ނަޞޭޙަތާއި އިރުޝާދު
ﷲއަށް ވަކީލުކުރުމުގެ މޭވާތައް

ﷲ އަށް ވަކީލުކުރުމަކީ ހިތަށް ހިތްފަސޭޙަކަން ލިބިގެންދާކަމެކެވެ. އަދި ޙާލަތު ރަނގަޅުވެގެންދާ ކަމެކެވެ. އަދި ނުބައިމީހުންގެ ރޭވުންތަކުން ސަލާމަތްވެގެންދާކަމެކެވެ. އަޅުތަކުންގެ ކިބައިން މެދުވެރިވާ އަނިޔާއާއި ދުއްތުރާތަކުގެ ތެރެއިން ސަލާމަތްވުމަށް ކުޅަދާނަވެގެންނުވާ ކަންކަމުން ރައްކާތެރިކޮށްދޭ އެންމެ ވަރުގަދަ ސަބަބަކީވެސް އެއީއެވެ. ވަކީލުކުރުމުގެ ސަބަބުން މީސްތަކުންގެ އަތުގައިވާ އެއްޗަކަށް ބޭނުންނުވެ ފުދުންތެރިވެއެވެ. ޝައިޚުލް އިސްލާމް ވިދާޅުވިއެވެ.

“މީހަކު މަޚްލޫޤަކާމެދު އުންމީދުކޮށްފިނަމަ ނުވަތަ މަޚްލޫޤަކަށް ވަކީލުކޮށްފިނަމަ އޭނާ އެހީކުރިގޮތާ ޚިލާފަށް އެމީހަކު އަމަލުކުރާނެއެވެ.”

ފަހެ އެމީހެއްގެ ވެރިއިލާހަށް އެމީހެއްގެ ކަންކަން ހަވާލުކޮށްފިމީހަކަށް އެއިލާހު އިޙްސާންތެރިވެވޮޑިގެންވެއެވެ. ޒަކަރިއްޔާގެފާނު މުސްކުޅިފުޅުވި ދުވަހު އެކަލޭގެފާނަށް މަތިވެރިވެގެންވާ ދަރިކަލަކު ދެއްވިއެވެ. އަދި އެބޭކަލަކުވީ މީސްތަކުންގެ ތެރެއިން މާތްކުރެވުނު ނަބީބޭކަލުންގެ ތެރެއިންނެވެ. އަދި އިބްރާހީމްގެފާނަށް ދަރިކަލެއް ދެއްވޭނެކަމުގެ އުފާވެރިކަމުގެ ޚަބަރުދެއްވުމުން އެކަލޭގެފާނުގެ އަނބިކަނބަލުން މާޔޫސްވެފައިވުމަށް ފަހު ވިދާޅުވިއެވެ.

﴿قَالَتْ يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَـٰذَا بَعْلِي شَيْخًا إِنَّ هَـٰذَا لَشَيْءٌ عَجِيبٌ﴾ [سورة هود ٧٢]

މާނައީ: “އެކަމަނާ ވިދާޅުވިއެވެ. އޭހުރި ޢަޖައިބެއްގެ ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކުކަމުގައިވާއިރުވެސް، ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން، މިއީ އަޖައިބުވެގެންވާ ކަމެކެވެ.”

އަދި (އިބްރާހީމް) އަލްޚަލީލު، ހާޖަރުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނު ހަނަފަސްވާދީއަކަށް ދޫކުރެއްވިއެވެ. ފަހެ އެދަރިކަލުން ވެވަޑައިގަތީ ނަމާދު ޤާއިމުކުރުމަށާއި ޒަކާތްދިނުމަށް އެކަލޭގެފާނުގެ އަހުލުންނަށް އަމުރުކުރެއްވި ބޭކަލަކަށެވެ. އަދި ޔޫނުސްގެފާނު ޙާލުގައި ޖެހި ހުސްބިމުގައި އޮންނެވި ހިނދު އެކަލޭގެފާނު ގެއްލެނިވެގެން ނުދެއެވެ.

ފުޟައިލް ބުން ޢިޔާޟު ވިދާޅުވިއެވެ.

“މަޚްލޫޤުންގެ ކިބައިން ތިބާ މާޔޫސްވެ، އެބައިމީހުންގެ ކިބައިން އެއްވެސް ކަމެއް ބޭނުންނުވާ ޙާލުވެސް، ތިބާގެ ވެރިއިލާހު ތިބާ ބޭނުންވާ ހުރިހާ އެއްޗެއް ދެއްވަފާނެއެވެ.”

އެހެންކަމުން ތިބާ ޚަލްޤުކުރެއްވި ފަރާތުގެ ޙަޟްރަތަށް ތިބާ ރުޖޫޢަވާށެވެ. އަދި އެއިލާހުގެ ޙަޟްރަތުން އުންމީދުކުރާށެވެ. އަދި ރަޙްމާނުވަންތަ އިލާހަށް ހުރިހާ ކަމެއް ޙަވާލުކުރާށެވެ. އަޅުތަކުންނާ އޮތް ގުޅުމަށް ނުބަލާށެވެ. އަދި ﷲ ގެ ޙަޟްރަތަށް މެނުވީ އުންމީދު ނުކުރާށެވެ. ވަކީލުކުރުމާއި އުންމީދުކުރުން ގަދަވެ، ހިތް ޙާޟިރުކޮށްގެން ދުޢާކުރާނަމަ އެދުޢާ އިޖާބަނުވެ ނުދާނެއެވެ.

﴿أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ  أَإِلَـٰهٌ مَّعَ اللَّـهِ  قَلِيلًا مَّا تَذَكَّرُونَ﴾[سورة النمل ٦٢]

މާނައީ: ” ނުވަތަ ދަތި އުނދަގޫ ޙާލުޖެހިފައިވާ މީހާ، އެއިލާހަށް ދުޢާކުރާހިނދު، އެމީހާގެ ދުޢާއިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ އިލާހު ހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.”

ބިރުވެތިވެ ނިކަމެތިވެގެންވާ ހިތަކާއެކު ﷲ ގެ ޙަޟްރަތަށް ދަންނަވާށެވެ. ތިބާއަށް އޮތް ދޮރު ހުޅުވިގެންދާނެއެވެ.

______________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މަސްްދަރު: ދިސަލަފިއްޔާ

0