ނަޞޭޙަތާއި އިރުޝާދު
ފާއިތުވި ނަމާދު ކުރުން

ފާއިތުވި ނަމާދު ނުކުރެވޭނެ ވަކި ވަޤުތެއް އޮވޭތޯ؟

ނަމާދު ފަސްކުރުމުގައި މަޤްބޫލު ޢުޛުރެއްގެ ގޮތުގައި ބެލެވެނީ ކޮންކަމެއްތޯ؟

ފާއިތުވި ނަމާދު ކުރަންޖެހެނީ ތަރުތީބުންތޯ؟

—————————————————

ނަމާދަކީ އޭގެ ވަޤުތުގައި އަދާކުރަންޖެހޭ އަޅުކަމެކެވެ.

﴿إِنَّ الصَّلاَةَ كَانَتْ عَلَى الْـمُؤْمِنِينَ كِتَابًا مَّوْقُوتًا﴾ [النساء 103]

މާނައީ: “ހަމަކަށަވަރުން ނަމާދަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައި ވިޔެވެ.”
ނަމާދު އެޅުމަށް އެއްވެސް ޢުޛުރެއް ނޯވެއެވެ. ނަމާދު ވަޤުތުން ފާއިދުވެދާނެ އޮންނަނީ މަޤްބޫލު ދެ ޢުޛުރެކެވެ.
1- ނިދުމާއި

2- ހަނދާން ނެތުމެވެ.

 

1- ނިދުން:

އެކަމުގެ ދަލީލު:

عن أَبِي قَتَادَةَ قَالَ كُنَّا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذْ قَالَ بَعْضُ الْقَوْمِ لَوْ عَرَّسْتَ بِنَا يَا رَسُولَ اللَّهِ قَالَ إِنِّي أَخَافُ أَنْ تَنَامُوا عَنْ الصَّلَاةِ قَالَ بِلَالٌ أَنَا أَحْفَظُكُمْ فَاضْطَجَعُوا فَنَامُوا وَأَسْنَدَ بِلَالٌ ظَهْرَهُ إِلَى رَاحِلَتِهِ فَاسْتَيْقَظَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَدْ طَلَعَ حَاجِبُ الشَّمْسِ فَقَالَ يَا بِلَالُ أَيْنَ مَا قُلْتَ قَالَ مَا أُلْقِيَتْ عَلَيَّ نَوْمَةٌ مِثْلُهَا قَطُّ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ عَزَّ وَجَلَّ قَبَضَ أَرْوَاحَكُمْ حِينَ شَاءَ فَرَدَّهَا حِينَ شَاءَ قُمْ يَا بِلَالُ فَآذِنْ النَّاسَ بِالصَّلَاةِ فَقَامَ بِلَالٌ فَأَذَّنَ فَتَوَضَّئُوا يَعْنِي حِينَ ارْتَفَعَتْ الشَّمْسُ ثُمَّ قَامَ فَصَلَّى بِهِمْ. (رواه البخاري (595) ومسلم (681) والنسائي (846) واللفظ له)

މާނައީ: އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ވެގެންވެއެވެ. (ދަތުރެއްގައި) ތިމަން ބޭކަލުން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކުގައި ވަނިކޮށް ބައެއް ބޭކަލުން ދަންނަވައިފިއެވެ. “ﷲ ގެ ރަސޫލާއެވެ! ތިމަންބޭކަލުންނާއިގެން ވަރުބަލި ފިލުވާލައި އަރާމުކޮށްލުމަށްޓަކައި (ރޭގަނޑެއްގައި) މަޑުކޮށްލުން ކީއްތޯއެވެ؟” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބޭކަލުން ނިދުމުގެ ސަބަބުން ނަމާދު ފާއިތުވެދާނޭ ކަމުގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.” ބިލާލް ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ތިޔަކަންތައް ބަލާދޭނަމެވެ. (ނުނިދާ ހުރެ، ނަމާދު ވަޤުތު ޖެހުމުން ހުރިހާ ބޭކަލުން ހޭލައްވާނަމެވެ.)” ދެން އެބޭކަލުން އޮށޯވެވަޑައިގެން ނިދިކުރައްވައިފިއެވެ. ބިލާލުގެފާނު ރާޙިލާގައި ލެނގިލެއްވުމާއެކު އެކަލޭގެފާނުވެސް ނިދިޖެހިއްޖެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ހޭފުޅުލެއްވުނު އިރު، އިރުގެ ފުރަތަމަ ބައި ފެންނަވަރަށް އިރު އުދަރެހުން އަރައިފިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ބިލާލުގެފާނެވެ! އެހެން ވިދާޅުވެފައި ތިހެއްދެވީ ކިހިނެއް ހެއްޔެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. “ދުވަހަކުވެސް ތިމަންކަލޭގެފާނަށް މިފަދަ (ގަދަ) ނިންޖެއް ކުރިމަތިނުވެއެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އެއިލާހު އިރާދަކުރައްވާ ކޮންމެ ވަޤުތަކު އެއިލާހު ތިޔަބައިމީހުންގެ ފުރާނަތައް ހިއްޕަވަތެވެ. އަދި އެއިލާހު އިރާދަކުރައްވާ ކޮންމެ ވަޤުތަކު އެފުރާނަތައް އަނބުރާ ހަށިގަނޑުތަކަށް ރައްދުކުރައްވައެވެ. އޭ ބިލާލުގެފާނެވެ! ތެދުވާށެވެ! ނަމާދަށް ބަންގި ދެއްވާށެވެ!” ދެން ބިލާލުގެފާނު ތެދުވެވަޑައިގެން ނަމާދަށް ބަންގި ދެއްވިއެވެ. އަދި އެބޭކަލުން ވުޟޫކުރެއްވިއެވެ. އޭރު ހުރީ އިރު އަރައިފައެވެ. ދެން ނަބިއްޔާ ތެދުވެވަޑައިގެން އެބޭކަލުންނައިގެން ނަމާދު ކުރެއްވިއެވެ.”

