ނަޞޭޙަތާއި އިރުޝާދު
ދަމުނަމާދު ކުރާ ގޮތް

ﷲ ގެ ރަޙުމަތުން، ދަމުނަމާދު ކުރެވޭނެ ވަރަށް ގިނަ ގޮތްތައްވެއެވެ. ތިބާ އެދޭނަމަ ޢިޝާ ނަމާދުގެ ސުންނަތަށްފަހު، ނިދުމުގެ ކުރިން އެއް ރަޢުކަތް ނުވަތަ ދެ ރަކުޢަތް ނުވަތަ ތިން ރަކުޢަތް ނުވަތަ އެއަށްވުރެ އިތުރަށްވެސް ކުރެވިދާނެއެވެ. އަދި ތިބާ އެދޭނަމަ ރޭގަނޑުގެ ފަހު ބަޔަށް، ނުވަތަ ރޭ ދެބައިވާއިރަށް ލަސްކޮށްލެވިދާނެއެވެ.

ފަހެ، ދަމުނަމާދަށް ތެދުވެ، ފުރަތަމަ ލުއި ކޮށް ދެރަކުޢަތް ކުރާނީއެވެ. އެއަށްފަހު، ﷲ ތަޢާލާ އެމީހަކަށް ފަސޭހަކޮށްދެއްވި މިންވަރަކަށް ނަމާދުކުރާނީއެވެ. އެއީ ދެރަކުޢަތުން ސަލާމްދެމުން 4 ރަކުޢަތް، ނުވަތަ 6 ރަކުޢަތް، ނުވަތަ 8 ރަކުޢަތް، ނުވަތަ 10 ރަކުޢަތެވެ. ދެން އެއަށްފަހު، އެއް ރަކުޢަތުން ވިތުރި ކުރާނީއެވެ.

ނަބިއްޔާ عليه الصلاة والسلام ޢަމަލު ކުރެއްވީ މިފަދައިންނެވެ. ބައެއްފަހަރު އެކަލޭގެފާނު 3 ރަކުޢަތުން، ނުވަތަ 5 ރަކުޢަތުން، ނުވަތަ 7 ރަކުޢަތުން ވިތުރި ކުރައްވައެވެ. ނުވަތަ 10 ރަކުޢަތް ކުރެއްވުމަށްފަހު، އިތުރަށް 1 ރަކުޢަތް ކުރައްވައެވެ. ނަބިއްޔާ عليه الصلاة والسلام ރޭގަނޑު ކޮންމެ 2 ރަކުޢަތަކުން ސަލާމްދެއްވަމުން 10 ރަކުޢަތް ކުރައްވާ، އެއަށްފަހު 1 ރަކުޢަތުން ވިތުރި ކުރައްވައެވެ.

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “ނަބިއްޔާ صلى الله عليه وسلم ރޭގަނޑު 11 ރަކުޢަތް ކުރައްވައެވެ. ކޮންމެ 2 ރަކުޢަތަކުން ސަލާމްދެއްވައެވެ. އަދި 1 ރަކުޢަތުން ވިތުރި ކުރައްވައެވެ.”[1]

އަދި އެކަމަނާއާއި އުންމު ސަލަމާ އަދި އެނޫން ބޭކަލުންގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ސަލާމް ނުދެއްވާ 7 ރަކުޢަތް އެއްކޮން ކުރައްވައެވެ. އަދި ބައެއް ފަހަރު 6 ވަނަ ރަކުޢަތުގައި ފުރަތަމަ އައްތަޙިއްޔާތަށް އިށީނދެވަޑައިގެން އިންނެވުމަށްފަހު، ސަލާމް ނުދެއްވާ 7 ވަނަ ރަކުޢަތަށް ތެދުވެވަޑައިގަންނަވައެވެ.[2]

– އަދި ބައެއް ފަހަރު ސަލާމް ނުދެއްވާ 5 ރަކުޢަތް ކުރައްވައެވެ. އަދި ފަހު ރަކުޢަތުގައި މެނުވީ އައްތަޙިއްޔާތަށް އިށީނދެވަޑައި ނުގަންނަވައެވެ. އަދި ބައެއްފަހަރު، 2 ރަކުޢަތުން ސަލާމްދެއްވަމުން 8 ރަކުޢަތް ކުރައްވައެވެ. ދެން، (ސަލާމް ދިނުމެއް ނެތި) އެއްފަހަރާ، 5 ރަކުޢަތުން ވިތުރި ކުރައްވައެވެ. އެއީ ޖުމުލަ 13 ރަކުޢަތެވެ.[3]

– އަދި ބައެއްފަހަރު، (ސަލާމް ދިނުމެއް ނެތި) އެއްފަހަރާ، 9 ރަކުޢަތުން ވިތުރި ކުރައްވައެވެ. އަދި 8 ވަނަ ރަކުޢަތުގައި ފުރަތަމަ އައްތަޙިއްޔާތަށް އިށީނދެވަޑައިގަންނަވައެވެ. ދެން ތެދުވެވަޑައިގެން 9 ވަނަ ރަކުޢަތް ކުރެއްވުމަށްފަހު ސަލާމްދެއްވައެވެ.[4]

މިހުރިހާ ގޮތަކީވެސް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވާ ގޮތްތަކެކެވެ. އަދި އެންމެ މޮޅުއިތުރު ގޮތަކީ 2 ރަކުޢަތުން ސަލާމް ދެމުން ދަމުނަމާދު ކުރުމެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ.

