ޚަބަރު
އަލް ޢަސްރުގެ ފަރާތުން މުޅިން އާ ކުޑަކުދިންނަށް ޙާއްސަ ޕްރޮގްރާމެއް  “އެފްބީ ކިޑްސް” ގެ ނަމުގައި ފަށައިފި

އަލް ޢަސްރުގެ ފަރާތުން ކުޑަކުދިންނަށް ޙާއްސަކޮށްގެން މުޅިން އާ ޕްރޮގްރާމެއް “އެފްބީ ކިޑްސް” ގެ ނަމުގައި ފައްޓައިފިއެވެ.

فِی بُیُوتٍ أَذِنَ ٱللَّهُ أَن تُرۡفَعَ وَیُذۡكَرَ فِیهَا ٱسۡمُهُۥ یُسَبِّحُ لَهُۥ فِیهَا بِٱلۡغُدُوِّ وَٱلۡـَٔاصَالِ النور: ٣٦ – ٣٧

މާނައީ: “މާތް ﷲގެ ނޫރު ލައްވާފައިވާ ގެކޮޅުތަކަކީ (މިސްކިތްތަކަކީ) އެތަންތަން މަތިވެރިކޮށް، އެތަންތަނުގައި އެ ކަލާނގެ ނަންފުޅު ހަނދުމަ ކުރުމަށް އެކަލާނގެ އަމުރު ކުރައްވާފައިވާ ތަންތަނެވެ. އެ ގެކޮޅުތަކުގައި ހެނދުނާއި ހަވީރު އެ އިލާހަށް ތަސްބީޙަކިޔައި (ނަމާދުކޮށް) ހެދެއެވެ.”

“ފީބުޔޫތު” (فِي بُيُوتٍ) މާނައަކީ “މާތް ﷲގެ ގެކޮޅުތަކުގައި..” މި ޕްރޮގްރާމަށް މި ނަން ކިއިފައިވަނީ އިސްވެދިޔަ އާޔަތުންނެވެ.

މި ޕްރޮގްރާމަކީ ދިވެހި ލޮބުވެތި ރައްޔިތުންނަށް އެބައިމީހުންގެ ދީން، މާތްވެގެންވާ އިސްލާމް ދީނުގެ ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ‘އަލްޢަޞްރު’ގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން  ރާއްޖޭގެ އެކި މިސްކިތްތަކުގައި ބާއްވަމުން އަންނަ ސިލްސިލާ ކުލާސްތަކެކެވެ.

މި ކުލާސްތަކަކީ ޢިލްމީ އަދި ތަރުބަވީ ކުލާސްތަކަކަށް ވާތީ މި ކުލާސްތަކުގައި ކިޔަވައި ދެވެނީ އިސްލާމީ ޞައްޙަ މަންހަޖުގެ މަތީގައިވާ، އުންމަތުގެ ބޮޑެތި ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތަކެވެ. އޭގެތެރޭގައި ޢަޤިދާ، ޙަދީޘް، ތަފްސީރު، ސީރަތު، ފިޤްހު ފަދަ މުހިންމު މާއްދާތައް ހިމެއެވެ.

 “އެފްބީ ކިޑްސް” އަކީ (ފީބުޔޫތު ކިޑްސް ) މި ކްލާސްތަށް ފަދައިން ބާއްވާނެ ކުޑަކުދިންނަށް ހާއްސަ ކްލާސް ތަކެކެވެ،

