ނަޞޭޙަތާއި އިރުޝާދު
ޢީދު އުފަލުގެ ނަމުގައި އަރައިގަނެވޭ ބައެއް މުންކަރާތްތައް…!

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ބަރަކާތްތެރި ރަމަޟާން މަހާއި ޙައްޖުގެ އަޅުކަން އަދާކޮށް ނިމުމާއިއެކު މުސްލިމުންނާއި ބައްދަލުކުރާ އެންމެ އުފާވެރި ދެދުވަހަކީ ފިތުރުޢީދާއި އަޟްޙާޢީދެވެ. އެދުވަސްތަކެއްގައި ﷲއަށް ތަކްބީރު ކިޔުމާއި އުފާފާޅުކުރުމާއި މީރު ކާތަކެތި ކައިބޮއި އުޅުމަށްޓަކައި ﷲ ތަޢާލާ ދެއްވައިފައިވާ މި ދެދުވަސް މިހާރު ބޭނުން ކުރެވެނީ ކޮންގޮތަކަށްތޯ ހަމަ ކޮންމެ މުސްލިމަކުވެސް ސުވާލުކޮށްލަން ޖެހެއެވެ. އެހެނީ އުފާފާޅުކުރުމުގެ ޙުދޫދު ކަނޑައެޅުއްވެވި ﷲ ތަބާރަކަ ވަތަޢާލާގެ އަމުރު ފުޅުތަކަށް ޙުރުމަތްތެރިކޮށް ނުހިތޭނަމަ އެއިލާހުގެ ކޯފާއާއި ޢަޒާބު އެބައެއްގެ މައްޗަށް އައުމަކީ ދުރުގައިވާކަމެއް ނޫނެކެވެ. އެގޮތުން މިލިޔުމުގައި މި ބަލާނަނީ ރާއްޖޭގެ މުޖުތަމަޢުގައި ޢީދާއި ގުޅުވައިގެން ކުރަމުން އަންނަ ބައެއް މުންކަރާތްތަކަށެވެ.

  1. ލަވައާއި މިޔުޒިކްގެ ޙަރަކާތަތައް

ޢީދުދުވަހެއް ކުރިމަތިވެގެން އަންނައިރު ޝައިތާނާގެ ދުންމާރިފުމެ ލަވަކިޔާ ނަށާ ފަންނާނުންނާއި ބޭންޑުތަކާއި ބޮޑުބެރު ގުރޫޕްތައް ބޮޑެތި އަގުގައި މުސްލިމުންގެ ޢީދުގެ އުފަލަށް މަރުޙަބާ ކިޔައެވެ. މިކަމުގެ ހަރާމްކަމާއި މެދު އުއްމަތުގެ ޢިލުމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނުވެއެވެ.

ލުޤުމާން ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ…﴾ [سورة لقمان ٦]

މާނައީ: [ﷲގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ.]

މިއުއްމަތުގެ ޢިލުމުވެރިޔާ އިބުން ޢައްބާސް رضي الله عنهما ވިދާޅުވެފައިވެއެވެ. “އެއީ ލަވަކިޔުމެވެ.” އަދި މުޖާހިދު رحمه االله ވިދާޅުވެފައިވެއެވެ. “اللهو އެއީ ބެރެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ، يَسْتَحِلُّونَ الحِرَ وَالحَرِيرَ، وَالخَمْرَ وَالمَعَازِفَ…)) [رواه البخاري تعليقا برقم 5590 ، ووصله الطبراني والبيهقي ، وراجع السلسلة الصحيحة للألباني 91]

މާނައީ: ” ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން  ޒިނޭއާއި، ފަށުވި (ފޭރާމާއި)، ރަލާއި، މިއުޒިކު ކުޅޭ ސާމާނު ޙަލާލުކުރާނެ ބަޔަކު އަންނާނެއެވެ.”

