ރަމަޟާން
މެދުއިރުމަތީ ރަހަތައް : ބުޚާރީ ރައިސް (ރުޒް ބުޚާރީ)

މިއީ މެދު އިރުމަތީ ގައުމުތަކުގައި ވަރަށް މަޝްހޫރު ކެއުމެކެވެ. ޙާއްސަކޮށް ގަލްފް ސަރަހައްދުގެ ގައުމުތަކުގައެވެ. ބުޚާރީ ބަތަކީ މީރުވަސްދުވާ ތަފާތު ބާވަތްތަކުގެ ހަވާދު އަޅައިގެން ކައްކާ، ގިނަރަހަތަކެއް އެކުލެވޭ ކެއުމެކެވެ.

އެކުލެވޭ ބާވަތްތައް:

2 ތަށި ބާސްމަތީ ހަނޑޫ

2 މ.ސ. ޒައިތޫނި ތެޔޮ

1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފައި ނުވަތަ ތުނިކޮށް ފޮތިކޮށްފައި)

1 ތަށި ކެރެޓު (ގާނާފައި)

1 ދަނޑި ފޮނިތޮށި އަދި/ނުވަތަ ½ ސ.ސ ފޮނިތޮށި ކުނޑި

2 ބޭ ލީފް

2 ސ.ސ. ދިރި

1 ½ ސ.ސ. ކާފޫރު ތޮޅި

½ ސ.ސ. އަސޭމިރުސް (ހެޔޮވަރު ވަރަކަށް)

½ ސ.ސ. ބަޒަބާޒު (މުގުރާފައި)

ސ.ސ. ކަރަންފޫ

1 ½ ތަށި ބޮޑު ސަނާމުގު (ފެނު ކައްކާފައި)

3 ¼ ތަށި ހޫނު ތަރުކާރީ ފެން ( ވެޖިޓަބަލް ބްރޮތް)

ލޮނު

މަދު/ބަދަން ނުވަތަ ހިއްކި މޭވާ ( މައްޗަށް ބުރުވަން)

 

ތައްޔާރު ކުރާނެ ގޮތް:

  • ހަނޑޫ 3 ފަހަރު ދޮވެލުމަށްފަހު 10 މިނިޓަށް (ނުވަތަ އެއަށް ވުރެ ގިނަ އިރަށް) ތާފެނާފެނުގައި ފޯކުރަން ބަހައްޓާށެވެ.
  • ބޮޑު ތަތްނުލަވާ ތެއްޔެއްގައި، މެދު-ގަދަ ގިނީގައި ތެޔޮ ހޫނުކުރުމަށްފަހު ކުޑަ ލޮނުކޮޅަކާއި އެކީގައި ފިޔާ މީރުކޮށްލާށެވެ. ފިޔާ ކައިރިފަށް ރަންކުލައަށް ބަދަލުވާން ފެށުމުން، ގާނާފައިވާ ކެރެޓުތަށް އެޅުމަށްފަހު 1-2 މިނިޓު މީރުކޮށްލާށެވެ. އެވަގުތުކޮޅުގައި ހަނޑޫ ފެން އުކާލުމަށްފަހު ކައިރީގައި ބަހައްޓާށެވެ. އެއަށްފަހު ފޮނިތޮށި، ބޭ ލީފް، ދިރި، ކާފޫރުތޮޅި، އަސޭމިރުސް، ބަޒަބާޒު އަދި ކަރަންފޫ ތެއްޔަށް އަޅާލުމަށްފަހު 30 ސިކުންތުވަންދެން ތަޅުވާލާށެވެ. ހަވާދުތަށް ހަނާވަމުންދާއިރު ވަރަށް މީރުވަސް އަރާނެއެވެ. ހަނޑުލާއި ސަނާމުގު ތެއްޔަށް އަޅާލުމަށްފަހު ހަވާދު ތަކާއިއެކީ މަޑުމަޑުން އެއްކޮށްލާށެވެ. ދެން، ހޫނު ތަރުކާރީފެން ތެއްޔަށް އަޅާފައި ކުޑަކޮށް އެއްކޮށްލާށެވެ. މަތިގަނޑު ކުޑަކޮށް ހުޅުވިފައި ހުންނަވަރަށް ބަހައްޓާފައި ފެންގަނޑު ކެކެން ބަހައްޓާށެވެ. ފެން ހިނދި، ބަތާއި އެއްހަމަޔަށް ފެންތިރިވީމައި ތެލީގައި މަތިޖަހާފައި،22 މިނިޓު ވަންދެން، މަތި ނުނަގާ، އެންމެ ގިނިމަޑުކޮށް ކައްކާލާށެވެ.
  • 22 މިނިޓު ވުމަށްފަހު، މަތިނަގާފައި، މަޑުމަޑުން ބަތްނަގާ ސަމުސަލަކުން ބަތް ތަޅުވާލާށެވެ. އަނެއްކާ މަތިޖެހުމަށްފަހު 5 ވަރަކަށް މިނިޓު އަލިފާންމަތިން ނަގާފައި ބަހައްޓާށެވެ.

