ނަޞޭޙަތާއި އިރުޝާދު
ރަމަޟާންމަސް އަޅުގަނޑުމެންނާ ވަކިވެގެންދާއިރު..

ބަރަކާތާއި ރަޙްމަތުން ފުރިގެންވާ ދުވަސްތަކަކާއެކު މިއަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރުމަށްފަހު ދުވަސްތައް ވޭތުވަމުން މިހާރު ގުނަމުން މިދަނީ އެމަހުގެ އެންމެފަހު ދުވަސްތަކެވެ.

މިރަމަޟާންމަހާ އަޅުގަނޑުމެން ކުރިމަތިލީވެސް ނުހަނުގިނަ އުންމީދުތަކާއެކުއެވެ. ވަރުގަދަ އަޒުމަކާއެކުއެވެ. ސުވާލަކީ، ރަމަޟާންމަސް އަޅުގަނޑުމެންނާ ވަކިވެގެންދާއިރު އެއުއްމީދު ތަކުގައި ކުލަޖެއްސުނީ ކިހާވަރަކަށްހެއްޔެވެ؟ ޢަމަލުތައް އިޞްލާޙުކުރުމަށް އުއްމީދު ކުރިނަމަ އެކަން ޙާޞިލުވީ ކިހާވަރަކަށް ހެއްޔެވެ؟ ތިބާއަށް ކުރެވެމުން އައި ގޯސް ޢަމަލުތައް ދޫކުރުމަށް ކުރި ޢަޒުމުގައި ޘާބިތުވެވުނީ ކިހާވަރަކަށް ހެއްޔެވެ؟

ހަމަގައިމުވެސް އުފާކުރުން ޙައްޤު ކަންކަން އެބަހުއްޓެވެ. މިސްކިތުގެ ޖަމާޢަތަށް ނަމާދަށް އަންނަ މީހުންގެ ޢަދަދު އެތައް ގުނައެއް އިތުރުވިއެވެ. ފަރުޟު ނަމާދުތަކަށް ކުރީބައިގައި މިސްކިތައް އެތައް ބަޔަކު އައްނަމުން ދަނީ އުފާކުރުން ޙައްޤު ޢަދަދުތަކަށެވެ. ހަމައެކަނި ފަރުޟު ނަމާދުތަކެއް ނޫނެވެ. ތަރާޥީޙް ނަމާދާއި ދަމުނަމާދުގައިވެސް އެތައް ބަޔަކު ބައިވެރިވަމުން ދެއެވެ. އެންމެ އުފާވާ ކަމަކީ މީގެތެރޭގައި ޒުވާނުންގެ ބޯތައްވެސް ގިނަކަމެވެ. ނަމާދަށްފަހު މިސްކިތުގައި މަޑުކޮށްލައިގެން ޤުރުއާން ކިޔަވާލުމަށް ތިބެނީވެސް މަދު ޢަދަދެއް ނޫނެވެ. ﷲއަށް ޙަމްދު ހުއްޓެވެ.

ނަމަވެސް ހިތާމައަކީ، ރަމަޟާންމަސް ނިމުމާއެކު އެމިސްކިތްތަށް ފަޅުވެގެން ދާތީއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ނަމާދުތަކާ ދުރުވެގެން ދާތީއެވެ. ދޫކޮށްލެވެނީ ހަމައެކަނި ސުންނަތް ނަމާދުތަކާއި ދަމުނަމާދެއް ނޫނެވެ. އެހެނެއްކަމަކު ކޮންމެ ދުވަހަކު ފަސްވަގުތު ކުރުމަށް އަންގާވާފައިވާ ފަރުޟު ނަމާދުތަކާވެސް ދުރުވެވެނީއެވެ. އެއްބަޔަކަށް ހަމައެކަނި ހުކުރުނަމާދަށް މިސްކިތް ފެންނައިރު އަނެއް ބަޔަކަށް މިސްކިތް ނުވެސް ފެންނަނީއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ! އެހެން ނުހައްދަވާށެވެ! ނަމާދަކީ ދީނުގެ ތަބެވެ. ދިރިއުޅުމުގެ މަސްއޫލިއްޔަތުތައް ކިތައްމެ ގިނަވިޔަސް، މަސައްކަތްތަކުގައި ކިތައްމެ “ބިޒީ”ވިޔަސް ނަމާދަށް ފަރުވާކުޑަ ނުކުރާށެވެ. ފަރުޟު ނަމާދުތައް އޭގެ ވަގުތުގައި އަދާކުރާށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. “إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا”  سورة النساء 103

“ހަމަކަށަވަރުން، ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަގުތުކަނޑައެޅިގެންއޮތް  ފަރުޟެއްކަމުގައިވެއެވެ.”

އަދި ކީރިތި ޤުރުއާން ކިޔެވުންވެސް ދޫކޮށް ނުލާށެވެ. ރަމަޟާންމަހު ކީރިތި ޤުރުއާން ކިޔެވުމުގައި ހޭދަ ކުރިވަރަށް ވަގުތު ހޭދަނުކުރެވުނު ކަމުގައިވިޔަސް މަދުވެގެން ކޮންމެ މަހަކު ޚަތިމެއް ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. އަދި އެޤުރުއާނުން ހިތުދަސްވެފައިވާ މިންވަރު އިތުރުކުރެވޭތޯ ބަލާށެވެ. ރަސޫލު الله صلّى الله عليه وسلّم، ޙަދީޘްފުޅުކުރެއްވިއެވެ .  “اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِى يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ”  (رواه مسلم)  މާނައީ: “ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން ޤުރުއާނުގެ އަހުލުވެރިންނަށް،ޤިޔާމަތްދުވަހުން އެ ޤުރުއާން ޝަފާޢަތްތެރި އެއްގެ ގޮތުގައި އަންނާނެއެވެ.”

ރަމަޟާންމަހު ތިއެންމެހާ އަޚުންނާއި އުޚުތުން ކުރެއްވި ޞަދަޤާތް މާތް ﷲ ޤަބޫލުކުރައްވާށިއެވެ. ރަމަޟާންމަސް ނިމުމަށްފަހުވެސް ތިގޮތުގައި ދެމިހުންނާށެވެ. ކުޅަދާނަވީ މިންވަރަކުން ޞަދަޤާތް ކުރާށެވެ. އެއީ ފެނުން އަލިފާން ނިވާލާފަދައިން ފާފަތައް ފުހެލާ ކަމެކެވެ. ރަސޫލު الله صلّى الله عليه وسلّم، ޙަދީޘްފުޅުކުރެއްވިއެވެ . ” وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ” (جامع الترمذي) މާނައީ: “ފެނުން އަލިފާން ނިއްވާލާ ފަދައިން ޞަދަޤާތުގެ ސަބަބުން ފާފަތައް ފުހެލައެވެ.”

ރަމަޟާންމަހުގައި އަޅަމެން ކުރި ޢަމަލުތައް ޤަބޫލުކުރައްވާ ރަމަޟާންމަހަށް ފަހުގައިވެސް ހެޔޮޢަމަލުތަކުގައި އަޅަމެން ޘާބިތުކުރައްވާށިއެވެ! އާމީން!

0