  1. އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ކުޅެވޭ ކުޅިވަރުތައް

ޢީދުދުވަސްތައް ފާހަގަ ކުރުމުގައި ދެޖިންސުގެ މީހުން މަސްހުނިވެގެން ތަފާތު ކުޅިވަރުތައް ކުޅުމާއި ޕާޓީތައް ބޭއްވުމާއި ފެންކުޅިކުޅުމަކީ އިސްލާމީ ތަރަޙައިން މުޅިން ބޭރުގައި ކުރެވޭ ބޮޑުވެގެންވާ މުންކަރާތެކެވެ. އެފަދަ ކަންކަން ގިނަވެފައިވާތީ ޒުވާނުންނަށް އެއީ ގޯސްކަމެއްހެން ހީނުވާކަހަލައެވެ. އެހެން ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ވަނީ އެކަލޭގެފާނުގެ ޞަޙާބީބޭކަލުންގެ ތެރެއިން އަންހެން ބޭކަނބަލަނުންނަށް ދީން އުނގައްނައިދެއްވުމަށް ވަކިދުވަހެއްގެ ވަކި މަޖިލިހެއް ކަނޑައަޅުއްވާފައެވެ. މިއީ ދީނުގެ ކަމެއްކުރެއްވުމުގައި އެކަލޭގެފާނު އެޅުއްވި ފިޔަވަޅެވެ. ވީއިރު އަދި އުފާފާޅުކުރުމަށް ދެ ޖިންސުގެ މީހުން އެކުވެ މަސްހުނިވާނީ ކޮންފަދައަކުންތޯއެވެ.

  1. ފިރިހެނުން އަންހެނާގެ ހެދުން އެޅުން

މިކަމަކީ ރާއްޖޭގެ ޢީދުތަކާއި ގުޅުވައިގެން ބޮޑުމާލި ނެރޭއިރު ނުވަތަ ކޯޑިކަނޑާއިރު ޢާއްމުގޮތެއްގައި ކޮށްއުޅޭ ކަމެކެވެ. އެގޮތުން ފިރިހެނުން އަންހެންހެދުމުގައި ނުވަތަ މި ނޫންވެސް ސޫރަތަކުގައި މޭކަޕްކޮށް ރަށުތެރޭގައި އެގޮތް މިގޮތަށް އެނބުރެއެވެ.  ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

((لَعَنَ رَسُوْلُ اللهِ المُتَشَبِّهِيْنَ مِنْ الرِّجَالِ بِالنِّسَاءِ وَ المُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ)) رواه البخاري

މާނައީ: “ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްގޮތއްވާ މީހުންނަށާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްގޮތަވާ މީހުންނަށް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ލަޢްނަތްލެއްވިއެވެ.”

  1. ﷲގެ އަމުރުފުޅުތަކާއި ނަހީފުޅުތަކަށް ސަމާލުކަން ނުދިނުން

ޢީދުދުވަހެއް ނިމިގެންދާއިރު އެމާތް ދުވަހުގެ ބަރަކާތް ކެނޑި އެތައް މުންކަރާތެއް ފެތުރި އިސްލާމީ މުޖުތަމައެއް ދިރިއުޅޭ ރަށެކޭ ނުބުނެވޭވަރަށް ފާފަތަކަށް މީސްތަކުންގެ ތެރެއިން ގިނަބަޔަކު މިއޮންނަނީ އަރައިގަންފައެވެ. ނަމާދުތައް އަޅާފައި ތަކްބީރުކިޔުން ދޫކޮށް ރޭގަނޑާއި ދުވާލުގެ ހުރިހާ ވަގުތެއް ޝައިތާނާގެ ބައިވެރިން އުފާކޮށްދިނުމުގައި ހޭދަކުރެވެމުންދާއިރު ﷲގެ ދީނުގައި މި ދުވަހުގައި އުފާފާޅުކުރުން އޮންނަނީ ކޮންގޮތަކަށްތޯ ބަލައިލަނީ ވަރަށްވެސް މަދު މީހެކެވެ. އަދި މިނޫނަސް ޢީދުގެ އުފަލުގެ ނަމުގައި މުންކަރާތްތައް މަނާކުރާ މީހުންނަކީ ހައްދުފަހަނައަޅާފައި ތިބޭ މީހުންކަމަށް ބުނެއެވެ. ﷲ ތައާލާ ވަޙީކުރައްވައިފައިވެއެވެ.

(وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا) النساء 115

މާނައީ: ” އަދި، އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއި ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބަޢަވާމީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.”

އަޅަމެން އެންމެންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވައިފައިވާ ގޮތުގެމަތިން ޢީދު ދުވަސް ފާހަގަކުރާ ބަޔަކުކަމުގައި ލައްވާނދޭ! އާމީން

 

މަސްދަރު: ދި ސަލަފިއްޔާ

0