޔޭގައި ހެވާއި ނުބައި އެކުލެވިގެންވެއެވެ. މިއީ ދުނިޔޭގައި ޚަލީފާއަކު ލެއްވި ދުވަހުއްސުރެ ފެށިގެން ހިނގަމުން އަންނަ ކަމެކެވެ. ހެވާއި، ނުބައި އުފަލާއި ހިތާމަ، ޞިއްޙަތާއި ބަލިމަޑުކަން، އަރާމާއި ބަރުބަލިކަން، އަދި ހޫނާއި ފިނި މިހުރިހާ ކަމަކީވެސް ދުނިޔޭގެ އެންމެހައި ކަންތައް ހަމަހަމަވެ ސީދަލަށް ހިނގުމަށްތަކައި ޤުދުރަތުން ލައްވާފައިވާ ޤާނޫނުތަކެކެވެ. އަނދިރިކަން ނުވާނަމަ އަލިކަމުގެ ނިޢުމަތް އެކަކަށްވެސް އިޙްސާސް ނުކުރެވުނީހެވެ. ހިތާމަވެރިކަން ނުވާނަމަ އުފާވެރިކަމުގެ އިޙްސާސް ނުކުރެވުނީހެވެ. ބާރު ސްޕީޑުގައި ދުއްފާފައިދާ މީހެއްގެ ކުރިމަތީގައި ބެހެއްޓިފައި ހުރި ބޯޑެއްގައި ވަކިފަރާތަކަށް ނޭޅުމަށް އިންޒާރު ދެވިފައިވާ ފަދައިންނެވެ. އެއީ މަސައްކަތް ހިނގަމުންދާ މަގެއްކަމާއި އެހެންވެ މަސައްކަތް ހިނގާ ފަރާތަށް ނޭޅުމަށާއި، އެހެން ހަދައިފިނަމަ ދިމާވެދާނޭ ނުރައްކަލާއި ކުރިމަތި ވެދާނޭ ޙާދިޘާއެއްގެ އިންޒާރު ދީފައިވެއެވެ. އަދި އެއްވެސް ފަރާތަކަށް ނާޅާ ސީދާ ދިއުމަށްވެސް މިބޯޑުގައި އިރުޝާދު ދީފައިވެއެވެ. ނަމަވެސް ޑްރައިވަރު ގަސްތުގައި ވާގޮތެއް ބަލައިލާށޭ ކިޔާ އެ މަގުން އެޅީ އޭނާގެ އިޚްތިޔާރުގައެވެ. އެހެންކަމުން އޭނާއާ ކުރިމަތިވާ ކޮންމެ ނުރައްކަލެއްގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ ހަމަ އޭނާއެވެ. ތިމާއަށް މިހެން ކަންތައް ދިމާވީ އެބައިމީހުން މަގުގައި މަސައްކަތްކުރަމުން ގެންދިޔައިމާ ނޫންހޭ ބުނުމުގެ ކުޑަވެސް ޙައްޤެއް އޭނާއަކަށް ލިބިގެން ނުވެއެވެ. އެހެނީ އެބައިމީހުން ވަނީ ކަމުގެ އިރުޝާދު ފުރިހަމައަށް ދީފައެވެ.

ގިނަ ބަޔަކަށްވަނީ މިނިވަންކަމުގެ މާނަ އޮޅިފައެވެ. ވަރަށް ގިނަ މީހުންދެކޭ ގޮތުގައި މިނިވަންކަމަކީ އެމީހަކު ހިތަށް އެރިހައި ގޮތަކަށް އުޅުމެވެ. އެފަދަ މީހުން މިނިވަންކަމުގެ ދާއިރާ ފަހަނައަޅައި ގޮސްއެހެން މީހުންގެ މިނިވަން ކަމަށްވެސް އަރައިގަނެއެވެ.

