ނަޞޭޙަތާއި އިރުޝާދު
ތިބާއަކީ ﷲ ގެ ޙަޟްރަތުގައި ޤަދަރުހުރި މީހެއް

ދުނިޔަވީ ޙަޔާތުގައި މީސްތަކުން އެއްބަޔަކު އަނެއްބަޔެއްގެ ކަންކަމާމެދު ވިސްނާ ފިކުރުކޮށް ލަފާކޮށް އަދި ފާޑުކިޔާވެސް ހަދާފާނެއެވެ. އަދި ބައެއް މީހުންނަކީ ކާމިޔާބު، ކުޅަދާނަމީހުންކަމުގައިވެސް ދެކިފާނެއެވެ. އަދި އެކިމީހުންގެ ނަޒަރުގައި ކާމިޔާބު ދިރިއުޅުން އުޅޭ މީހުން ތަފާތުވެދާނެއެވެ. ނަމަވެސް ޙަޤީޤީ ކާމިޔާބީއަކީ ﷲ ގެ ޙަޟްރަތުގައި ޤަދަރުއުފުލިގެން ދިޔުމެވެ.

އަނަސް رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ސަޙަރާތެރޭގައި ދިރިއުޅުނު މީހުންގެ ތެރޭގައި ޒާހިރު ބުން ޙަރާމް ކިޔާ ބޭކަލަކު އުޅުއްވިއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم އާ ހަދިޔާ ބަދަލުކޮށް އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު މަދީނާއިން ނުކުމެވަޑައިގަތުމުގެ ކުރިން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ދަތުރު ތައްޔާރުކޮށްދެއްވައެވެ…

ފަހެ އެއްދުވަހަކު އެކަލޭގެފާނު އެއްޗެއް ވިއްކަން ހުންނަވަނިކޮށް ނަބިއްޔާ صلى الله عليه وسلم ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނަށް ނުފެންނާނޭހެން ފަހަތުން ވަޑައިގެން (ސަމާސާކުރެއްވުމުގެ ގޮތުން) އެކަލޭގެފާނުގެ ގައިގައި ހިފެހެއްޓެވިއެވެ. އެއީ އިތުރު އެކަލޭގެފާނުކަން އެނގިވަޑައިނުގަންނަވާތީ، “ތިމަންކަލޭގެފާނު ދޫކޮށްލާށޭ” މިފަދައިން، އެކަލޭގެފާނު ވިދާޅުވިއެވެ. ނަމަވެސް އެއީ ނަބިއްޔާ صلى الله عليه وسلم ކަން އެނގިވަޑައިގަތުމުން އެކަލޭގެފާނު ހަމަޖެހިލެއްވިއެވެ. ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم (ސަމާސާ ގޮތަކަށް) ޙަދީޘްކުރެއްވިއެވެ.

((مَنْ يَشْتَرِي هَذَا الْعَبْدَ؟ ))

” މިއަޅުމީހާ ގަންނާނީ ކާކު ހެއްޔެވެ؟” ޖަވާބުގައި ޒާހިރު ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިހެންވެއްޖެނަމަ ތިމަންނައީ އެއްވެސް އަގެއް ނެތްމީހެއްކަމުގައި ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((لَكِنَّكَ – عِنْدَ اللَّهِ – لَسْتَ بِكَاسِدٍ))

“ނަމަވެސް ކަލޭގެފާނީ ﷲ ގެ ޙަޟްރަތުގައި އަގެއް ނެތް މީހެއް ނޫނެވެ.”

ނުވަތަ ޙަދީޘްކުރެއްވިއެވެ.

((بَلْ أَنْتَ – عند الله – غَالٍ)).

“އަދި ކިއެއް ހެއްޔެވެ. ކަލޭގެފާނީ ﷲ ގެ ޙަޟްރަތުގައި އަގުހުރި ބޭކަލެކެވެ.”[رواه ابن حبان وصححه الألباني]