 

2- ހަނދާން ނެތުން:

އެކަމުގެ ދަލީލު: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

إِذَا رَقَدَ أَحَدُكُمْ عَنِ الصَّلاَةِ أَوْ غَفَلَ عَنْهَا فَلْيُصَلِّهَا إِذَا ذَكَرَهَا فَإِنَّ اللَّهَ يَقُولُ أَقِمِ الصَّلاَةَ لِذِكْرِى (رواه مسلم (684))

މާނައީ: “ތިޔަބައިމީހުން ކުރެ މީހަކަށް، ނިދީގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ނަމާދެއް ފާއިތުވެއްޖެނަމަ، އެކަން ހަނދާންވީ އިރަކުން އެ ނަމާދު ކުރާށެވެ! ފަހެ، ﷲ ވަޙީކުރައްވަނީ (أَقِمِ الصَّلاَةَ لِذِكْرِى) (ތިމަންއިލާހު ހަނދުމަކުރުމަށްޓަކައި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ” މިފަދައިންނެވެ.”
ނިދުމުގެ ސަބަބުން ނަމާދެއް ފާއިތުވާ މީހާ، ހޭލެވުނުހާ އަވަހަކަށް އެ ނަމާދު ކުރަން ޖެހޭނެއެވެ. ނަމާދު ކުރުން ޙަރާމް ވަޤުތެއް މަކްރޫހަ ވަޤުތެއް ބަލާކަށް ނުޖެހޭނެއެވެ.
ހަނދާން ނެތުމުގެ ސަބަބުން ނަމާދެއް ފާއިތުވި މީހާވެސް، ހަނދާންވީހާ އަވަހަކަށް އެ ނަމާދު ކުރަން ޖެހޭނެއެވެ. ނަމާދު ކުރުން ޙަރާމް ވަޤުތެއް، މަކްރޫހަ ވަޤުތެއް ބަލާކަށް ނުޖެހޭނެއެވެ. (ބައްލަވާ: المغني 2/515.)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

( مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا) رواه البخاري (597) ومسلم (684)

މާނައީ: “ނިދިގެން ނުވަތަ ހަނދާން ނެތިގެން ނަމާދެއް ދޫވެއްޖެ މީހާ ހަނދާންވުމުން އެ ނަމާދު ކުރާށެވެ.”
ވީމާ، ފަތިސް ނަމާދަށް ލަހުން ހޭލެވުނު މީހާ، މިސާލަކަށް ހެނދުނު ހޭލެވުނު މީހާ، އޭނާ ހޭލެވުނުހާ އަވަހަކަށް ފަތިސްނަމާދު ކުރަން ޖެހޭނެއެވެ. މެންދުރު ނަމާދު ވަޤުތު ޖެހެންދެން މަޑުކޮށްގެން ނުވާނެއެވެ. ހޭލެވުނު ގަޑިޔަކީ ނަމާދުކުރުން ޙަރާމް ވަޤުތެއް (މިސާލަކަށް އިރު އަރާވަޤުތު) ކަމުގައި ވިޔަސް އަދި އިރު އަރާ ފަހުން ކަމުގައި ވިޔަސް މެއެވެ. އެހެނީ ނަމާދު ވަޤުތު ފާއިތުވާ މީހާ އެ ހުންނަނީ އޭނާގެ ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް، ﷲ ގެ ޙައްޤެއް އެޅިފައެވެ. ވީހާ އަވަހަކަށް އޭނާ އެ ޙައްޤު ކަނޑުވަން ޖެހޭނެއެވެ.

 

ފާއިތުވި ނަމާދު ނުކުރެވޭނެ ވަޤުތެއް ނޯވެއެވެ.

ފާއިތުވި ނަމާދު ކުރާ އިރު އަބަދުވެސް ކުރާނީ ތަރުތީބުންނެވެ.

