ނަޞޭޙަތާއި އިރުޝާދު
ހިތާމަތައް ލުއިކުރެވޭނެ 10ގޮތެއް

ހިތާމަތައް ލުއިކުރެވޭނެ 10ގޮތެއް
ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވާށެވެ.
ޞަޙީޙު މުސްލިމުގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ ” މާނަ : ” އެންމެހައި މަޚްލޫޤުންތަކުންގެ މިންވަރު ﷲ ތަޢާލާވަނީ އުޑުތަކާއި ބިން އުފެއްދެވުމުގެ ފަންސާސް ހާސް އަހަރުކުރިން ލިޔުއްވާފައެވެ. “

މުޞީބާތްތަކަށް ކެތްތެރިވުމުން ލިބޭ މަތިވެރި އަޖުރު ހަނދާންކުރާށެވެ.
((مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ)) [رواه مسلم]
މާނައީ: “އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާ ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ފާފަފުއްސަވައި ނުދެއްވާނެގޮތަކަށް (މީއިން އެއްވެސްކަމެއް) ނުޖެހެއެވެ.”

އެހީއާއި މަދަދުދެއްވުމުގައި އެއިލާހު ދެމިވޮޑިގެންވާކަން އަބަދުވެސް ހަނދާންބަހައްޓާށެވެ.
: و رحمتي وسعت كل شيء :
އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ.
= سورة الأعراف ١٥٦=
އެކަލާނގެ އޯގާވަންތަވެރިކަން މައިވަންތަ ކުލުނާއި އަޅާލުމަށްވުރެވެސް ބޮޑުވެގެންވެއެވެ.
އެކަލާނގެއާއިމެދު ރަނގަޅުގޮތުގައި ހީކުރާ އަޅާއަށް އެކަލާނގެ އިޙްސާންތެރިވެވޮޑިގެންވެއެވެ.
އެހީއާއި މަދަދުދެއްވުމުގައި އެއިލާހު ދެމިވޮޑިގެންވާކަން އަންގައިދޭ ބައެއް އިސްމުފުޅުތަކުގެ ތެރޭގައި المَوْلَى ، النَّصِيرُ ، المُجِيبُ އަދި الفَتَّاحُ ހިމެނެއެވެ.
المَوْلَى ގެ މާނައަކީ އެހީތެރިވެވޮޑިގެންވާ އިލާހެވެ.
النَّصِيرُ ގެ މާނައަކީ ނަޞްރުދެއްވާ އިލާހެވެ.
المُجِيبُ ގެ މާނައަކީ ދުޢާ އިޖާބަކުރައްވާ އިލާހެވެ.

﴿وَاعْتَصِمُوا بِاللهِ هُوَ مَوْلاكُمْ فَنِعْمَ المَوْلَى وَنِعْمَ النَّصِيرُ﴾ [سورة الحج 78]

މާނައީ: “އަދި ތިޔަބައިމީހުން ﷲ ގެ ދީނުގައި ގަދަޔަށް ހިފަހައްޓާށެވެ! އެއިލާހީ ތިޔަބައިމީހުންނަށް ނަޞްރުދެއްވާ، އެހީތެރިވަންތަ އިލާހެވެ. ފަހެ، އެހީތެރިވެވޮޑިގެންވާ އިލާހު މޮޅުކަމާއެވެ! އަދި ނަޞްރުދެއްވާ އިލާހު މޮޅުކަމާއެވެ!”

﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ﴾ [سورة غافر 60]
މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާ ކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.”

.ދުނިޔެވީ ޙަޔާތުގެ ޙަޤީޤަތް ދަންނާށެވެ
“ދުނިޔެއަކީ އިމްތިޙާނެކެވެ.” މިއީ ވަރަށް ގިނައިން އަޅުގަނޑުމެންނަށް އިވޭ ބަސްކޮޅެކެވެ. މުސްލިމުންގެ އަޤީދާއަކީ މި ދުނިޔޭގައި އަޅުގަނޑުމެން ހޭދަކުރާ މަދު ދުވަސްކޮޅަކީ އަންނަން އޮތް ދުނިޔެއަށް ތައްޔާރުވުމަށްޓަކައި ލިބިފައިވާ ވަގުތުކޮޅެއްކަމެވެ.
ދިރިއުޅުމުގައި އަޖައިބަކީ، އިއްޔެ ވަރަށް ޚާއްސަވި އެއްޗެއް، މާދަމާ އެއީ އެއްވެސް އެއްޗެއް ނޫންކަމަށް ވެދާނެއެވެ. ކުރިން ވަރަށް އެކުގައި އުޅުނު މީހެއް، މިއަދު ވަރަށް ދުރު މީހަކަށް ވެދާނެއެވެ. އަދި ކުރިން ވަރަށް ނަފްރަތުކުރި މީހެއް، މިއަދު ވަރަށް ގާތް މީހަކަށް ވުން ވެސް އެކަށީގެން ވެއެވެ.

