ނަޞޭޙަތާއި އިރުޝާދު
މައްސަރުގެ ދުވަސްވަރު ލައިލަތުލްޤަދްރި ހޯދުމަށްޓަކައި ކުރެވޭނީ ކޮންކަންކަމެއް؟

ބައެއް ކަނބަލުންގެ މައްސަރު ދުވަސްވަރު ރޯދަމަހާއި ދިމާވެއެވެ. ތިރީގައި މި ހުށަހަޅާލަނީ އެފަދަ ކަނބަލުންނަށް ރޯދަމަހުގެ ދަރުމަޔާއި ޘަވާބު ހޯދުމަށްޓަކައި ކުރެވިދާނެ ބައެއް ހެޔޮ ޢަމަލުތަކެވެ.
1. އެންމެ ފުރަތަމަ ކަމަކަށް، މައްސަރު ދުވަސްވަރާއި ރޯދަމަހާއި ދިމާވެގެން ހިތްހަމަ ނުޖެހިފައި ނުހުންނާށެވެ. އެކަމުގެ ސަބަބުން ތިބާއަށް ދަނީ އެތައް އަޖުރެއް ލިބެމުންނެވެ. މުއުމިނަކަށް ކުރިމަތިވާ ކޮންމެ ވަރުބަލިކަމެއްގެ ސަބަބުން، ކޮންމެ ތަދެއްގެ ސަބަބުން، ކޮންމެ ކަންބޮޑުވުމެއްގެ ސަބަބުން، ކޮންމެ އުނދަގުލެއްގެ ސަބަބުން އެ މުއުމިނާގެ ކުށްފާފަތައް ފުހެވިގެންދާނެއެވެ. މިގޮތައް ފާފަތައް ފުހެވޭނީ އެ އުނދަގޫތަކާއި ކަންބޮޑުވުންތަކަށް ކެތްތެރިވީމައެވެ.
އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ.
” مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ ”
އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާއި ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ކުށްފާފަތައް ނުފުއްސަވާނޭ މުއުމިނަކު ނުވެއެވެ.

2. ހެޔޮ ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ބިސްމިﷲ ކިޔާށެވެ.
3. ﷲ ތަޢާލާގެ އިސްމުފުޅުތަކުގެ ތެރެއިން ވީހާވެސް ގިނަ އިސްމުފުޅު ދަސްކޮށް، އެ އިސްމުފުޅުތަކުން އެކަލާނގެއަށް ދުޢާކުރާށެވެ.
4. މުޞްޙަފުގައި ނުބީހި ހިތުން ކިޔެވޭ ސޫރަތްތައް، ގޭގައި އިނދެ ކިޔަވާށެވެ. މިސާލަކަށް އިޚްލާޞް ސޫރަތް ގިނަގިނައިން ކިޔަވާށެވެ. އިޚްލާޞް ސޫރަތް ކިޔަވައިފިނަމަ، ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔެވުމުގެ އަޖުރާއި އެއްފަދަ އަޖުރު ލިބޭނެއެވެ.
5. ތިބާ މައްސަރު ދުވަސްވަރު ޖެހުމުގެ ސަބަބުން ކުރިން އާދަވެ ކުރަމުން އައި ހެޔޮޢަމަލެއް ނުކުރެވުނުކަމުގައި ވިޔަސް، އެ ޢަމަލު ކުރުމުގެ އަޖުރު ތިބާއަށް ލިބޭނެއެވެ. މިކަމާ އުފާކުރައްވާށެވެ.
«إِذَا مَرِضَ العَبْدُ، أَوْ سَافَرَ، كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا» صحيح البخاري ”
(ﷲގެ) އަޅާ ރަށުގައި ޤާއިމުވެ، ހެޔޮ ޙާލުގައިހުރެ (ޤަވާޢިދުން) ކުރާ ޢަމަލުތައް، އޭނާ ބަލިވެގެން ނުވަތަ ދަތުރުމަތީގައިވުމުގެ ސަބަބުން ނުކުރެވުނުކަމުގައިވިޔަސް އެ ޢަމަލުތަކުގެ އަޖުރު އޭނައަށް ލިޔުއްވޭނެއެވެ.”

6. ފަހުދިހައިގެ ރޭ ތަކުގައި ކުރަން ވާރިދުވެފައިވާ ދުޢާ ގިނަގިނައިން ކިޔާށެވެ.

ޢާއިޝާ رضي الله عنها ޤަދްރި ވިލޭރޭ ކުރަށްވާނެ ދުޢާއަކާއި ބެހޭގޮތުން ސުވާލުދެންނެވުމުން ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ.

”ކަމަނާ ވިދާޅުވާށެވެ. (اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ)“

މާނައީ: ”އޭ الله! އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކުރައްވާންދޭވެ.“

0