ނަޞޭޙަތާއި އިރުޝާދު
ފަހު ދިހައިގެ އެއްވެސް ރެއެއް މިދުޢާ ނުކޮށް ދޫކޮށްނުލާތި!

މިއަހަރުގެ ރަމަޟާން މަހުގެ އެންމެ މުހިންމު ދުވަސްތައް މިއޮތީ އަޅުގަނޑުމެންނާއި ބައްދަލުވެފައެވެ. ބަރަކާތްތެރި ދުވަސްތަކެކެވެ. ރޭތަކެކެވެ. އެރޭތަކުން ރެއެއްގައި ޤަދްރިވިލޭރޭ ހިމެނޭ މާތް ރޭތަކެކެވެ.

ޢާއިޝާ رضي الله عنها ޤަދްރި ވިލޭރޭ ކުރަށްވާނެ ދުޢާއަކާއި ބެހޭގޮތުން ސުވާލުދެންނެވުމުން ރަސޫލުﷲ  ޙަދީޘްކުރެއްވިއެވެ.

“ކަމަނާ ވިދާޅުވާށެވެ. (اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ)”

މާނައީ: “އޭ الله! އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކުރައްވާންދޭވެ.”

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ފަހުދިހައި އެއްވެސް ރެއެއް މިދުޢާ ނުކޮށް ދޫކޮށްނުލާށެވެ! ބުރަކޮށް އުޅެންޖެހުނުކަމުގައިވިޔަސް މިދުޢާ ހިތުދަސްކޮށް ގިނަގިނައިން ކިޔޭތޯ ބަލާށެވެ. ސައިކަލުގައި ދަތުރުކުރަމުންވެސް ކިޔާށެވެ! ބަދިގޭގައި އުޅޭ ވަޤުތުތަކުގައިވެސް ކިޔާށެވެ! މާނައަށް ވިސްނައިގެން ތަކުރާރުކުރާށެވެ! ޤަދްރިވިލޭރޭގެ ޘަވާބާއި ދަރުމަ ލިބޭތޯއެވެ!

1