ތަވައްކަލުކުރުން
ތަވައްކަލްކުރުމަކީ ކަންކަން ޙާސިލުކުރެވެން އޮތް ސަބަބުތަކުގައި ހިފުމާއިއެކު، އެކަންކަމަށް ތިމާ ވާސިލުކޮށްދެވޭނެ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމުގައި ހިތުގެ އަޑިން ޔަޤީންކޮށް، ޢަމަލީގޮތުން އެފަދައިން މަސައްކަތްކުރުމެވެ. ކަންކަމުގައި އެއިލާހަށް ތަވައްކަލްކުރަން ޖެހެނީ އެއިލާހީ ހުރިހާ ކަމެއް ތަދުބީރުކުރައްވާ އަދި އެންމެހާ މަޚްލޫޤުންގެ ވެރި އިލާހުކަމުގައިވާތީއެވެ.
﴿إِنِّي تَوَكَّلْتُ عَلَى اللَّـهِ رَبِّي وَرَبِّكُم مَّا مِن دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ﴾ [سورة هود ٥٦]
މާނައީ: “ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ވެރި އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް ތިމަންކަލޭގެފާނު ވަކީލު ކޮށްފީމެވެ. ހިނގާބިނގާ އުޅޭ އެއްވެސް ދިރޭ އެއްޗެއް، އެ އެއްޗެއްގެ ناصية ގައި އެއިލާހު ހިއްޕަވާ ޙާލުގައިވާ ކަމުގައި މެނުވީ ނުވެއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރައްބު ވޮޑިގެންވަނީ، ސީދާވެގެންވާ މަގުގައެވެ. (ނޯޓު: ناصية އަކީ، ނިތްކުރިމަތީގެ އިސްތަށިގަނޑެވެ. ناصية ގައި ހިއްޕެވުމުގެ މުރާދަކީ، ހުރިހާ ބާރެއް އެއިލާހަށް މިލްކު ވެގެންވުމެވެ.)”

ްއޯގާތެރިކަމާއި އިޙްސާންތެރިކަމުގެ ސަބަބުން އިލާހީ މަދަދު ލިބުމަށް މެދުވެރިވެއެވެ
މޫސާގެފާނު مدين ގެ ފެންވަޅުގެ ކައިރިޔަށް ވަޑައިގެންނެވިހިނދު އެ ފެންވަޅުގެ ކައިރީގައި ތިބި ދެ އަންހެނުންގެ ޖަނަވާރުތަކަށް ފެން ދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ.
﴿رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ﴾ [سورة القصص ۲٤]
އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.
މޫސާގެފާނު ގެ މި ދުޢާ މާތްﷲ އިޖާބަކުރެއްވިއެވެ.މިކުޑަކުޑަ ދުޢާގެ ސަބަބުން އެކަލޭގެފާނުގެ އެންމެހާ ޙާޖަތްތައް މާތްﷲ ފުއްދަވައިދެއްވިއެވެ. އެކަލޭގެފާނަށް ހިޔާވައްސަކާއި،ޞާލިޙް އަންތްބެއް ދެއްވެވިއެވެ. މި ދުޢާ އިޖާބަކުރެއްވުމުގެ އެއް ސަބަބަކީ ބަޔަކަށް ހެޔޮކަމެއްކޮށްދިނުމަށްފަހު ގަދަ ކީރިތިވަންތަ އިލާހުގެ މަދަދަށް އެދުން ކަމުގައި ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

