ޚަބަރު
އެހީތެރިކަން ބޭނުންވެފައި ތިބި ކުދިންގެ މައިންބަފައިން އިންތިޒާރު ކުރަމުން އެ ދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށް – ޚުތުބާ

އެހީތެރިކަން ބޭނުންވެފައި ތިބި ކުދިންގެ މައިންބަފައިން އިންތިޒާރު ކުރަމުން އެ ދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވީ ” އަޅުގަނޑުމެންގެ މި އިސްލާމީ މުޖުތަމަޢުގައި ވެސް، އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ ބަޔަކު ދިރިއުޅެމުން ދާކަން ކަށަވަރެވެ. އެފަދަ މީހުންނަށް އަޅުގަނޑުމެން އެހީތެރިވާން ޖެހެއެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލައިލަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އުޅެމުންދާ ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި، ޔަތީމު ކުދިންނަށާއި އަޅާލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތަން އެބަޖެހެއެވެ. އެ ކުދިންނަށް އެހީތެރިކަން ދޭން އެބަޖެހެއެވެ. ޚާއްޞަގޮތެއްގައި، ލޭއަޅަން ޖެހިފައިވާ ކުދިން ނުވަތަ ތެލަސީމިޔާ ކުދިންނަށް އެހީތެރިކަމާއި އަޅައިލުން ކޮންމެހެން ދޭންޖެހެއެވެ. އެ ކުދިންގެ ބެލެނިވެރިންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާން އެބަޖެހެއެވެ. ހާލުގެ ދުލުން މިއަދު އެކުދިން ގޮވަމުން އެދަނީ، އަޅުގަނޑުމެންގެ އެހީތެރިކަމަށެވެ. އެ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރީން އިންތިޒާރު ކުރަމުން އެ ދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށެވެ. އެ ތުއްތު ކުދިންނަކީ ވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެއްބައެވެ. އެ ކުދިން ވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. އެ ކުދިން އާދޭސްކުރަމުން އެ ދަނީ އަޅުގަނޑުމެން ހަދިޔާކުރާ ލޭތިއްކަކަށެވެ. ނުވަތަ އަޅުގަނޑުމެން ޞަދަޤާތް ކުރާ ފައިސާފޮއްޗަކަށެވެ. މިގޮތުން ހަދިޔާކުރާ ކޮންމެ ލޭތިއްކަކީ، ﷲގެ މަގުގައި ކުރެވޭ ޞަދަޤާތެކެވެ. ފުރާނައަކަށް ދިރުންދިނުމަށްޓަކައި ކުރެވޭ ޤުރުބާނީއެކެވެ.”

އަވަށްޓެރި ސުރީލަންކާގައި މިދިޔަ ހަފްތާގައި ހިގައިދިޔަ ހިތާމަވެރި ހާދިސާއަށް އިޝާރާތްކޮށް ޚުތުބާގައި ވިދާޅުވީ ” ދާދި ފަހުން އަޅުގަނޑުމެންނާ އަވަށްޓެރި ސްރީލަންކާގެ ރައްޔިތުން ވަނީ ވަރަށް ބޮޑުމުޞީބަތަކާ ކުރިމަތިލާފައެވެ. ރަޙުމެއްނެތް އަނިޔާވެރި ޙަމަލާތަކެއްގެ ސަބަބުން، އެޤައުމުގެ އެތައް ބަޔަކު މަރުވެފައިވާއިރު، އެތައް ބަޔަކުވަނީ ޒަޚަމްވެފައެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި އެޤައުމަށް ކުރިމަތިވި އެންމެ ބިރުވެރި، ހިތާމަވެރި ހާދިޘާކަމަށް ކަމާބެހޭ އިދާރާތަކުގެ ރިޕޯޓްތައް ބުނެއެވެ. މިއަނިޔާވެރި ޙަމަލާތަކުގެ ޝިކާރައަކަށް ކުޑަކުދީންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވެފައިވާ މީހުންނާއި ޒުވާނުންވިއެވެ. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއްގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިފަދަ ހިތާމަތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެމީހުންނަށް ހިތްވަރުދީ، އެހީތެރި ވުމަކީ، މިއަދު އަޅުގަނޑުމެންގެ މައްޗަށްއޮތް އިންސާނީ ޙައްޤެކެވެ.”

0