އަލް ޢަސްރުގެ މީޑިއާ އޮފިޝަލް ދެއްވި މަޢުލޫމާތުގެ ތެރޭގައި، މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިން މިސްކިތަށާއި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމެވެ. އެގޮތުން ޕްރޮގްރާމްގައި ކުރިއަށް ގެންދިއުމަށް ވިސްނާފައިވަނީ ކުޑަކުދިންނާއި ގުޅޭގޮތަށް އެކުދިންނާ ރައްޓެހި މަޖާ އަދި އުފާކޮށްލެވޭނެ ފަދަ މާހައުލެއްގައި ވަގުތު ހޭދަ ކުރުވޭނެ ފަދަ ގޮތަކަށެވެ. އުމުރުން ހަ އަހަރާއި އެގާރަ އެހަރާއި ދެމެދުގެ ފިރިހެން އަދި އަންހެން ކުދިންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ވީހާވެސް ގިނަ ކުދިން ބައިވެރިކޮށްގެން ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަލް ޢަސްރުގެ ފަރާތުން މައުލޫމާތު ދެއްވިއެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ މައުލޫތަކުގެ ތެރޭގައި ސޫރަތްތައް ބާވާލެއްވި ސަބަބު، ސޫރަތާއި ގުޅުންހުރި މައިގަނޑު ވާހަކަ، ވަކި ވަކި އާޔަތް ބާއްވާލެއްވި ސަބަބު، ކުރުކޮށް އަޔާތުގެ ތަފްސީރު، އާޔަތުގެ މާނަ ދަސްކޮށް ހަނދާން ކުރާނެ ކުދި ކުދި އުކުޅުތައް އަދި ސޫރަތުން ލިބިގެންދާ އިބްރަތްތައް ހިމެނެއެވެ.

ކުޑަކުދިންނަށް ވީހާވެސް ފަސޭހައިން ނަގައިގެނެވޭނެ ފަދަ ގޮތަކަށް ޤުރުއާނުގެ ވާހަކަތައް ގެނެސްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް އަލް ޢަސްރުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ. އެގޮތުން މި ޕްރޮގްރާމްގެ ސެޝަންތަކުގައި ކިޔަވައިދެއްވުމަށް ހަމަޖެހިފައިވަނި އައްޝެއިޚް އަހަމްދު ޝުއެއިބް އެވެ. 15 މިނެޓާއި 20 މިނެޓާއި ދެމެދުގެ ކުރު ސެޝަންތައް ކޮންމެ ހޮނިހިރު ދުވަހެއްގެ ޢަޟްރު ނަމާދަށްފަހު މަސްޖިދުއް ނޫރުގައި ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ފުރުތަމަ ސެޝަން މިއަދު ވަނީ ނޫރު މިސްކިތުގައި ކުރިއަށް ގެންގޮސްފައެވެ.

އަލް ޢަސްރުގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި އެބޭފުޅުން ބޭނުންވަނީ ދިވެހި މުޖުތަމަޢިން ބޮޑުވެގެން އަންނަ ކުޑަކުދިންނަކީ މިސްކިތް ދެކެ ލޯބިވާ، މިސްކިތަށް ހިތްޖެހިފައިވާ، މިސްކިތުގައި ބޭއްވޭ ޢިލްމީ ދަރުސްތަކުގައި ބައިވެރިވާ ކުދިބަޔަކަށް ހެދުމެވެ. އަދި އެކުދިންގެ ފަރާތުން އިސްލާމީ ރިވެތި ސިފަތަށް ފެނި އިސްލާމީ އުންމަތުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުދިންކަމުގައި ވެގެން ދިއުމެވެ. އެހެން ކަމުން މި ޕްރޮގްރާމްގައި ވީހާވެސް ގިނަ ކުދިން ބައިވެރިކޮށްދިނުމަކީ އަލް ޢަސްރުގެ ފަރާތުން ބެލެނިވެރިންގެ އަރިހުން އެދޭ ވަރަށް ބޮޑު އެދުމެކެވެ.

މި ޕްރޮގްރާމްގައި ބައިވެރި ލެއްވުމަށް ކުއްޖާގެ ނަން، އުމުރު، ބެލެނިވެރިޔާއާއި ގުޅޭނެ ނަންބަރު ޖެއްސުވުމަށް އަލް ޢަސްރުގެ ނަންބަރު 7925277 އަށް ވައިބަރު ނުވަތަ މެސެޖެއް ކޮށްލުމުން ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި މި ސެޝަންތައް އަލް ޢަސްރުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެކަމުގެ އުފާވެރި ޚަބަރު އެބޭފުޅުން ދެއްވިއެވެ.

0