އެގޮތުން އިންސާނާގެ ކިބައިގައި ހުންނަ އައިބެއްގެ ސަބަބުން ނުވަތަ އެނޫންކަމަކާ ހުރެވެސް މީސްތަކުން އެމީހާކާ މުޢާމަލާތްކުރާ ގޮތަކުން ވަރަށް ގިނަފަހަރަށް އަމިއްލަ ނަފްސާމެދު އޮންނަ އިތުބާރު ކުޑަވާގޮތްވެއެވެ. އަދި ނުބައި މަގުތަކުން ހިނގާ ވަރަށް ގިނަކުދިންގެ ޝަކުވާއަކަށް ވެފައިވަނީ އެބައިމީހުންނަކީ މީސްތަކުންގެ ކައިރީ އެއްވެސް އަގެއް ހުރި ބައެއް ނޫންކަމެވެ. އަދި އެކުދިންގެ މައިންބަފައިން ނުވަތަ ޢާއިލާ މީހުން ނުވަތަ ރައްޓެހިން އެކުދިންނާމެދު އެއްވެސް ވަރަކަށް އަޅާނުލާކަމެވެ. އަދި އެކުދިން ކުރާ އެއްވެސްކަމެއް އެމީހުންނަށް ކަމުނުދާކަމެވެ.

އަދި މީގެ އިތުރަށް މީހެއްގެ ހުންނަ ޖިސްމާނީ ޢައިބަކީ އެއީ އެމީހާ ކުރިއަރާ ދިޔުމަށް ހުރަސްއަޅާކަމެއް ކަމުގައި ނުހަދާށެވެ. އަބޫ އިސްޙާޤު އައްޝީރާޒީއަކީ ޝާފިޢީ މަޛުހަބުގެ ބޮޑު ޢިލްމުވެރިއެކެވެ. އަދި އެއީ އެކަލޭގެފާނުގެ ދުސްވަރުގައި ބަޣުދާދުގެ އިމާމެވެ. ނަމަވެސް އެކަލޭގެފާނަކީ ނުހަނު ހަށިގަނޑު އަނަރޫފަބޭކަލެކެވެ. އެކަލޭގެފާނުގެ ޝަރަފާއި މަންލިޒަށް މިކަމުންވީ ގެއްލުމެއް ނެތެވެ. މިކަން ޞިފަކުރައްވާ އޭރު ބަޣުދާދުގައި އުޅުއްވި ޝާޢިރަކު ވިދާޅުވިއެވެ.

تراه من الذكاء نحيف جسم     عليه من توقده دليل
إذا كان الفتى ضخم المعاني     فليس يضيره الجسم النحيل

ޖުމްލަ މާނައީ: “އެއީ ތޫނު ފިލި ބޭކަލެއްކަމުގައި ވިޔަސް، އެއީ އަނަރޫފަވެސް ބޭކަލެކެވެ. އެކަލޭގެފާނު ރޭގަނޑު ފުޅިބައްތީގައި ކިޔަވާކަމުގެ ދަލީލު އެކަލޭގެފާނުގެ ކިބައިން ފެންނާނެއެވެ. މީހެއްގެ ޤަދަރު މަތިވެރިވެއްޖަނަމަ ދަންނައެވެ. އަނަރޫފަ ހަށިގަނޑަކުން އޭނާއަށް ވާނޭ ގެއްލުމެއް ނެތެވެ.”

[ބައްލަވާ: سير أعلام النبلاء]

ދަންނާށެވެ. ﷲ ތަޢާލާއަށް ކިޔަމަންގަތުމުގައި ދެމިހުރިހާ ހިނދަކު ތިބާވާހުށީ ﷲ ތަޢާލާގެ ޙަޟްރަތުގައި އަގުހުރިމީހަކަށެވެ.

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނެވެ! މިދުނިޔަވީ ޙަޔާތުގައި އެކެއްގެ އަޅާލުމާއި ސަމާލުކަން ތިބާއަށް ނުލިބުނަސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިބާއަށް ލިބިއްޖެނަމަ ތިބާއަކީ އަގުހުރި ޤަދަރުއުފުލިގެންވާ މީހެކެވެ. އެގޮތުން ﷲތަޢާލާއަށް ކިޔަމަންގަންނަ އަޅުންދެކެ އެއިލާހު ލޯވިވެވޮޑިގެންވެއެވެ. ތަޤުވާވެރި، ޞާލިހު، ހިތްތިރި، ދީލަތި، ހެޔޮލަފާ، ޚުލުޤުރިވެތި، މަޑުމައިތިރި އަދި މިނޫނަސް ﷲ ތަޢާލާ ރުއްސަވާވޮޑިގެންވާ އެންމެހާ ހެޔޮ ސިފައަކުން ސިފަލިބިގަންނާށެވެ. ފަހުގެ ކާމިޔާބީ އޮތީ ހަމަ ތަޤުވާވެރިންނަށެވެ.

0