ނަޞޭޙަތާއި އިރުޝާދު
ކަންދެއްކުމުގެ ނުބައިކަން

ރަސޫލުﷲ  صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

[ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ އެމީހަކާއި ޚިލާފަށް ނިޔާ އިއްވެވޭނެ އެކަކީ ޝަހީދުވި މީހާއެވެ. ފަހެ އޭނާ ގެނެވޭނެއެވެ. ދެން ﷲ ޞުބްހާނަހޫ ވަތަޢާލާ އޭނާއަށް ދެއްވެވި ނިޢުމަތްތައް އޭނާއަށް ހަނދާންކޮށްދެވޭނެއެވެ. އަދި އެ ނިޢުމަތްތައް އޭނާގެ ހަނދާނަށް އަތުވެދާނެއެވެ. ﷲ ވަޙީކުރައްވާނެތެވެ.

“އެ ނިޢުމަތައްތަކުގެ ބަދަލުގައި ތިބާ ދުނިޔޭގައި ކުރީ ކޮންކަމެއްތޯއެވެ؟”

އޭނާ ބުނާނެއެވެ.

“ތިމަންނަ މިވަނީ އިބަ އިލާހުގެ މަގުގައި ޖިހާދުކުރަނިކޮށް ޝަހީދުވެފައެވެ.”

ވަޙީކުރައްވާނެއެވެ. “ތިބާ ހަދަނީ ދޮގެވެ. ތިބާ ހަނގުރާމަކުޅައީ ގަދަފަދަ މީހެކޭ ބުނުވުމަށެވެ. ފަހެ ހަމަކަށަވަރުން އެގޮތަށް ބުނެވިއްޖެއެވެ.”

ދެން އިލާހީ އަމުރުފުޅުގެ ދަށުން އޭނާ މޫނުވަތަށް ބިމުގައި އަޅާ ދެމެމުން ގޮސް ނަރަކައަށް އެއްލައިލެވޭނެއެވެ.

އަދި (އެފަދަ އަނެއް މީހަކީ) ޢިލްމު އުގެނުނު މީހެކެވެ. އަދި އެހެން މީހުންނަށް އުގަންނާދިން މީހެކެވެ. އަދި ޤުރުއާން ކިޔަވައިދޭ މީހެކެވެ. ފަހެ އެމީހާ ގެނެވޭނެއެވެ. ދެން ﷲ ޞުބްހާނަހޫ ވަތަޢާލާ އޭނާއަށް ދެއްވެވި ނިޢުމަތްތައް އޭނާއަށް ހަނދާންކޮށްދެވޭނެއެވެ. އަދި އެ ނިޢުމަތްތައް އޭނާގެ ހަނދާނަށް އަތުވެދާނެއެވެ.

ﷲ ވަޙީކުރައްވާނެތެވެ. “އެ ނިޢުމަތައްތަކުގެ ބަދަލުގައި ތިބާ ދުނިޔޭގައި ކުރީ ކޮންކަމެއްތޯއެވެ؟”

އޭނާ ބުނާނެތެވެ. “ތިމަންނަ ޢިލްމު ޙާޞިލްކުރީމެވެ. އަދި އެހެންމީހުންނަށް އުނގަންނައިދިނީމެވެ. އަދި އިބަ އިލާހުގެ ރުއްސެވުންއެދި ޤުރުއާން ކިޔެވީމެވެ.”

ﷲ ވަޙީކުރައްވާނެތެވެ. “ތިބާ ހަދަނީ ދޮގެވެ. ނަމަވެސް ތިބާ ޢިލްމު ޙާޞިލްކުރީ ދަންނަބޭކަލެކޭ ބުނުވުމަށްޓަކައެވެ. އަދި ތިބާ ޤުރުއާން ކިޔެވީ ޤާރީބޭކަލެކޭ ބުނުވުމަށްޓަކައެވެ. ފަހެ ހަމަކަށަވަރުން އެގޮތަށް ބުނެވިއްޖެއެވެ.”

ދެން އިލާހީ އަމުރުފުޅުގެ ދަށުން އޭނާ މޫނުވަތަށް ބިމުގައި އަޅާ ދެމެމުން ގޮސް ނަރަކައަށް އެއްލައިލެވޭނެއެވެ.

އަދި (އެފަދަ އަނެއް މީހަކީ) ﷲ ޞުބްޙާނަހޫ ވަތަޢާލާ ތަނަވަސްކަންދިން މީހެކެވެ. އަދި އެމީހާއަށް ތަފާތު މުދާވެރިކަން ދެއްވިއެވެ. ފަހެ އޭނާ ގެނެވޭނެއެވެ. ދެން ﷲ ޞުބްހާނަހޫ ވަތަޢާލާ އޭނާއަށް ދެއްވެވި ނިޢުމަތްތައް އޭނާއަށް ހަނދާންކޮށްދެވޭނެއެވެ. އަދި އެ ނިޢުމަތްތައް އޭނާގެ ހަނދާނަށް އަތުވެދާނެއެވެ.

ﷲ ވަޙީކުރައްވާނެތެވެ. “އެ ނިޢުމަތައްތަކުގެ ބަދަލުގައި ތިބާ ދުނިޔޭގައި ކުރީ ކޮންކަމެއްތޯއެވެ؟”

އޭނާ ބުނާނެއެވެ. “އިބަ އިލާހު ރުއްސަވާ އެންމެހާ ކަންތައްތަކުގައި ތިމަންނަ މުދާ ހޭދަކުރީމެވެ.”

ﷲ ވަޙީކުރައްވާނެތެވެ. “ތިބާ ހަދަނީ ދޮގެވެ. ނަމަވެސް ތިބާ ހޭދަކުރީ ދީލަތި މީހެކޭ ބުނެވުމަށެވެ. ފަހެ ހަމަކަށަވަރުން އެގޮތަށް ބުނެވިއްޖެއެވެ.”

ދެން އިލާހީ އަމުރުފުޅުގެ ދަށުން އޭނާ މޫނުވަތަށް ބިމުގައި އަޅާ ދެމެމުން ގޮސް ނަރަކައަށް އެއްލައިލެވޭނެއެވެ.]

ޞަޙީޙް މުސްލިމްގައިވާ ޙަދީޘެއްގެ ތަރުޖަމާ

0