الحمد لله رب العالمين. الصلاة والسلام على نبينا محمد و آله و صحبه. أما بعد:
މައްސަރުތަކުގެ ތެރެއިން ހެޔޮކަމުގެ ގޮތުން އެންމެ މާތް މައްސަރު އަޅުގަނޑުމެންނާއި މިވަނީ ބައްދަލުވެފައެވެ. އެމަހެއްގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއްވާ މައްސަރާއި އަޅުގަނޑުމެން މިވަނީ ކުރިމަތިލާފައެވެ. އާދެ! ރަމަޟާންމަހެވެ. ރަޙްމަތާއި މަޣްފިރަތުގެ މަހެވެ. ހެޔޮކަމުން ފުރިގެންވާ މަހެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މިމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގަދައަޅާ މަސައްކަތްކުރަންޖެހޭނެއެވެ. އަދި އަޅުގަނޑުމެންނީ ﷲ ގެ ރަޙްމަތާއި ފާފަފުއްސެވުމުގައި ހިމެނިގެންވާ ބަޔަކަށް ވާންވާނެއެވެ. އެހެންނޫނީ އަޅުގަނޑުމެންނީ ﷲ ގެ ރަޙްމަތާއި މަޣްފިރަތުން މަޙުރޫމުވެފައިވާ ބަޔެކެވެ. އެމާތް މައްސަރުގެ ހެޔޮކަމުން ނަޞީބެއް ނުލިބޭ ބަޔެކެވެ.
އެގޮތުން، އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވާ ރަސޫލު ﷲ ޙަދީޘްފުޅެއްގައިވެއެވެ. (رَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ)[1] މާނައީ: “ރަމަޟާން މަސް އެމީހަކާ ބައްދަލުވެ އެމަސް ނިމުނުއިރުވެސް އެމީހެއްގެ ފާފަ ނުފުއްސުނުމީހާގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ”.
(رَغِمَ أَنْفُ رَجُلٍ (ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ) މިއީ އެފަދަ މީހުން ނިކަމެތިކޮށްދެއްވުމަށް އެދި ކުރައްވާފައިވާ ބަދު ދުޢާއެކެވެ).
އަދިވެސް އިތުރު ޙަދީޘްފުޅެއްގައިވެއެވެ. (أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ )[2] މާނައީ: “ތިޔަބައިމީހުންގެ ގާތަށް ރަމަޟާން އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެއެވެ. އަދި މާރިދު ޝައިޠާނުން ކަސްތަޅު އެޅުވެއެވެ. އެމަހުގައި ހާސް މަސްވަރަށްވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ މަޙްރޫމުވެއްޖެއެވެ”.
އެހެންކަމުން، އަޅުގަނޑުމެންނީ ﷲ ޞުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި މަޣްފިރަތުން މަޙުރޫމުވެ، ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮކަމުން މަޙުރޫމުވެފައިވާ ބަޔަކަށް ނުވެވޭތޯ މަސައްކަތްކުރަމާ ހިންގަވާށެވެ. އަޅުގަނޑުގެ ދުޢާއަކީ، ﷲ ޞުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މި ރަމަޟާންމަހުގެ ބޭނުން، އެންމެ ހެޔޮގޮތުގައި ހިފުމުގެ ތަޢުފީޤު ދެއްވާ، ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމުގެ ތަޢުފީޤު ދެއްވުމެވެ. އާމީން!
[1] އައްތިރްމިޒީ
[2] އައްނަސާއީ