ނޯޓު:

ސުފުރާ މައްޗަށް އަރުވާއިރު ބަދަން/މަދު ނުވަތަ ހިއްކި މޭވާ ބަތުގެ މައްޗަށް އަޅާފައި އަރުވާލާށެވެ.

 

އިތުރުބަޔާން:

މި ބަތުގެ އަސްލަކީވެސް އެހާމެ ޝައުގުވެރި ވާހަކައެކެވެ.

މިކެއުމަށް ބުޚާރީ އުރުޒް އޭ ކިޔުނީ މަޝްހޫރު ރަށެއް ކަމަށްވާ ބުޚާރާއަށް ރަމްޒުކޮށެވެ. ބުޚާރާއަކީ ކުރީގެ ވާހަކަތަކުގައި ނަންގަނެވޭ، ޤަރުނުތަކެއްވަންދެން މުޅި އޭޝިއާ ސަރަހައްދުގައި ފެތުރިފައިއޮތް ސިލްކް ރޯޑުގައި ހިމެނޭ މަޝްހޫރު އަވަށެކެވެ. ޙަޤީޤަތުގައި އިގުތިޞާދީ ގޮތުންނާއި ޘަގާފީ ގޮތުން، އިރުމައްޗާއި ހުޅަނގާއި އަދި އެދޭތެރޭ ހުރިހާ ސަރަހައްދެއް ގުޅުވާލާ ބައިވަރު މަގުތަކެއް ސިލްކު ރޯޑުގައި އެކުލެވެއެވެ. މިއީ، ހަވާދުތައް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރުމުގައި އެންމެ މުހިންމު މަގެވެ. ސިލްކު ރޯޑުނިމޭ ހިސާބު ކަމުގައި މެދުއިރުމަތި ވުމުން، އެހެނިހެން ހިސާބުތަކަށް ދައުރުވުމަށް ހަވާދުތައް އެއްތަންވަނީ މިތަނަށެވެ. މިކެއުމުން ރަމްޒުކޮށްދެނީ ސިލްކު ރޯޑުން ފެނިގެންދާނެ އެކިއެކި ހަވާދުތައް އެކުލެވޭ ކެއުމެކެވެ.

މިކެއުމަކީ ވަސްމީރު ތަފާތު ރަހަތަކެއް އެކުލެވޭ އަދި ގާނައިފައިވާ ކެރެޓުގެ ސަބަބުން ރީތި ކުލައެއް ގެނުވައިދޭ ކެއުމެކެވެ. މިކެއުމާއި އެކު، ސެލެޑެއް ނުވަތަ ތަރުކާރީ ޔޯގަޓު، ތޮޅި ނުވަތަ ޓޯފޫ އެކުލެވޭ ބާވަތްތައް ވަރަށް މީރުވާނެއެވެ. ހަނާކުރި މަދު އަދި ބަދަން ފަދަ ތަކެތި މައްޗަށް ބުރުވާލުމުން ރަހައަށް ތަފާތު ބަދަލެއް ގެނެސްދޭނެއެވެ. ހަނާކުރުމަށް ކުޑަ ތަވައެއްގައި 2 މޭޒުމަތީ ސަމުސާ ތެލުގައި މީރުކޮށަލާށެވެ.

0