«صَلَاةُ اللَّيْلِ مَثْنَى مَثْنَى»[5]

މާނައީ: “ރޭގަނޑުގެ ނަމާދުވަނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ.”

އެބަހީ: 2 ރަކުޢަތުން 2 ރަކުޢަތުން ކުރުމެވެ. ކޮންމެ 2 ރަކުޢަތަކުން ސަލާމް ދެމުން ކުރުމެވެ. އަދި އެންމެ ފަހުން ވިތުރީގެ 1 ރަކުޢަތް ކުރުމެވެ. މިއީ އެންމެ މޮޅުއިތުރު އަދި އެންމެ ފުރިހަމަ ގޮތެވެ.

އަދި ކުރިން ބަޔާންކުރެވުނު ގޮތްތަކުގެ ތެރެއިން އެހެން ގޮތެއް ޚިޔާރުކުރުމުގައި މައްސަލައެއް ނެތެވެ. އެއީ:

– 1 ރަކުޢަތުން ވިތުރި ކޮށް އެއަށްވުރެ އިތުރު ނުކުރުން.

– 3 ރަކުޢަތުން ވިތުރި ކުރުން: 2 ރަކުޢަތް ކޮށްފައި ސަލާމް ދިނުމަށްފަހު އެއް ރަކުޢަތްކުރުން، ނުވަތަ 3 ރަކުޢަތް އެއްކޮށް ފަހު ރަކުޢަތުގައި އެކަނި އައްތަޙިއްޔާތަށް އިނުން.

– 5 ރަކުޢަތުން ވިތުރި ކުރުން: ކޮންމެ 2 ރަކުޢަތަކުން ސަލާމް ދެމުން 4 ރަކުޢަތްކޮށް ވަކިން 1 ރަކުޢަތް ކުރުން. އެގޮތް މާ އިތުރުވެގެންވެއެވެ. 5 ރަކުޢަތް އެއްކޮން ކޮށް ހަމައެކަނި ފަހު ރަކުޢަތުގައި އައްތަޙިއްޔާތަށް އިނުންވެސް މައްސަލައެއް ނެތެވެ.

މިހުރިހާ ގޮތަކީވެސް ﷲގެ ރަޙުމަތުން ޝަރުޢުކުރައްވާފައިވާ ގޮތްތަކެކެވެ.

 

ވާޖިބުވެގެންވަނީ އަވަސްއަރުވައިނުލާ، ޚުޝޫޢަތްތެރިކަމާއި މަޑުމައިތިރިކަމާއެކު ނަމާދުކުރުމެވެ. ޚުޝޫޢަތްތެރިކަން އިތުރުވުން މޮޅުއިތުރުވެގެންވެއެވެ. ހަމަ އެފަދައިން ކިޔަވާއިރުވެސް ޚުޝޫޢަތްތެރިކަމާއެކު ކިޔެވުން ހުށްޓެވެ. ކިޔެވުމުގައި އަވަސްއަރުވައި ނުލާށެވެ. އަދި އަޑު ހަރުކޮށް ކިޔެވުމާއި ސިއްރުން ކިޔެވުމުގައި އިޚްތިޔާރު ލިބިގެންވެއެވެ. ތިބާ އެދޭނަމަ އަޑު ހަރުކޮށް ކިޔަވާށެވެ. ނުވަތަ ސިއްރުން ކިޔަވާށެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم އަޑު ހަރުކޮށްވެސް އަދި ސިއްރުންވެސް ކިޔަވާވިދާޅުވެއެވެ.[6] އެފަދައިން ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “އެކަލޭގެފާނު ބައެއްފަހަރު އަޑު ހަރުކޮށް ކިޔަވާވިދާޅުވެއެވެ. އަދި ބައެއްފަހަރު ސިއްރުން ކިޔަވާވިދާޅުވެއެވެ.”[7]