ބައެއްގެތެރޭގައި ހުރެގެން ސިނގިރޭޓެއް ބޮއިފައި ކައިރީގައި ތިބި ބަޔަކާ ދިމާލަށް ދުން ފޮނުވާލާއިރު އެބައިމީހުންގެ މިނިވަންކަން ނަގާލެވެނީ ނޫންބާއެވެ؟

 

އާމްދަނީ ހޯދަން މަސައްކަތްކުރުމީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. އެހެނަސް އާމްދަނީ ހޯދުމުގެ ނަމުގައި މީސްތަކުންގެ އަޚުލާޤަށާއި ސުލޫކު ފަސާދަކުރަނިވި ތަކެއްޗާއި ބާވަތްތައް، އަދި ހަށިގަނޑަށް ގެއްލުން ކުރަނިވި ތަފާތު ބާވަތައް މުޖުތަމަޢުގައި ވިއްކައި ފަތުރައި ޢާއްމުކުރަނީ، ކަމުގެ ނުރައްކާތެރިކަމާއި ނުބައިކަމަށް އެއްވެސް ވިސްނުމެއް ނެތި، މިނިވަންކަމުގެ ނަމުގައެވެ. ޙަޤީޤަތުގައި އެފަދަ މީހުންވަނީ މިނިވަންކަމުގެ އިންގަޑު ފަހަނަ އަޅައި ގޮސް އެހެން މީހުންގެ މިނިވަންކަމުގެ އިމުގެ ތެރެއަށް ވަދެގެންފައެވެ.

މަގުގައި ހިނގާފައިދާ މީހުންނަށް އުނދަގޫކޮށް ފުރައްސާރަކޮށް ހަދައި އުޅޭ މީހުންނަކީވެސް ޙަޤީޤަތުގައި މިނިވަންކަމުގެ މާނަ އޮޅުވާލާ ބަޔެކެވެ.

އަދި ކީއްތޯއެވެ. މިނިވަންކަމޭ ކިޔައި ތިމާގެ އަމިއްލަ ހަށިގަނޑު ހަލާކުގެ ތެރެއަށް އެއްލާލާ މީހުންނަކީވެސް
މިނިވަންކަމުގެ މާނަ އޮޅިފައިވާ ބަޔެކެވެ. އިންސާނާގެ ހަށިގަނޑާއި ޞިއްޙަތަކީ އަދި ޚުދު ތިމާގެ ފުރާނައަކީ ވެސް ތިމާއާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. އެއާމެދު އޭނާއާ ސުވާލުކުރެވޭނެ ދުވަސް އަންނާނެކަން ދަންނަން ޖެހެއެވެ. އެހެން ކަމަށްވާނަމަ ޖަވާބުދާރީވާންވެސް ތައްޔާރުވާން ޖެހެއެވެ. އަބޫ ބަރްޒަތުލްއަސްލަމީ ގެ އަރިހުން އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގެ މާނާގައިވެއެވެ. “ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް އޭނާއާއި ހަތަރު ކަމަކާމެދު ސުވާލު ނުކުރެވެނީސް ހުރިތަނުން ގުޑާވެސް ނުލެވޭނެއެވެ. އެއީ އޭނާގެ ޢުމުރު ހޭދަ ކުރީ ކިހިނަކުންތޯ އާއި އޭނާގެ ޒުވާންކަން ނަގާލީ ކިހިނަކުންތޯއާއި އޭނާއަށް ލިބިފައިވާ މުދާ ހޯދީ ކިހިނަކުންތޯއާއި ހޭދަކުރީ ކިހިނަކުންތޯއާއި އަދި އޭނާއަށް ލިބިފައިވާ ޢިލްމަކާމެދު ކަންތައްކުޅައީ ކިހިނަކުންތޯއެވެ.”

 

މިއީ ޑރ. އަބްދުލް މަޖީދު ޢަބްދުލް ބާރީ ރަޙިމަހުއް ﷲ ދަރުމަ މަޖައްލާއަށް ލިޔުއްވާފައިވާ ލިޔުމެކެވެ.

0