ނަޞޭޙަތާއި އިރުޝާދު
ނަރަކައިން މުއްތިކުރެއްވުން އެދި 3 ފަހަރު ދުޢާކުރުމުން…

މީގެ ދުވަސްކޮޅެއް ކުރިން އިޖްތިމާޢީ ވިއުގަތަކުގައި އެނބުރެމުން ދިޔަ ޕޯސްޓެއްގައިވެއެވެ.
“ކޮންމެ ފަތިސްނަމާދަކާއި މަޣްރިބް ނަމާދަކަށް ފަހު “اللهم أجرني من النار” މިފަދައިން 7 ފަހަރު ކިޔާ މީހެއްގެ ގައިގައި ނަރަކައިގެ އަލިފާން ނުބީހޭނެކަމަށް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމަށް އިމާމް އަޙްމަދު ރިވާކުރައްވާފައިވެއެވެ.”

މިއީ ޞައްޙަ ވާހަކައެއްތޯ ނުވަތަ ނޫންތޯ ބައެއް ބޭފުޅުން ވަގުތުން ސުވާލު އުފެއްދެވިއެވެ. އެއީ ރަނގަޅުކަމެކެވެ. ދީނީގޮތުން، އަޅުކަމެއްގެ ގޮތުން ވަކި ޚާއްޞަ ކަމެއް ކުރަން ފެށުމުގެ ކުރިން އެއީ ޞައްޙަ ޚަބަރެއްތޯ ބަލަންޖެހޭނެއެވެ. ބައެއް މީހުންނަށް ސުވާލަކަށްވީ، އެހާ ކުޑަކުޑަ ޢަމަލެއް ކޮށްލައިގެން އެހާ ބޮޑު މުޞީބާތަކުން ހަމަ ސަލާމަތް ވެވިދާނެތޯއެވެ؟

ކޮންމެއަކަސް މިޙަދީޘްގެ ޞައްޙަކަމާމެދު ޢިލްމުވެރިން ދެކިލައްވާ ގޮތެއް ބަލާލަމާ ހިނގާށެވެ. މިފަދަ ޙަދީޘެއް އިމާމް އަޙްމަދު އަދި އަބޫ ދާއޫދުވެސް ރިވާކުރައްވާފައިވެއެވެ. މި ޙަދީޘަކީ (ބަލިކަށި) ޟަޢީފު ޙަދީޘެއްކަމަށް އައްޝައިޚް މުޙައްމަދު ނާޞިރުއްދީނުލް އަލްބާނީ ކަނޑައަޅުއްވައެވެ. (ބައްލަވާ، އައްސިލްސިލަތުއް ޟަޢީފާ، 1624) އެހެންކަމުން ޟަޢީފް ޙަދީޘަކަށް ޢަމަލުކުރުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. އެދުޢާ ކުރުމަކުން މައްސަލައެއް ނެތެވެ. އެއީ ރަނގަޅު ދުޢާއެކެވެ. އެހެނަސް، އެޙަދީޘްގައިވާ ފައިދާ ލިބިގަތުމަށް، އެވަގުތުތަކަށް ޚާއްޞަކޮށްގެން އެދުޢާކޮށް އެޙަދީޘަށް ޢަމަލުކުރުމެއް ނެތެވެ.

އެޙަދީޘަކީ ބަލިކަށި ޟަޢީފު ޙަދީޘަކަށްވީ ޙަދީޘް ޢިލްމުވެރިންގެ މިންގަނޑުތަކުން ޞައްޙަ ނުވަތަ ޙަސަނު ދަރަޖައަށް އެޙަދީޘްގެ ޝަރުޠުތައް ނުދާތީއެވެ. ބައެއް ބޭފުޅުންނަށް ހީފުޅުވެފައި ވާ ގޮތަށް، އެހާ ކުޑަކަމަކުން އެހާ ބޮޑު މުޞީބާތަކުން ސަލާމަތްވެވޭތީއެއްނޫނެވެ.
އެހެނީ، މިފަދަ އެހެން ޞައްޙަ ޙަދީޘްތައް އަހަރެމެންނާ ހިސާބަށް އައިސްފައިވެއެވެ. އެއަށްވުރެވެސް މާ ކުޑަކަމެއް ކޮށްލައިގެން އެފަދަ ފައިދާއެއްލިބޭ ފަދަ އިރުޝާދުތަކެވެ. އެފަދަ، ޢަމަލުކުރެވޭނެ، ޞައްޙަ ޙަދީޘެއް ދަސްކޮށްލަމާތޯއެވެ. ފަތުރަންވީ ވެސް މިފަދަ ޞައްޙަ ޙަދީޘްތަކެވެ.

عن أنس رضي الله عنه ، قال : قال النبي صلى الله عليه وسلم : ” من سأل الله الجنة ثلاث مرات قالت الجنة اللهم أدخله الجنة ، ومن استجار من النار ثلاث مرات قالت النار اللهم أجره من النار” .

رواه الترمذي ( 2572 ) وابن ماجه ( 4340 ) ، وهو حديث صحيح ، صححه الشيخ الألباني رحمه الله في ” صحيح الجامع ” ( 6275 ) .
އަނަސްގެފާނު (رضي الله عنه ) ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ސުވަރުގެ ދެއްވުން އެދި 3 ފަހަރު މީހަކު، ﷲގެ ޙަޟްރަތުގައި ދަންނަވައިފިނަމަ، ސުވަރުގެ ބުނާނެއެވެ. “އޭ ﷲއެވެ. އޭނާ ސުވަރުގެއަށް ވައްދަވާނދޭވެ!” އަދި ނަރަކައިން މިންޖުކުރެއްވުން އެދި މީހަކު 3 ފަހަރު ދަންނަވައިފިނަމަ، ނަރަކަ ބުނާނެއެވެ. “އޭ ﷲއެވެ. އޭނާ ނަރަކައިން މިންޖުކޮށްދެއްވާނދޭވެ!””
رواه الترمذي ( 2572 ) وابن ماجه ( 4340 )
މިއީ ޞަޙީޙް ޙަދީޘެކެވެ. (ބައްލަވާ، ޞަޙީޙުލް ޖާމިޢު، 6275)

އެހެންކަމުން މިދުޢާ ކޮންމެ ގަޑިއަކުވެސް ކިޔަމުން ގެންދަންވީއެވެ. ވަކި ދުވަހެއް، ވަކި ނަމާދެއްގެ ފަސް ނުވަތަ ކުރިއަށް ޚާއްޞަކުރުމެއް ނެތެވެ. އެންމެ 3 ފަހަރު ކިޔާލުމުން އެފައިދާ އެލިބުނީއެވެ. އަދި މި ޞައްޙަ ޙަދީޘް އެހެން ބަޔަކާ ޙިއްސާކޮށްލައިގެންވެސް އޭގެ ފައިދާވެސް ހޯދަންވީއެވެ.

ލިޔުނީ: ޙާތިމް ޔޫސުފް
މުރާޖަޢާ: އައްޝައިޚް ފަޟްލޫން މުޙައްމަދު އިބްރާހީމް

0