ފަހެ، އެކަމުގައި އިޚްތިޔާރު ލިބިގެންވުމުން އެމީހަކަށް އެންމެ ފައިދާހުރި ގޮތަކަށް އެކަން ކުރާނީއެވެ. ތިބާއަށް އެންމެ ބޮޑަށް ޚުޝޫޢަތްތެރިވެވެނީ އަދި ނަމާދުން ރާޙަތުލިބެނީ މަޑުން ކިޔެވުމުން ކަމުގައިވާނަމަ އެގޮތަށް ޢަމަލުކުރުމުގައި މައްސަލައެއް ނެތެވެ. އަދި އެއީ އެޙާލަތުގައި ތިބާއަށް އެންމެ މޮޅުއިތުރު ގޮތެވެ. އަދި ތިބާއަށް އެންމެ ބޮޑަށް ޚުޝޫޢަތްތެރިވެވެނީ އަޑު ހަރުކޮށް ކިޔެވުމުންކަމުގައިވާނަމަ، އެފަދައިން ކިޔެވުމުން ނިދާފައިތިބި މީހުންނަށާއި ނަމާދުކުރާ މީހުންނަށް އުނދަގޫ ނުވާނަމަ، އެފަދައިން ކިޔެވުމުގައި މައްސަލައެއް ނެތެވެ. އަޑު ހަރުކޮށް ކިޔެވުމުން އެހެން މީހުންނަށް އުނދަގޫ ނުވާނަމަ ތިބާ އަޑު ހަރުކޮށް ކިޔަވާނީއެވެ.

ޚުލާޞާއަކީ: އެންމެ މޮޅުއިތުރުގޮތަށް ޢަމަލު ކުރާށެވެ. އަދި އޭނާއަށް އެންމެ ފައިދާހުރި ގޮތަކަށް ކިޔަވާށެވެ. އެއީ އަޑުހަރުކޮށް ކިޔެވުންކަމުގައިވާނަމަ އަޑު ހަރުކޮށް ކިޔެވުމެވެ. އަދި ސިއްރުން ކިޔެވުންކަމުގައިވާނަމަ ސިއްރުން ކިޔެވުމެވެ. ތިބާއަށް އެންމެ ބޮޑަށް ޚުޝޫޢަތްތެރިވެވޭ ގޮތަށް ޢަމަލުކުރާށެވެ. ނަމަވެސް އެހެން މީހުންނަށް އުނދަގޫނުވާ ހާލަތްތަކުގައި މެނުވީ އަޑު ހަރުކޮށް ނުކިޔަވާށެވެ. އޭނާގެ ވަށައިގެން ނަމާދުކުރާ މީހުން ތިބިނަމަ، ނުވަތަ ބައެއް މީހުން ނިދާފައި ތިބިނަމަ، އެބައިމީހުންނަށް އުނދަގޫވެދާނެތީ އެބައިމީހުންގެ ޙާލަށް ރިޔާޢަތްކޮށް، ސިއްރުން ކިޔަވާށެވެ. މިއީ ރަމަޟާން މަސް ނޫން މަސްތަކުގައި ދަމުނަމާދުގައި އެކަން އޮތް ގޮތެވެ.

 

ފަހެ، ރަމަޟާން މަހު ތަހައްޖުދު ނަމާދުގައި ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟ ރަމަޟާން މަހު، މިސްކިތުގައިނަމަ، އަޑު ހަރުކޮށް ކިޔަވާނީއެވެ. އިމާމު އަޑު ހަރުކޮށް ކިޔެވުމުން މައުމޫމުން އެކިޔެވުމުން ފައިދާ ޙާޞިލުކުރުމަށް އަޑުއަހަން ތިބޭނީއެވެ.

 

فتاوى نور على الدرب لسماحة الشيخ عبد العزيز بن عبد الله بن باز (ص: 21-24)

__________________________

[1] أخرجه البخاري في كتاب: الدعوات، باب: الضجع على الشق الأيمن، برقم (6310) ، ومسلم في كتاب: صلاة المسافرين وقصرها، باب: صلاة الليل وعدد ركعات النبي صلى الله عليه وسلم، برقم (736).

[2] أخرجه مسلم في كتاب: صلاة المسافرين وقصرها، باب: جامع صلاة الليل ومن نام عنه أو مرض، برقم (746).

[3] أخرجه البخاري في كتاب: الجمعة، باب: ما يقرأ في ركعتي الفجر، برقم (1164)، ومسلم في كتاب: صلاة المسافرين وقصرها، باب: الدعاء في صلاة الليل وقيامه، برقم (765).

[4] سنن الترمذي الصلاة (457)، سنن النسائي قيام الليل وتطوع النهار (1708).

[5] أخرجه البخاري في كتاب: الصلاة، باب: الحلق والجلوس في المسجد، برقم (472) ، ومسلم في كتاب: صلاة المسافرين وقصرها، باب: صلاة الليل مثنى مثنى، برقم (749).

[6] أخرجه أبو داود في كتاب الصلاة، باب: في رفع الصوت بالقراءة في صلاة الليل، برقم (1328).

[7] أخرجه أحمد في باقي مسند الأنصار، باب: باقي المسند السابق، برقم (24634) ، وأبو داود في كتاب: الطهارة، باب: في الجنب يؤخر الغسل، برقم (226) ، والنسائي في كتاب: قيام الليل وتطوع النهار، باب: كيف القراءة بالليل، برقم (1662) ، وابن ماجه في كتاب: إقامة الصلاة والسنة فيها، باب: ما جاء في القراءة في صلاة الليل، برقم (1354).

 

މަސްދަރު: ދިސަލަފިއްޔާ

0