ޞަދަޤާތްކުރުމުގެ ސަބަބުން މުޞީބާތްތަކުން ދުރުކޮށްދެއްވަވައެވެ.
ސުނާމީ އަރާ މުޅި ރަށް ސުންނާފަތި ވެގެންދާއިރު، ޞަދަޤާތްކުރާ މީހާގެ ގެދޮރާއި މުދާ ﷲ ސަލާމަތްކޮށްދެއްވަވައެވެ. ޤައުމަށް އަރައިގަންނަ ޢަދުއްވުން އެތައްް ފިހާރައަކާއި ގެއެއް ލޫޓުވާފައި ފައިބައިގެންދާއިރު؛ ޞަދަޤާތްކުރާ މީހާގެ ގެދޮރާއި މުދާ މާތް ﷲ ރައްކާތެރިކޮށްދެއްވަވައެވެ. އަދިވެސް މިފަދަ އެތައް ޙާދިސާއެއް އަޅުގަނޑުމެންގެ ތެރޭގައި ހިނގާފަ އެބަހުއްޓެވެ. އަދި ހިނގަމުންދެއެވެ.
“މުޞީބާތްތަކުގެ އެކި ވައްތަރުތައް އެއްކިބާކޮށްދިނުމުގައި ޞަދަޤާތުގެ ވަރަށް އަޖައިބުކުރަނިވި އަސަރެއްވެއެވެ. އެއީ ފާޖިރެއް ނުވަތަ އަނިޔާވެރިއެއްކަމުގައިވިޔަސް މެއެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ އޭނާގެ ކިބައިން އެކި ވައްތަރުގެ މުޞީބާތް އެއްކިބާކޮށްދެއްވައެވެ. މިކަމަށް މިބިމުގައިވާ އެންމެންވެސް އިޤުރާރުވާނެއެވެ. އެހެނީ މިއީ އެބައިމީހުން ތަޖުރިބާކޮށްފައިވާނޭ ކަމެކެވެ.”
~خطوات إلى السعادة للشيخ عبد المحسن القاسم |
ޞަދަޤާތްކުރުމުން ބަލިތަކަށް ޝިފާލިބެއެވެ.

އެހެން މީހުންގެ ހިތުގައިވާ ހިތާމަތައް ތިބާ އަށް ފެންނަނަމަ، ތިބާ އެތައްސަތޭކަފަހަރު މާތް ﷲ އަށް ޙަމްދު ކުރީހެވެ.

لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ
ޢަރަބި ބަހުގައި ” الحَوْلُ ” ގެ މާނައަކީ ޙަރަކާތެވެ. ނުވަތަ އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލު ވުމެވެ. އަދި ” القُوَّةُ ” ގެ މާނައަކީ ބާރެވެ. އެހެންކަމުން މިޒިކުރުގެ މުރާދަކީ؛ ހިތާމަވެރިކަމުންނާއި، ފާފަކުރުމުންނާއި، ނުކުޅެދުންތެރިކަމުންނާއި، ފަޤީރުކަމުންފަދަ އެންމެހާ ޙާލަތްތަކުން ރަނގަޅު ޙާލަތްތަކަށް ބަދަލުވެވޭހުށީ، އަދި އެ ބަދަލުވުމުގެ އާރާއިބާރު ވަނީ ހަމައެކަނި الله ގެ ޙަޟްރަތުންނެވެ

ޒަމްޒަމް ފެން
ޒަމްޒަމް ފެނަކީ މުސްލިމުންނަށް ދެއްވާފައިވާ ބަރަކާތްތެރި ފެނެކެވެ. އަދި އެފެނަކީ އެންމެ މަތިވެރި އެންމެ މާތް ފެނެވެ. ފެންތަކުގެ ސައްޔިދެވެ. އަދި އެފެން ނުކުންނަނީ އެންމެ މާތްވެގެންވާ ބިންކަމުގައިވާ މައްކާގެ ބިމުންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.
) (إِنَّهَا مُبَارَكَةٌ، إِنَّهَا طَعَامُ طُعْمٍ)) [رواه مسلم 4/1922]
މާނަ: “ހަމަކަށަވަރުން އެއީ (އެބަހީ: ޒަމްޒަމް ފެނަކީ) ބަރަކާތް ލެއްވިގެންވާ ފެނެކެވެ. އަދި އެއީ ކެއުމެއްގެ ގޮތުގައި ބޭނުންކުރަންވެސް ފުދޭ އެއްޗެކެވެ.”
ޠަޔާލިސީގައި އައިސްފައި ވެއެވެ. “އަދި ބައްޔަށްވާ ފަރުވާއެކެވެ.”
[ބައްލަވާ: الطيالسي 61]

0