ނަޞޭޙަތާއި އިރުޝާދު
ހުކުރުނަމާދާ ގުޅިފައިވާ ޞިއްޙީ އަދި އިޖްތިމާޢީ އަދަބުތައް

ހުކުރުނަމާދާ ގުޅިފައިވާ ޞިއްޙީ އަދި އިޖްތިމާޢީ އަދަބުތަކުގެތެރޭގައި ހުކުރުނަމާދަށްޓަކައި ހިނައިގަތުމާއި، ސާފުތާހިރުވުމާއި، ރީތި ފޭރާންލައި ނަލަހެނދުމާއި، ހުވަދުލުން ހިމެނެއެވެ.

ކީރިތިރަސޫލާ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ ” إِذَا كَانَ يَوْمُ الْجُمُعَةِ اغْتَسَلَ الرَّجُلُ وَغَسَلَ رَأْسَهُ ، ثُمَّ تَطَيَّبَ مِنْ أَطْيَبِ طِيبِهِ ، وَلَبِسَ مِنْ صَالِحِ ثِيَابِهِ ، ثُمَّ خَرَجَ إِلَى الصَّلاَةِ وَلَمْ يُفَرِّقْ بَيْنَ اثْنَيْنِ ، ثُمَّ اسْتَمَعَ إِلَى الإِمَامِ غُفِرَ لَهُ مَا بَيْنَ الْجُمُعَةِ إِلَى الْجُمُعَةِ وَزِيَادَةُ ثَلاَثَةِ أَيَّامٍ (5) – ހުކުރުދުވަހު ހިނައިގަނެ، ބޯދުވެ އެމީހެއްގެ އަތުގައި ހުރި އެންމެ ވަސްމީރު ހުވަނދަކުން ހުވަނދުލައި (ނުވަތަ ސެންޓަކުން ސެންޓްލައި) އެންމެ ރަނގަޅު ހެދުމެއްލައިގެން ހުކުރަށް ގޮސް، ދެމީހެއްގެ ދެމެދަށް ވަދެ އެދެމީހުން ފޭނުކޮށް ޚުޠުބާ އަޑުއަހައި، ނަމާދުކުރި މީހާއަށް، އެ ހުކުރާ އަނެއް ހުކުރާ ދެމެދުގައި ކުރެވޭ ފާފަތައް ފުއްސަވާދެއްވާނެތެވެ. އަދި އިތުރަށް ތިން ދުވަހުގެ ފާފަތައް ވެސްމެއެވެ.”

މި ބަސްފުޅުން އެނގެނީ އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެއްކަމެވެ. އަދި އިޖްތިމާޢި ކަންތައްތަކުގައި ބައިވެރިވާ އިރު އެތެރެފުށާއި ބޭރުފުށް ޒީނަތްތެރި ކުރަންޖެހޭނެކަމެވެ. ބައްދަލުވުމުގައި ބައިވެރިވާ މީހަކަށް ތިމާގެ ސަބަބުން އުދަނގުލެއް ފޯރަފާނެކަމެއް ކޮށްގެންނުވާނެކަމެވެ.

ހުކުރު ދުވަހުގެ އެބޮޑު ޖަމާޢަތަށް އެއްވާ އެއްވުމަކީ މީސްތަކުންނަށް އެބައިމީހުން ފެށުމާއި ނިމުން ހަނދުމަކޮށްދޭނޭ ކަމެކެވެ. ހުކުރު ނަމާދު ފަރުޟު ކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރޭގައި ﷲ ތަޢާލާ ކޮންމެ އުންމަތަކަށްމެ އެބައިމީހުން އަޅުކަމަށް ހުސްވެ އުޅޭނޭ ދުވަހެއް ލެއްވުން ހިމެނެއެވެ. އެގޮތުން އެއިލާހު ސުބުޙާނަހޫ ވަތަޢާލާ މިއުއްމަތައް އިޚްތިޔާރު ކުރެއްވި ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހުގެ އެބޮޑު ޖަމާޢަތް މީސްތަކުންނަށް ހަނދާން ކޮށްދެނީ، އެބައިމީހުން މަޙްޝަރުގައި އެއްކުރެވިގެންދާނެ މަންޒަރެވެ. އެބިރުވެރި ދުވަހުގެ ޘަވާބާ، ޢަޛާބެވެ. އެޖަމާޢަތް މީސްތަކުންނަށް ހަނދާން ކޮށްދެނީ، ހުރިހާ އާދަމުގެ ދަރިން އެބައިމީހުން ކުޅަ ޢަމަލަކައިގެން އެބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތައް އެއްކުރެވިގެންވާ އެބޮޑު ޖަމާޢާތެވެ. ﷲ ތަޢާލާ އަޅަމެން އެދުވަހުގެ ނުރައްކަލުން ސަލާމަތްކުރައްވާ، އަޅަމެންނީ މިދުނިޔޭގެ ޙަޔާތުގައި އެދުވަހަށް ފުރިހަމައަށް ތައްޔާރުވުމަށް މަސައްކަތް ކުރާނޭ ބައެއްކަމުގައި ލައްވާށިއެވެ! އާމީން!

0