މިސާލަކަށް ނިދުމުގެ ސަބަބުން މީހަކަށް ހޭލެވުނީ ޢަޞްރު ނަމާދުގެ ވަޤުތު ވަދެފައި ހުއްޓައެވެ. އޭނާ ހުރީ މެންދުރު ނަމާދުވެސް ނުކޮށެވެ. މި ޙާލަތުގައި ޢަޞްރު ނަމާދު ކުރާނީ މެންދުރު ނަމާދު ކޮށްފައެވެ. މި ކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.

عَنْ عَبْدِ الرَّحْمَنِ بْنِ أَبِي سَعِيدٍ عَنْ أَبِيهِ قَالَ شَغَلَنَا الْمُشْرِكُونَ يَوْمَ الْخَنْدَقِ عَنْ صَلَاةِ الظُّهْرِ حَتَّى غَرَبَتْ الشَّمْسُ .. فَأَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِلالًا فَأَقَامَ لِصَلاةِ الظُّهْرِ فَصَلاهَا ثُمَّ أَقَامَ لِلْعَصْرِ فَصَلاهَا ثُمَّ أَذَّنَ لِلْمَغْرِبِ فَصَلاهَا كَمَا كَانَ يُصَلِّيهَا فِي وَقْتِهَا ..) رواه النسائي ( الأذان/655 ) وصححه الألباني في صحيح النسائي برقم (638)

ޢަބްދުއްރަޙްމާން ބިން އަބޫ ސަޢީދު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. ބައްޕަ ވިދާޅުވިއެވެ. “ޚަންދަޤުގެ ދުވަހުގައި ހަނގުރާމައިގެ ކަންތައްތަކުގައި އުޅެން ޖެހުމުގެ ސަބަބުން މުސްލިމުން މެންދުރު ނަމާދުނުކޮށް އުޅެނިކޮށް އިރު އޮއްސުނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަންގި ގޮވުމަށް ބިލާލުގެފާނަށް އަމުރުކުރެއްވިއެވެ. އޭގެ ފަހުގައި މެންދުރު ނަމާދަށް ޤަމަތް ދެއްވިއެވެ. (މެންދުރު ނަމާދު ކުރެއްވިއެވެ.) އޭގެ ފަހުގައި ޢަޞްރު ނަމާދަށް ޤަމަތް ދެއްވިއެވެ. (ޢަޞްރު ނަމާދު ކުރެއްވިއެވެ.) އޭގެ ފަހުގައި މަޣްރިބު ނަމާދަށް ޤަމަތް ދެއްވިއެވެ. އަދި މަޣްރިބް ނަމާދުގެ ވަޤުތުގައި ނަމާދު ކުރައްވާ ބީދައިން އެ ނަމާދުވެސް ކުރެއްވިއެވެ.”

މި ޙަދީޘުން ދަލާލަތު ކުރަނީ ފާއިތުވެދިޔަ ނަމާދު ކުރާ އިރު ތަރުތީބުން ކުރުމަށެވެ.
ފާއިތުވެ ދިޔަ ނަމާދު ކުރާއިރު ނަމާދު ޤަޟާކުރަން ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ.
ޢިލްމުވެރިންގެ ޤާޢިދާގައި ވަނީ “أَنَّ الْقَضَاءَ يَحْكِيْ الْأَدَاءَ” “ހަމަކަށަވަރުން ޤަޟާކުރުން ވަނީ އަދާކުރުމުގެ މަޤާމުގައެވެ.”  (Making up is identical to the original action)

އެހެންވީމާ، ފާއިތުވި ނަމާދު ކުރާ މީހާ ނަމާދު ކުރާ ގޮތާ، ނަމާދުގެ ވަޤުތުގައި ނަމާދު ކުރާ މީހާ ނަމާދު ކުރާ ގޮތާ އެއްވެސް ތަފާތެއް ނުހުރެއެވެ. ފާއިތުވާ ނަމާދު ކުރާނީ އޭގެ އަޞްލު ނަމާދު ކުރާ ބީދައިންނެވެ. އެއީ ބާރަށް ކިޔަވާ ނަމާދެއް ނަމަ ދުވާލު އެ ނަމާދު ކުރި ކަމުގައި ވިޔަސް ސުންނަތް ވެގެންވަނީ ބާރަށް ކިޔެވުމެވެ. މިސާލަކަށް ފަތިސް ނަމާދު ދުވާލު ކުރާ މީހާ ސުންނަތް ވެގެންވަނީ ފަތިސް ނަމާދުގައި ބާރަށް ކިޔެވުމެވެ. އެއީ އެ ނަމާދުގެ އަޞްލު އޮތް ގޮތެވެ. ޢަޞްރު ނަމާދު ރޭގަނޑު ކުރަން ޖެހިއްޖެ މީހާ ކިޔަވާނީ ސިއްރުންނެވެ. އެއީ އޭގައިވެސް ބަލާނީ ނަމާދުގެ އަޞްލަށެވެ.

 

މަސްދަރު: ދިސަލަފިއްޔާ

0