ނަޞޭޙަތާއި އިރުޝާދު
ޕަބުޖީ ކިތަށް ގަނޑު ދުވާލަކު ކުޅެންތަ؟

ޕަބުޖީ ނުކުޅޭ ޒުވާނެއް، ކުޑަ ކުއްޖެއް މިހާރު މި ދިވެހި ފަސްގަޑުގައި ނުހުންނާނެ އޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. އަބަދުވެސް ޒުވާނުންގެ މެދުގައި މަޤުބޫލު ކޮންމެވެސް އެއްކަމެއް ނުވަތަ ކުޅިވަރެއް މޯބައިލް ފޯނަށް ތައާރަފްކުރެއެވެ. މިއީ ބަޔަކު ނުވިސްނާ ކުރާކަމެއް ނޫނެވެ. ވަރަށް ގިނަ ދިރާސާކޮށް ޒުވާނުންގެ ޖީލު ޣާފިލުކޮށް ޝައިތާނާގެ އަތްދަށުގައި ބެހެއްޓުމަށް ކުރަމުންދާ ކަމެކެވެ. މޮޅު މީހަކަށް ވަނީ ގިނައިން ޕަބުޖީ ގަނޑަށް އެރޭ އަދި ގިނަ ވަގުތު މިކަމުގައި މަސްޣޫލުވާ ޒުވާނާއެވެ.

އަޅުގަނޑުގެ ރައްޓެހިން އެތަށް ފަހަރަކު އަޅުގަނޑާއި ކުރި އެއް ސުވާލަކީ ޕަބުޖީ ކިތަށް ގަނޑު ދުވާލަކު ކުޅެންހޭ؟ މި ސުވާލެވެ. އަޅުގަނޑަކީ ދުވަހަކުވެސް ޕަބުޖީ ކުޅުނު މީހެއްނޫނެވެ. އެންމެ ބޮޑުވަރަކަށްވީވެސް ރައްޓެއްސެއް ކުޅެނިކޮށް ކައިރީގައި ވަގުތު ކޮޅެއް ހޭދަކޮށްލަން ލިބުނު ފުރުސަތެވެ. އެފަހަރުވެސް އެ ރައްޓެހި ކުއްޖާ އަޅުގަނޑާއި ވާހަކަދައްކަން އުދަގޫ ވާހެއް ހީވީމާ އެތަން ދޫކޮށް އަވަހަށް ދިޔައީ ގެއަށެވެ.

މިއަދުގެ ޒުވާނުން ކޮފީއެއް ބޯލިޔަސް، މީޓިންއަކަށް ދިޔަސް، ސައިކަލްގައި ބުރެއް ޖަހާލިޔަސް ތިބެނީ ގަނޑުގައެވެ. ނުވިިތާކަށް ގޭގައި ކުޑަ އަގެއްގައި ހުންނަ ވައިފައި ބޭނުން ނުކޮށް އެތަށް ސަތޭކަ ރުފިޔާއަށް މޯބައިލް ޑޭޓާ ނަގައިގެން އެތަށް އެމްބީއެއް އިސްރާފްކޮށްލަނީ ޕަބުޖީ ގަނޑަށެވެ.

ދުވާލަކު ކިތަށް ނަމާދުކުރެވުނުތޯ ބެލުމުގެ ބަދަލުގައި ބެލެނީ ކިތަށް ގަނޑު ކުޅެވުނުތޯއެވެ. ކީރިތި ޤުރުއާނުން ކިޔާލެވުނީ ކިތަށް އާޔަތްތޯ ބަދަލުގައި ބަލާލެވެނީވެސް ކުޅެވުނު ގަނޑަށެވެ.

ލޮބުވެތި ޒުވާނުންނޭ ފާއިތުވާ ކޮންމެ ދުވަހަކީ ތިބާއަށް ހަޔާތުން އުނިވާ ދުވަހެކެވެ. އަދި ބޯމަތީގައި އެވަނީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހެވެ. ތިޔަ ކުޅުއްވާ ގޮތަށް ގަނޑުކުޅެގެން އާޚިރަތުގައި ދައްކާނެ އެއްވެސް ސުކޯއެއް ނޯންނާނެކަން ދަންނާށެވެ. ތިބާގެ ކިތަށް އެކުވެރިންނެއް ފަޅި ސުކުންތެއްގެ ތެރޭގައި ތިބާއާއި އަބަދަށް ވަކިވެގެންދިޔަތޯއެވެ. ކުޑަ ވަގުތުކޮޅެއް ތިބާގެ އުމުރާއި ތިބާގެ އަމަލުތަކާއި މެދު ވިސްނާލުމަށް ހުސްކޮށްލާށެވެ. ޕަބުޖީ ކުޅުމަށް ހޭދަކުރާ ވަގުތުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރެވޭތޯ ބަލާށެވެ.

0