ބައެއް އަވަސް ސުވާލު:
- އެންމެ ފަހުން ފައިދާހުރި ފޮތެއް ކިޔީ ކޮންދުވަހަކު؟
- ދުވާލަކު ކިތައްފަހަރު ފޭސްބުކު ނިއުސްފީޑު ބަލަަންހެއްޔެވެ؟
- ފިލާވަޅު ދަސްކުރާއިރު އިރުއިރުކޮޅާ ފޭސްބުކު ބަލާލެވޭ ހެއްޔެވެ؟
- އުނދަގޫ މާއްދާއެއް މުރާޖަޢާކުރަން ޖެހިއްޖެނަމަ ފޯކަސް ގެއްލި މީސްމީޑިއާގައި ވަގުތު ބޭކާރުކުރެވޭހެއްޔެވެ؟
ސޯޝަލް މީޑިއާ އިން ލިބޭ މަޢްލޫމާތުން އަމިއްލަ ނަފުސަށް ފައިދާކުރަނީ ވަރަށް ކުޑަކޮށެވެ.
އަޅުގަނޑުގެ އުސްތާޛެއް ކިޔައި ދެއްވިއެވެ. “ސޯޝަލް މީޑިއާއިން ވަރަށް ގިނަ ދާއިރާތަކެއްގެ މަޢުލޫމާތު ލިބޭކަމަށް ބައެއް މީހުން ހީކުރެއެވެ. ދީނީ، ސިޔާސީ، އިޖުތިމާޢީ އަދި މިނޫން ވެސް އެތައް ދާއިރާއެއްގެ މަޢުލޫމާތުތަކެވެ. ސޯޝަލް މީޑިއާ ބޭނުންކުރާ މީހާގެ މިސާލަކީ ރަށެއްގެ މަތިން ދިޔަ މަތިންދާބޯޓެއްގައި އިން ފަސިންޖަރެއްގެ މިސާލެވެ. އޭނާގެ މަންޒިލަށް ވާޞިލުވުމާއެކު ދަތުރުމަތީގައި ފެނުނު ރަށް ސިފަކޮށްދޭން އޭނާގެ އެކުވެރިޔަކު އެދުނެވެ. އޭނާއަށް ޖަވާބުގައި ބުނެވުނީ އެ ރަށުގައި މިސްކިތަކާއި، ސުކޫލަކާއި، ބޭންކަކާއި ޕޮލިސް ސްޓޭޝަނަކާއި އަދިވެސް މިފަދަ އެތައް ތަނެއް ހުރި ވާހަކައެވެ. ފޮތާއި ގަލަމާއި ކިޔަވައިދޭ އެދުރެއްގެ އެހީގައި އުނގެނޭ މީހާގެ މިސާލަކީ ރަށެއްގައި އުޅެފައި އެހެން ރަށަކަށް ގޮސް ކުރިން އުޅުނު ރަށް ސިފަކޮށްދޭ މީހާގެ މިސާލެވެ. އެރަށުގައި ހުރި ޢިމާރާތްތަކުގެ އެތެރެއާއި ބޭރުގެ ހުރިހާ ތަފްސީލަކާއިއެކު އޭނާ އެ ރަށް ސިފަކޮށްދެއެވެ.”
ސޯޝަލްމީޑިއާ ގެ ސަބަބުން ކޮންސެންޓްރޭޝަން ލެވެލް ދަށްވެއެވެ.
ޑެނިއަލް ގޯލްމަން ވިދާޅުވެފައިވެއެވެ.”ސްމަރޓްފޯން ފަދަ އެއްޗެހީގެ ސަބަބުން އިންސާނުންނަށް އެތައް ފައިދާއެއް ވެއެވެ. އެހެންނަމަވެސް މި ފަދަ އެއްޗެހީގެ ސަބަބުން ކޮންސެންޓްރޭޝަން ލެވެލް ވަރަށް ބޮޑަށް ދަށްވެއެވެ.”
ސޯޝަލްމީޑިއާގެ ގިނަ މަންސަތައް ހެދިފައިވަނީ ބޭނުންކުރާ މީހުން ފަސޭހައިން ދެވިހިފާގޮތަށެވެ.
ވަރަށް ބިޒީ ކޮށް އުޅެން ޖެހިފައިވާ ދުވަހެއްގައިވެސް، މީސްމީޑިއާތައް ބެލުމުގައި އެތައް ވަގުތެއް ބޭކާރުކުރެވޭ ހެއްޔެވެ؟
އެމެރިކާގެ ސައިންޓިސްޓެއް ކަމުގައިވާ ޑރ. ކަލް ނިއުޕޯޓު މީސްމީޑިއާ ކުންފުނިތަކުން މީސްތަކުން އެ މަންސަތަކަށް ދެވިހިފާގޮތް ހެދުމަށްޓަކައި ބޭނުންކުރާ އުކުޅުތައް ތިރީގައިމިވާ ވީޑިއޯގައި ކިޔާދެއްވައިފައިވެއެވެ.
https://youtu.be/3E7hkPZ-HTk
ގުޅުންހުރި ލިޔުންތައް