ލަޝްކަރުގެ މީސްތަކުން ހަށި ފަސޭހަކުޅައުމަށް ތަބޫކަށް ފައިބާ، އަދި ހަމަނުޖެހިގެން އުޅެނިކޮށް އަބޫ ޚައިޘަމާ ވަޑައިގެން މިލަޝްކަރާއި ގުޅިވަޑައިގެންފިއެވެ. މިކަލޭގެފާނުންގެ ވާހަކައީ، މިކަލޭގެފާނަކީ މަދީނާގެ މުއްސަނދި މާތް ބޭކަލެކެވެ. އެކަމަކު މިކަލޭގެފާނަކީވެސް މުދާވެރިކަމާހުރެ، މިހަނގުރާމަޔަށް ނުދެވި ފަސްޖެހިފައި ހުރެވުނު މީހެކެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަނގުރާމަޔަށް ނުކުމެ ވަޑައިގަތުމަށްފަހު އެއްދުވަހަކު މިކަލޭގެފާނުން ވަޑައިގެން މިކަލޭގެފާނުގެ ބޮޑު ބަގީޗާއަށް ވެންނެވިއިރު، މިބަގީޗާގެތެރޭގައި މިކަލޭގެފާނުގެ ދެ އަނބީން، ރޯ ގަސްގަހުގެ ފަތުން ވަރަށް ރީތިކޮށް، ކޮންމެ މީހަކު ކުޑަގެޔެއް ހަދައިގެން، މައްޗަށް ފެން އުކާ ތެއްމައިގެން، ވަރަށް ރަނގަޅު ކާނާ ތައްޔާރުކޮށްގެން ވަރަށް އަރާމުގައި އުޅެއުޅެ ތިއްބެވެ.
މިބައިމީހުން މިކަލޭގެފާނު ވަޑައިގަންނަވާތީ ދެކެގެން ކޮންމެ މީހަކު ނުކުމެ މިގެޔަށް ވަޑައިގަންނަވާށޭ، އަޅުގަނޑުގެ ގެޔަށް ވަންނަވާށޭ، ކިޔައި ގޮވާން ފަށައިފިއެވެ. މިކަލޭގެފާނުން އިރުކޮޅަކު ހުންނަވައިފައި ވިދާޅުވިޔޭ، އާނ! އާނ! ރަނގަޅޭ ރަނގަޅޭ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަދަ ހޫނުގައި ހަނގުރާމަޔަށް ދަތުރު ކުރައްވަނިކޮށް އަބޫ ޚައިޘަމާ ތިޔަބައިމީހުންގެ ކައިރީގައި ތިޔަފަދައިން އަރާމުކުރާން އިންނަނީއެވެ. ފިނިގެޔަކާއި، ފިނިކޮށްފައިހުރި ފެނާއި، މީރު ޒާތްޒާތުގެ ކާނާއާއި، ރީތި ނަލަ ހީހީ އިންނަ ޅަ ޒުވާން އަންހެނަކާއި އެބަހުއްޓެވެ. ތޔައީ ރަނގަޅު އިންސާފެއްތާއެވެ. ތިޔަހަރީ ވާނޭ ކަންތަކެއް ނޫނެވެ. އަވަހަށް އެ އޮތް ޖަމަލުގެ މައްޗަށް ދަތުރުގެ ކާނާ އަރުވައިފައި، މަގޭ ދަހަނާއާއި، ކަނޑިއާއި، ލޮންސިއާ ގެންނާށެވެ. ފަހެ، މި ދެއަނބިން ނިކަން އަވަހަށް މިކަން ތައްޔާރުކޮށްލައިފޫއެވެ. ކުއްލިއަކަށް މިކަލޭގެފާނު ޖަމަލުމައްޗަށް ސަވާރުވެ، ދަތުރުކުރައްވާ ވަޑައިގެން، އިތުރު އެކަލޭގެފާނާއި ބައްދަލުކުރެއްވުނީ އިތުރު އެކަލޭގެފާނު ލަޝްކަރާއިގެން ތަބޫކަށް ފައިބައިވަޑައިގަންނަވަނިކޮށެވެ.
(ޙުސައިން ޞަލާޙުއްދީންގެ ކީރިތި ރަސޫލާގެ ސިޔަރަތުން)