Uncategorized
ޚުޠުބާ އަޑުއެއްސެވުމަށް މަލާއިކަތުން ތިއްބަވާ އިރު، އަހަރަމެން ޚުޠުބާ ކަނުލައިއެހުން، މާ އައުލާކަން ބޮޑު: ހުކުރުޚުތުބާ

ޚުޠުބާ އަޑުއެއްސެވުމަށް މަލާއިކަތުން ހަމަހިމޭނުން ތިއްބަވާ އިރު، އަހަރަމެން އިންސާނުން ޚުޠުބާ ކަނުލައިއެހުން، މާ އައުލާކަން ބޮޑުކަމަށް މިއަދު ހުކުރުޚުތުބާގައި ވިދާލުވެއްޖެއެވެ.

މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “ޚުޠުބާ އަޑުއެއްސެވުމަށް މަލާއިކަތުން ހަމަހިމޭނުން ތިއްބަވާ އިރު، އަހަރަމެން އިންސާނުން އެ ޚުޠުބާއަށް ކަނުލައި އެހުން، މާ އައުލާކަން ބޮޑެވެ. ކަން މިހެންހުރި ނަމަވެސް މިފަހަކަށް އައިސް އިމާމު މީހާ ޚުޠުބާ އިއްވަމުން ދާއިރު މިސްކިތުގެ ފެންޑާގައްޔާއި، މިސްކިތުގެ ގޯތިތެރޭގައްޔާއި، މިސްކިތުން ބޭރުގައި ވެސް ވާހަކަދައްކަން ތިބުމަކީ، ބައެއް މީހުންގެ މީހުންގެ ފަރާތުން ފެންނަމުންދާ ވަރަށް ހިތާމަހުރިކަމެކެވެ. ”

ހުކުރު ދުވަހަކީ، އެދުވަހެއްގައި ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަގުތެއްވާކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “ހުކުރު ދުވަހަކީ، އެދުވަހެއްގައި ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަގުތެއްވާ ދުވަހެކެވެ. އެވަގުތަކީ، ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު އިރު އޮއްސުމާ ދެމެދުގައިވާ ވަގުތު ކޮޅެއް ކަމުގައި އައިސްފައި ވެއެވެ. ނުވަތަ އެއީ އިމާމާ މިންބަރުގައި އިށީނީއްސުރެ، ހުކުރު ނަމާދުކޮށް އަވަދިވެއްޖައުމަށް ދާންދެން އެވާ ވަގުތު ކަމުގައި ވެސް ރިވާވެގެން އަދި އެވަގުތަކީ ހުކުރު ދުވަހުގެ އެންމެ ފަހުވަގުތު ކަމުގައި ވެސް އައިސްފައިވެއެވެ. އެހެންކަމުން، ހުކުރު ދުވަހު، މާތް ﷲ މިންވަރު ކުރައްވާފައިވާ، މި މަތިވެރި ވަގުތުތަކުގައި، އެކި އެކި ބޭނުންތައް ޖެހިފައިވާ ފަރާތްތަކުން، މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދުޢާކުރުން އިތުރު ކުރުމަށް ނަސޭޙަތްތެރިވަމެވެ. ކީރިތި ރަސޫލާޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. “މީސްތަކުން ހުކުރުނަމާދު އަޅައިފުމުން ރައްކައުތެރިވާ ހުށިކަމެވެ. ނޫންނަމަ، ﷲ ތަޢާލާ އެއުރެންގެ ހިތްތަކުގައި ސިއްކަޖައްސަވައިފާހުއްޓެވެ. ދެން، ހަމަކަށަވަރުން، އެއުރެންނީ ޣާފިލުންގެ ތެރެއިންވާ ބަޔަކު ކަމުގައި ވެދާހުއްޓެވެ.”

ހުކުރު ދުވަހު ސަމާލުވާން ޖެހޭ ކަންކަމުގެ ތެރޭގައި، ހުކުރަށް ހިނައިގަތުމާއި، ހުވަނދުލުމާއި، ސާފުތާހިރު، ރީތި ހެދުމެއް ލުމާއި، ހުކުރު ނަމާދުގެ ޖަމާޢަތަށް ވީހާ ކުރިން ޙާޟިރުވުމާއި، މިސްކިތަށް ފަހުން އަރާ މީހުން، އެހެން މީހުންގެ ކޮނޑުތައް ގިރާކޮށް، ކުރިޔަށް ނުދިއުމާއި، ކުރިން އަރާ މީހުން މިސްކިތުގެ ކުރީ ސަފުތައް ފުރަމުން ގެންދިއުމާއި، މިސްކިތުގައި އިށީނުމުގެ ކުރިން މަސްޖިދު ސުންނަތުގެ ދެރަކުޢަތް ކުރުމާއި، ސަފުތައް ސީދާކުރުމާއި، ޚާއްޞަކޮށް މިސްކިތުން ބޭރުގައި ހެދޭ ސަފުތައް މިސްކިތުގެ ސަފުތަކާ ގުޅުވައިގެން ހެދުމަކީ ސަމާލުވާންޖެހޭނެ ކަންތައްތަކެވެ. އަދި ހަމަ އެފަދައިން ހުކުރު ދުވަހު ކަހްފް ސޫރަތް ކިޔެވުމަކީ ވެސް، ސުންނަތެކެވެ. މިއިން ކޮންމެ ކަމަކީ، އެކަންކަމާ ބެހޭގޮތުން ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި ހުރި ކަންކަމެވެ.

0