ނަޞޭޙަތާއި އިރުޝާދު
ﷲގެ ކުޅަދުންވަންތަކަން – ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ރޭ ވާރޭވެހުނު

އިއްޔެ ކުރި އިސްތިސްޤާ ނަމާދަށްފަހު ރާއްޖޭ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައިވާ އިރު ރާއްޖޭގެ ބޮޑުބަޔަކަށް ރޭވަނީ ބޯކޮށް ވާރޭ ވެހިފައެވެ.  ޚުތުބާގައި ބަޔާންކޮށްފައިވާ ފަދައިން  “މާތް ﷲ އީ އަޅުތަކުންގެ ބޭނުންތައް ފުއްދަވައިދެއްވާ ރަސްކަލާނގެއެވެ”.

އިސްތިސްޤާ ނަމާދަށް ފަހު ގިނަ ރަށްރަށަށް ވާރޭ ވެހެން ފެށުމުން ވަރަށް ގިނަ މީހުން ގެންދަނީ މީސް މީޑިއާގައި އެކަން ފާހަގަކޮށް ﷲ އަށް ޝުކުރު ކުރަމުންނެވެ. އަދި ދުޢާ އިޖާބަވުމުގެ ހިތްހަމަޖެހުން ރައްޔިތުންގެ ހިތްތަކަށް ގެނުވިކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ ދީނަށް ފުރިހަމައަށް ރޫޖޫއަވެ އިސްތިޣުފާރުކޮށް ޝުކުރުވެރިވުމެވެ. އަދި މާތްﷲގެ ވަޙީ ބަސްފުޅު ތެދުކަން ޤަބޫލުކޮށް އެކަލާނގެ އެންގެވި ގޮތަށް ޢަމަލުތަށް ބަހައްޓަން ކުރުމެވެ.

އިތުރަށް މާތްﷲގެ މި ވަޙީ ބަސްފުޅުތަކަށް ނަޒަރު ހިންގަވާ ލައްވަވާށެވެ.  (فَقُلۡتُ ٱسۡتَغۡفِرُوا۟ رَبَّكُمۡ إِنَّهُۥ كَانَ غَفَّارࣰا) (ނޫހް ސޫރަތު 10)

މާނަ: “ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ.”

(یُرۡسِلِ ٱلسَّمَاۤءَ عَلَیۡكُم مِّدۡرَارࣰا) (ނޫހް ސޫރަތު 11)

މާނަ: “(އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ”

ތައުބާވެ، އިސްތިޣްފާރުކުރުމުން (ފާފަ ފުއްސެވުން އެދި ދުޢާ ކުރުމުން) ޙާޞިލް ނުކުރެވޭނެ ނިޢްމަތެއް ނެތެވެ! ހޫދު ސޫރަތުގެ 3 ވަނަ ޢާޔަތުންވެސް މިކަން ޔަޤީންވެ ކަށަވަރުވެގެންދެއެވެ. “އަދި ތިއަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުން ތިއަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިއަބައި މީހުން ތައުބާވާށެވެ! އެއިރުން ކަނޑައެޅިގެންވާ އަޖަލު ހަމަވެއްޖައުމަށްދާންދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިއަބައި މީހުން ލަހައްޓަވާނެތެވެ. އަދި އަމަލު އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި ޢަމަލެއްގެ ޖަޒާ ޤިޔާމަތް ދުވަހުން އެކަލާނގެ ދެއްވަވާނެތެވެ. ތިއަބައި މީހުން ފުރަގަސްދޭނަމަ، ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބާއިމެދު،ތިއަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެއެވެ.”

ދެންއޮތީ ވާރޭ ވެހެން ފެށުމުގެ ވާރިދު ވެފައިވާ ދުޢާތަށް ކިޔުމެވެ.

ވާރޭ ވެހޭހިނދު ކިޔާ ދުޢާ

”اللّهُمَّ صَيِّـباً نافِـعاً“ (رواه البخاري)

”އޭ ހައްދަވައިބޮޑުކުރެއްވި އިލާހް! (މިވާރެއަކީ) ފައިދާހުރި ވާރެއެއްކަމުގައި ލައްވާނދޭވެ!“

ވާރޭވެހި ނިމުމުން ކިޔާ ދުޢާ

”مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ“ (رواه البخاري و مسلم)

”ﷲގެ ފަޟްލުވަންތަވެރިކަމާއި އެއިލާހުގެ ރަޙުމަތުން އަޅަމެންގެ މައްޗަށް ވާރޭވެހިއްޖެއެވެ.“

0