ރަމަޟާން
ބަދުރު ހަނގުރާމައިގެ ދުވަހުގައި ޞަޙާބީން ތިއްބެވީ ރޯދައަށްތަ؟

އިސްލާމީ އުންމަތުގެ މައްޗަށް މާތް ﷲ ރޯދަ ފަރުޟު ކުރެއްވީ ހިޖުރައިން 2 ވަނަ އަހަރުގައެވެ. އަދި ރަސޫލާ صلى الله عليه وسلم ރޯދަ ހިއްޕެވީ 9 ރަމަޟާން މަހުގައެވެ.

ދުޝްމިނުންނާއި ހަނގުރާމައިގެ މައިދާނުން ބައްދަލުވާ ވަގުތު ރޯދަ ދޫކޮށްލެއްވުމަށް ރަސޫލާ صلى الله عليه وسلم ޞަޙާބީންނަށް އިރުޝާދުދެއްވާފައިވެއެވެ. އެއީ ދުޝްމިނުންނާއި ކުރިމަތިލާ ވަގުތުގައި މުސްލިމުންގެ ލަޝްކަރުގެ ކިބައިން ރޯދައިގެ ވަރުބަލި ކަންގޮސް، ގައިގާ ބާރުޖެހި ޖޯޝުގައި އެމީހުންނާ ކުރިމަތި ލުމަށްޓަކައެވެ.

ބަދުރު ހަނގުރާހަމައަކީ މުސްލިމުންނާއި މުޝްރިކުންނާއި ދެމެދު ކުރެވުނު ފުރަތަމަ ހަނގުރާމައެވެ. މުޝްރިކުންގެ ވިޔަފާރި ޤާފިލާއެއް އަތުލެއްވުމަށް ރަސޫލާ صلى الله عليه وسلم 314 ޞަޙާބީންނާއެކު ނިކުމެވަޑައިގެންނެވިއެވެ. މިހާ މަދު ޢަދަދެއްގެ ބޭކަލުންނާއެކު ނިކުމެވަޑާއިގަތީ ހަނގުރާމައެއް ހިނގާނެކަން އެނގިވަޑައިނުގަންނަވާތީއެވެ. މުސްލިމުންގެ އަތުގައިވަނީ 70 ޖަމަލާއި 1 ނުވަތަ 2 އަހެވެ. މުސްލިމުން ދިޔައީ ދަތުރުގައި ސަވާރީތައް އެއްބޭކަލަކު އަނެއް ބޭކަލަކަށް ހިއްސާކުރައްވަމުންނެވެ.

الحافظ ابن رجب ބަޔާންކުރައްވާފައިވެއެވެ. ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ރޯދަ ފަރުޞު ކުރެއްވުނީ ހިޖުރައިން ދެވަނަ އަހަރުގައެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ރަމަޟާން މަހުގައި ރޯދަ ހިއްޕެވީ އެއަހަރުގައެވެ. އަދި މުސްލިމުތަކުންވެސް ރޯދަ ހިއްޕެވިއެވެ. އެއަހަރުގެ ރަމަޟާންމަހުގެ 12 ވީ ހޮނިހިރު ދުވަހު ޝާމްކަރައިން މަދީނާއާއި ދިމާއަށް އަންނަ ޤުރައިޝުންގެ ވިޔަފާރި ޤާފިލާއެއް އަތުލެއްވުމަށް ރަސޫލާ صلى الله عليه وسلم ނިކުމެ ވަޑައިގެންނެވިއެވެ. އަދި އެ ދަތުރުފުޅުގައި އެކަލޭގެފާނު ރޯދަފުޅު ވީއްލެވިއެވެ. އިބްނު މުސައްޔިބު ވިދާޅުވިއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. އަހުރެމެން ރަމަޟާން މަހެއްގައި ދެ ފަހަރެއްގައި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ލަޝްކަރެއްގައި ނިކުންނެވީމެވެ. އެއީ ބަދުރު ހަނގުރާމައިގެ ދުވަހާއި މައްކާ ފަތަޙަކުރެއްވި ދުވަހެވެ. އަދި އަހުރެމެން އެދެފަހަރުގައި ވެސް ރޯދަ ދޫކޮށްލެއްވީމެވެ.

ޞަޙާބީން ރޯދަ ދޫކޮށްލެއްވީ އެބޭކަލުން ދުޝްމަނުންނާއި ބައްދަލުވި ވަގުތު ތަކުގައެވެ. އެކަމުގެ ސަބަބުން އެބޭކަލުންގެ ހަށިކޮޅުގައި ބާރުޖެހި ދުޝްމަނުންގެ މައްޗަށް ނަޞްރު ހޯއްދެވުމަށް މަގުފަހި ވެގެން ދިޔައެވެ.

މިހަނގުރާމާގައި ވަރަށް ގިނަ ގޮތްގޮތުން މުސްލިމުންނަށް ނަޞްރު ލިބިގެންދިޔައެވެ. މިގޮތުން ކުރިންވެސް ބަޔާންކޮށްފައިވާނޭ ފަދައިން މިހަނގުރާމައަކީ މުޝްރިކުންނާއި ހަނގުރާމައެއްގެ ސިފައިގާ ކުރިމަތިލުމެއް ހިނގައިދިޔަ ފުރަތަމަ ފަހަރަށް ވުމާއެކު، މުސްލިމުންނަށް މުޝްރިކުންގެ މައްޗަށް ނަޞްރު ލިބިގެން ދިޔައެވެ. މިހަނގުރާމައިން ނަޞްރު ދެއްވާނެކަމުގެ އުފާވެރި ޚަބަރު މާތް ﷲ ރަސޫލާ صلى الله عليه وسلم އަށް ދެއްވިއެވެ.  މިހަނގުރާމައިގާ މުސްލިމުނަށް ނަޞްރު ދެއްވުމަށް މާތް ﷲ، އުޑުން މަލާއިކަތް ބޭކަލުންތަކެއް ފޮނުއްވިއެވެ. އަދި މުސްލިމުންނާއި އެންމެބޮޑަށް ޢަދާވާތްތެރިވެގެން އުޅުނު އަބޫ ޖަހުލު ވަރަށް ނިކަމެތި ގޮތަކަށް މި ހަނގުރާމާއިގާ ޤަތުލު ކުރެވިގެން ދިޔައެވެ.

1