ނަޞޭޙަތާއި އިރުޝާދު
އިޚްލާޞްތެރިކަމުގެ އަޘަރު

ޢަމަލުތައްއަދާކުރުމުގައި އިޚްލާޞްތެރިކަން އިތުރުވެ ހަމައެކަނި ﷲ އަށްޓަކައި އެކަންކަން އަދާކުރާނަމަ އެކަންކުރާމީހަކުވާހުށީ އެންމެ މަތީ ދަރަޖަތަކުގައެވެ. އަބޫ ބަކުރު ބުން ޢައްޔާޝް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށްވުރެ އަބޫބަކުރުގެފާނު ކުރިއަރައިވަޑައިގަތީ ގިނަ ނަމާދުތަކާއި ރޯދަތަކެއްގެ ސަބަބުންނެއް ނޫނެވެ. ނަމަވެސް އެކަލޭގެފާނުގެ ހިތްޕުޅުގައި ބިންވަޅުނެގި އީމާންކަމުގެ ސަބަބުންނާއި މީސްތަކުންނަށްޓަކައި އިޚްލާޞްތެރިވެވަޑައިގެންނެވުމުގެ ސަބަބުންނެވެ.”

މިކަމުގައި ޢަބްދުﷲ ބުން މުބާރަކް ވިދާޅުވިއެވެ.

“ނިޔަތުގެ ސަބަބުން ކުޑަ ޢަމަލެއްވެސް މަތިވެރިވެގެންދެއެވެ. އަދި ނިޔަތުގެ ސަބަބުން ބޮޑު ޢަމަލެއްވެސް ކުޑަކަމަކަށްވެގެންދެއެވެ.”

އިޚްލާޞްތެރިކަމާއެކު މަދު ޢަމަލުތަކެއްކުރިޔަސް އެކަމުގެ ޘަވާބު ގުނަވެގެންދެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ – وَلاَ يَقْبَلُ اللَّهُ إِلاَّ الطَّيِّبَ – وَإِنَّ اللَّهَ يَتَقَبَّلُهَا بِيَمِينِهِ ، ثُمَّ يُرَبِّيهَا لِصَاحِبِهِ كَمَا يُرَبِّى أَحَدُكُمْ فَلُوَّهُ حَتَّى تَكُونَ مِثْلَ الْجَبَلِ)) [متفق عليه]

މާނައީ: “– ރަނގަޅު އެއްޗެއް މެނުވީ ﷲ ތަޢާލާ ޤަބޫލުފުޅުނުކުރައްވައެވެ. – ޙަލާލު ޢާމްދަނީއަކުން (ހޯދާފައިވާ މުދަލުން) ކަދުރެއްގެ މިންވަރުވިޔަސް ޞަދަޤާތްކޮށްފިމީހާ ދަންނައެވެ. ހަމަކަށަވަރުން އެއެއްޗެއް ﷲ ތަޢާލާގެ ކަނާއަތްޕުޅުން ހިއްޕަވައެވެ. އެއަށްފަހު އެއެއްޗެއް ފަރުބަދައެއްހާ ބޮޑުވެއްޖައުމަށް ދާންދެން އެއަށް ރިޢާއަތްކޮށްދެއްވައެވެ. އެއީ ތިޔަބައިމީހުންކުރެ މީހަކު އެމީހެއްގެ ކުޑައަހެއް ބަލަހައްޓާ ފަދައިންނެވެ.”

އަންނަނިވި ވަޙީބަސްފުޅާމެދު އިބްނު ކަޘީރު ވިދާޅުވިއެވެ. [1]

﴿وَاللَّـهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّـهُ وَاسِعٌ عَلِيمٌ﴾ [سورة البقرة ٢٦١]

މާނައީ: “ﷲ އިރާދަކުރައްވާ މީހަކަށް ގިނަގުނަ ކުރައްވައެވެ. އަދި ﷲއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

އެބަހީ: އޭނާ އެޢަމަލެއްގައި އިޚްލާޞްތެރިވި މިންވަރަކަށެވެ.

ނިޔަތް މަތިވެރިވެ، އިޚްލާޞްތެރިކަން ވަރުގަދަވެ، ވަންހަނާކުރުން ޝަރުޢުވެގެންވާ ޢަމަލުތައް ވަންހަނާކޮށްފިނަމަ އަޅާ އޭނާގެ ރައްބާ ކުއްތަންވާނެއެވެ. އަދި އެއިލާހުގެ އަރުޝީގެ ހިޔަލުގައި ހިޔާވެހިކަން ލިބޭނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((سَبْعَةٌ يُظِلُّهُمُ اللَّهُ تَعَالَى فِى ظِلِّهِ يَوْمَ لاَ ظِلَّ إِلاَّ ظِلُّهُ… وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُه)) [متفق عليه]

މާނައީ: “ﷲ ތަޢާލާގެ ހިޔާވެހިކަން ފިޔަވާ އެހެންހިޔާވެހިކަމެއް ނުވާދުވަހުގައި (މަހުޝަރުގެ މައިދާނުގައި) ހަތް ބަޔަކަށް ހިޔާދެއްވާނެއެވެ… (އެބައިމީހުންގެ ތެރޭގައިވެއެވެ.) އަދި ޞަދަޤާތެއްކޮށް އެ ވަންހަނާކުރިމީހާއެވެ. އޭނާގެ ކަނާއަތުންކުރާ ހޭދަ ވައަތަށްވެސް ނޭނގޭނެވެ.”

 

މަސްދަރު: ދިސަލަފިއްޔާ

0