މޫސަގެ 4 ކުދިން ތިބޭއިރު، އެހުރިހާ ކުދިންނަކީވެސް އަޚްލާޤް ރަނގަޅު، ހަރުދަނާ ދިރިއުޅުމެއް އުޅެމުންދާ ކުދިންނެވެ. އެންމެ ދޮށީ ދަރިފުޅަކީ ޤުރްއާން ހިތުދަހެވެ. ދެން ޢާއިލާގައި ތިބީ 2 ޑޮކްޓަރުންނާއި ޤާނޫނީ ވަކީލެކެވެ. އެއްދުވަހަކު އަހަރެން މޫސައާއި ސުވާލުކުރީމެވެ. “ މޫސަގެ ދަރިން އަޚްލާޤު ރަނގަޅުވެފައި، ދިރިއުޅުމުގައި މަތީ ކާމިޔާބުތައް ހޯދަމުން ދިޔުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟“ މޫސަ ޖަވާބުދިނެވެ. ”އެހެން މީހެއްގެ ދަރިން އަހަރެންނަށް ފެންނަ ކޮންމެ ފަހަރަކު، އެދަރިޔަކީ އަޚްލާޤު ރަނގަޅު، ދެދުނިޔޭގެވެސް ބާއްޖަވެރިއެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރަމެވެ. އަހަރެން ނުދަންނަ މީހެއްގެ ދަރިއެއް ފެނުނު ކަމުގައި ވިޔަސް މިގޮތައް ދުޢާކުރަމެވެ. އެހެން އަހަރެން ކަންތައް ކުރަނީ އަހަރެންގެ ދުޢާތަކަށް މަލާއިކަތުން އާމީން ވިދާޅުވެ، އަހަރެންނަށްވެސް އެފަދަ ހެވެއް ދެއްވުން އެދި ދުޢާ ކުރައްވާނެތީއެވެ. .“
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«دَعْوَةُ الْمَرْءِ الْمُسْلِمِ لِأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّمَا دَعَا لِأَخِيهِ بِخَيْرٍ، قَالَ الْمَلَكُ الْمُوَكَّلُ بِهِ: آمِينَ وَلَكَ بِمِثْلٍ» [رواه مسلم / كتاب: الذكر والدعاء والتوبة والاستغفار / باب: فضل الدعاء للمسلمين بظهر الغيب / رقم: 88 – (2733)]
މާނައީ: “މުސްލިމަކު އޭނާގެ އަޚާގެ މައްޗަށް، އޭނާ ނެތް ތަނުގައި ކުރާ ދުޢާ އިޖާބަވެގެންވެއެވެ. އެމީހެއްގެ ބޯ ކައިރީގައި އޭނާއާ ހަވާލުކުރައްވާފައިވާ މަލާއިކަތެއްވެއެވެ. އެމީހެއްގެ އަޚާއަށް ހެޔޮ ކަމަކަށް ދުޢާ ކުރާ ކޮންމެ ފަހަރަކު އޭނާއާ ހަވާލުކުރައްވާފައިވާ މަލާއިކަތާ ދަންނަވައެވެ. އާމީންއެވެ. އަދި ތިބާއަށްވެސް އެފަދައިން ދެއްވާށެވެ.”