ނަޞޭޙަތާއި އިރުޝާދު
ދޮގުހެދުމުގެ ނުބައިކަން

ދޮގުވެރިކަމަކީ މުނާފިޤުކަމަށް މަގުފަހިކޮށްދޭކަމެކެވެ. އަދި އެއީ އެކަމުގެ އަސާސެވެ. އަދި އެއީ ގޮތްކުޑަ މީހުންގެ އެންމެ ޚާއްޞަ ސިފައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ)) [متفق عليه]

މާނައީ: “މުނާފިޤުންގެ ތިން ޢަލާމަތެއްވެއެވެ. ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެއެވެ. އަދި ވަޢުދެއްވެއްޖެނަމަ ޚިލާފުވާނެއެވެ. އަދި އަމާނަތެއް ހަވާލުކޮށްފިނަމަ ޚިޔާނާތްތެރިވާނެއެވެ.”

އާދަމުގެފާނާއި ޙައްވާގެފާނު ސުވަރުގެއިން ނެރެލެވުނީވެސް އެދެބޭކަލުންނަށް އިބިލީސް ހެދި ދޮގެއްގެ ސަބަބުންނެވެ. އިބްލީސްގެ ޢަމަލާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ﴾  [سورة الأعراف ٢١]

މާނައީ: “އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ ނަސޭޙަތްދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ”.

އަދި ދޮގުހަދާމީހުންނީ ޖަނަވާރުތަކަށްވުރެވެސް ނުބައި ޙާލަތެއްގައިވާ ބައެއްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

ޝައިޚުލްއިސްލާމް ވިދާޅުވިއެވެ.

“ދޮގުވެރިޔާގެ ޙާލަތު ޖަނަވާރެއްގެ ޙާލަތަށްވުރެވެސް ގޯހެވެ.”

އަދި އެކަމުގައިވަނީ ދުނިޔެއާއި އާޚިރަތް ފަސާދަކޮށްލުމެވެ.

އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

“އެތެރެފުށާއި ބޭރުފުށުން ނުކުންނަ ކޮންމެ ފާސިދު ޢަމަލެއްގެ އަޞްލަކީ ދޮގުވެރިކަމެވެ. ދޮގުވެރިއާއަށް ﷲ ގެ ޙަޟްރަތުން އޮތް ޢުޤޫބާތަކީ އޭނާ ކުރިއަރައިގެން ނުދިޔުމާއި އޭނާއަށް މަޞްލަޙަތުހުރިކަންކަމާއި މަންފާތަކުން އެއްކިބާވުމެވެ. އެއާ ޚިލާފަށް ތެދުވެރިންނަށް، އެބައިމީހުންނަށް ދުނިޔެއާއި އާޚިރަތުގައި މަޞްލަޙަތުހުރިކަންކަން ކުރުމުގެ ތައުފީޤު އެއިލާހު ދެއްވައެވެ. ދުނިޔެއާއި އާޚިރަތުގެ މަޞްޙަތުތައް ގެނުވައިދިނުމުގައި ތެދުވެރިކަންފަދަކަމެއް ނުވެއެވެ. އަދި ފަސާދަތަކާއި ގެއްލުންތައް ގެނުވުމުގައި ދޮގުވެރިންކަންފަދަކަމެއް ނުވެއެވެ.”

ދޮގުވެރިކަމުގެ ސަބަބުން ޞިއްދީޤުންގެ ދަރަޖައިން ތިބާ މަޙްރޫމުވެގެން ދިޔުން ފިޔަވައި އެހެން ފަސާދައެއް އެކަމުގައި ނުވީނަމަވެސް އެއީ ފަސާދައެއްކަމުގައި ފުދުނީހެވެ. ފަހެ ހަމަކަށަވަރުން ޞިއްދީޤުންގެ ދަރަޖައަށް ދޮގުވެރިއަކަށް ވާޞިލެއް ނުވެވޭނެއެވެ. ދެންފަހެ ވާހަކަދެއްކުމުގައި ދޮގުހެދުމުން ދުރުހެލިވާށެވެ. އެއީ ތިބާ ނިކަމެތިކޮށްލާނެކަމެކެވެ. އަދި އެކުވެރިން ތިބާއާ ދުރުވާނެކަމެކެވެ. އަދި މީސްތަކުން ތިބާ ދެކެ ރުޅިއައިސް ތިބާއާ މުޢާމަލާތްކުރުމުގައި ރައްކާތެރިވާނެ ސަބަބެކެވެ.

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މަސްދަރު: ދިސަލަފިއްޔާ

0