ނަޞޭޙަތާއި އިރުޝާދު
ތިބާ އެންމެ އިސްކަންދޭކަމަކީ އާޚިރަތްކަމުގައި ހަދާށެވެ.

ދުނިޔެއަށްވުރެ އާޚިރަތް އިސްކުރާ މުއުމިނަކާމެދު ދަންނައެވެ. އޭނާގެ ވެރިއިލާހު އޭނާއަށްޓަކައި މިންވަރު ކުރައްވާފައިވާ ކަންކަމުގެ އަލީގައި، އޭނާގެ ޙަޔާތް ފަސޭހަވެގެންދެއެވެ. ﷲ ތަޢާލާ ވާޙީކުރެއްވިއެވެ.

﴿وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ وَلَا تَنْسَ نَصِيبَكَ مِنَ الدُّنْيَا وَأَحْسِنْ كَمَا أَحْسَنَ اللَّهُ إِلَيْكَ﴾ [القصص: 77]

މާނައީ: ‘އަދި ތިބާއަށް ﷲ ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: އާޚިރަތުގެ ދިންނެވުމާއި، ރަޙްމަތާއި، ޘަވާބަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި ﷲ ތިބާޔަށް އިޙްސާންތެރިވެވޮޑިގަތް ފަދައިން، ތިބާވެސް އިޙްސާންތެރިވާށެވެ!’

އެމީހެއް އެންމެ އިސްކަންދެނީ އާޚިރަތްކަމުގައި ހަދާ، އެކަމަށް ޢަމަލުކޮށްފިމީހާ ދަންނައެވެ. އޭނާގެ ދުނިޔެވީ ކަންބޮޑުވުންތައް، ﷲ ފުއްދަވައިދެއްވާނެއެވެ. އަދި އޭނާގެ ހިތުގައި ދުނިޔޭގެ އެދުންތައް އިސްކޮށް، އޭނާ އެންމެ އިސްކަންދޭކަމަކީ އެއީ ކަމުގައި ހަދައިފިމީހާ ދަންނައެވެ. އޭނާ ދިރިއުޅޭހުށީ ދުނިޔެއަށް އަޅުވެތިވެފައިވާ މީހެއްފަދައިންނެވެ. އިސްކަންދޭނެކަމެއް ނޭނގިއެވެ. އަދި އެމީހެއްގެ ކަންތައްތައް ވިއްސިވިހާލެވިގެންވާ މީހެއްފަދައިންނެވެ. ކިތަންމެ ގިނައިން ލިބުނަސް ހިތްނުފުރޭނެއެވެ. އަދި މަދުން ލިބުނަސް ބާއްޖަވެރިނުވާނެއެވެ.

ފަހެ، އޭރުން އޭނާގެ ޙަޔާތަކީ އާޚިރަތަށްޓަކައި ގޮވާންކުރާ ދަނޑަކަށް ހަދާނެއެވެ. އަދި އޭގެ މައްޗަށް ދުނިޔެ އިސްނުކުރާނެއެވެ. އަދި އޭގެ މައްޗަށް ޝަހުވަތާއި ހަވާނަފްސުވެސް އިސްނުކުރާނެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅަށް އިޖާބަދިނުމުގެ ގޮތުންނެވެ.

﴿قُلْ مَتَاعُ الدُّنْيَا قَلِيلٌ وَالْآخِرَةُ خَيْرٌ لِمَنِ اتَّقَى وَلَا تُظْلَمُونَ فَتِيلًا﴾ [النساء: 77]

މާނައީ: “ދުނިޔޭގެ އުފަލަކީ ކުޑަވަގުތުކޮޅެއްގެ ކަމެކެވެ. އަދި ތަޤުވާވެރިވި މީހަކަށް އާޚިރަތް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް ކިތަންމެ ކުޑަމިންވަރަކުންވެސް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.”

﴿وَإِنْ كُلُّ ذَلِكَ لَمَّا مَتَاعُ الْحَيَاةِ الدُّنْيَا وَالْآخِرَةُ عِنْدَ رَبِّكَ لِلْمُتَّقِينَ﴾ [الزخرف: 35]

މާނައީ: “އެހުރިހާ ތަކެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އަރާމެއްކަމުގައިނޫނީ ނުވެތެވެ. އަދި ކަލޭގެފާނުގެ ވެރިރައްބުގެ ޙަޟްރަތުގައި ތަޤުވާވެރިންނަށް އާޚިރަތުގެ ނިޢުމަތް ހުށްޓެވެ.”

* އޭ މުސްލިމުންނޭވެ. ފަހެ، މިދުނިޔެވީ ޙަޔާތް ތިބާ ހެއްލުންތެރިކުރިޔަ ނުދޭށެވެ. އަދި ޣާފިލުކަމާއި ޝަހުވަތާ އަދި ހަވާނަފްސާމެދު ރައްކާތެރިވާށެވެ. ﷲ جلَّ وعلا ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا النَّاسُ إِنَّ وَعْدَ اللَّهِ حَقٌّ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُمْ بِاللَّهِ الْغَرُورُ﴾ [فاطر: 5]

މާނައީ: “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ﷲ ގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި ﷲ އާމެދު ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!”

﴿وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ﴾ [آل عمران: 185]

މާނައީ: “ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.”

މިޒަމާނުގައި ވަރަށް ގިނަ މީހުންގެ ހިތްތަކުގައި ދުނިޔަވީ އެދުންތައްވަނީ ބިންވަޅު ނަގާފައެވެ. އަދި މުސްލިމުންގެ ތެރެއިން ބައެއްގެ ކަނދުރާތައްވެސް އަނބުރާލެވިގެންވަނީ ދުނިޔަވީ ލައްޒަތްތަކާއި ޝައުވަތްތަކާ ދިމާލަށެވެ. ފަހެ، އެބައިމީހުންގެ ނަފްސުތައް ޙިސާބުކޮށް، އެބައިމީހުން އެދޭއެދުންތަކުގެ ޙަޤީޤަތާ އަދި ނަތީޖާއާމެދު ވިސްނާ ފިކުރުކުރުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވެއެވެ.

﴿الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِنْدَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا﴾ [الكهف: 46]

މާނައީ: “މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި ޞާލިޙު ޢަމަލުތައް، ކަލޭގެފާނުގެ ވެރިރައްބުގެ ޙަޟްރަތުގައި ޘަވާބުގެގޮތުން މާހެޔޮކަން ބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުން މާހެޔޮކަން ބޮޑުމެއެވެ.”

0