ނަޞޭޙަތާއި އިރުޝާދު
ދެއްކުންތެރިޔާއަށް ހުރި ޢުޤޫބާތް

ދެއްކުންތެރިޔާގެ އުންމީދުވަނީ ގެއްލެނިވެގެންނެވެ. އަދި އޭނާގެ މަސައްކަތްވަނީ ބޭކާރުވެގެންނެވެ. އަދި އޭނާއާ މުޢާމަލާތް ކުރެވޭނީ އޭނާ އެދުނު ގޮތާ ޚިލާފަށެވެ. އަދި އޭނާއަށް ދެޢުޤޫބާތެއް ދެވޭނެއެވެ. އެއީ ދުނިޔަވީ ޢުޤޫބާތާއި އުޚްރަވީ ޢުޤޫބާތެވެ.

* ދުނިޔޭގައި އޭނާއަށް ހުރި ޢުޤޫބާތް

ﷲ ތަޢާލާ، ދެއްކުންތެރިން ދުނިޔޭގައި ފަޟީޙަތްކުރައްވާނެއެވެ. އަދި އޭނާގެ ކަންކަން ފާޅުކުރައްވާނެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

((مَنْ يُسَمِّعْ يُسَمِّعِ اللهُ بِهِ، وَمَنْ يُرَائِي يُرَائِي اللهُ بِهِ)) [رواه مسلم]

މާނައީ: “މީހުންނަށް އިއްވުމަށް ކަންކަން ކުރާމީހާ ދަންނައެވެ. ﷲ އޭނާގެ ކަންކަން އޭނާ މެދުވެރިކޮށް މީހުންނަށް އިއްވަވާނެއެވެ. އަދި މީހުންނަށް ދެއްކުމަށް ކަންކަން ކުރާމީހާ ދަންނައެވެ. ﷲ އޭނާގެ ކަންކަން އޭނާ މެދުވެރިކޮށް މީހުންނަށް ދައްކަވާނެއެވެ.”

އަލްޚައްޠާބީ ވިދާޅުވިއެވެ.

“މިޙަދީޘްގެ މާނައަކީ އިޚްލާޞްތެރިކަމެއް ނެތި މީސްތަކުންނަށް ދެއްކުމަށް ނުވަތަ އިއްވުމަށް ޢަމަލުކުރާމީހާގެ ޢަމަލަށް އެފަދަ ޖަޒާއެއް ދެއްވޭނެކަމެވެ. އެގޮތުން ﷲ ތަޢާލާ، އޭނާ އެކަމުގައި މަޝްހޫރުކުރައްވާ، ފަޟީޙަތްކުރައްވާ އަދި އޭނާ ފޮރުވައިގެން އުޅުނު ކަންކަންވެސް ފާޅުކުރައްވާނެތެވެ. އޭނާގެ ނަފްސާއި މޭ ތެރޭގައި ފޮރުވައިގެން އުޅުނު ކަންކަންވެސް ﷲ ތަޢާލާ ފާޅުކުރައްވާނެތެވެ.”

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

(( الْمُتَشَبِّعُ بِمَا لَمْ يُعْطَ كَلاَبِسِ ثَوْبَىْ زُورٍ)) [رواه البخاري]

މާނައީ: “އެމީހަކަށް ދެއްވިގެން ނުވާ އެއްޗެއް، އެއެއްޗެއް ލިބިގެން އުޅޭމީހެއްފަދައިން ދައްކާމީހަކީ، އޮޅުވާލުމުގެ ދެ ފޭރާމެއްލައިގެން އުޅޭފަދަ މީހެކެވެ”.

* އާޚިރުގައި އޭނާއަށް ހުރި ޢުޤޫބާތް

އާޚިރަތް ދުވަހުން ޖަހަންނަމައިގެ އަލިފާން، އެފަދަ މީހަކަށް ހުރިކަމުގެ އިންޛާރުވަނީ ދެވިގެންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾

މާނައީ: “ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނައެވެ!) އެއުރެންގެ ޢަމަލުތައް ތިމަންއިލާހު އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ. [15] އެއުރެންނީ އާޚިރަތުގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލުވެގެންވެތެވެ. [16] “

އަދި ޞަޙީޙް މުސްލިމުގައި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްވެއެވެ.

އޭގައިވަނީ: ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ނިޔާއިއްވޭ މީހުންގެ ވާހަކައެވެ. އޭގައިވަނީ ޝަހީދަކީ ކީރިތި ޤުރުއާނުގެ ޤާރީއަކާއި ޞަދަޤާތްކުރި މީހެއްގެ ވާހަކައެވެ. އެބައިމީހުންގެ ޢަމަލުތައްވީ ﷲ ފިޔަވާ އެހެން ފަރާތްތަކަށެވެ. ފަހެ، އެފަދަ މީހަކަށް ބުނެވޭނެއެވެ. ތިބާ ދޮގުހަދައިފިއެވެ. ނަމަވެސް ތިބާ އެކަން ކުރީ ތިބާއަކީ މިވެނިފަދަ މީހެކޭ ބުނެވުމަށްޓަކައެވެ. ފަހެ، އެފަދައިން ބުނެވިއްޖެއެވެ. ދެން އޭނާއާ މެދު އަމުރު އިއްވޭނެއެވެ. ފަހެ މޫނުވަތަށް ދަމާފައި ގެންގޮސް އެއަށްފަހުގައި އޭނާ ނަރަކައަށް އެއްލާލެވޭނެއެވެ.

ފަހެ ދެއްކުންތެރިޔާއަށް ދުނިޔޭގައިވަނީ ފަޟީޙަތެވެ. އަދި އާޚިރުގައި ހުރީ ޢުޤޫބާތެވެ.

0