ނަޞޭޙަތާއި އިރުޝާދު
ޟުޙާ ސޫރަތުން ލިއްބައިދޭ ތަސައްލީ

ޟުޙާ ސޫރަތުން ލިއްބައިދޭ ތަސައްލީ
މައްކާގެ މުޝްރިކުންގެ ދުއްތުރާލާ އުނދަގޫތައް ވަނީ އޭގެ އިންތިހާއަށް ފޯރާފައެވެ. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް ވަޙީ ބާއްވައިނުލެވޭތާ އެތައް ދުވަހެއްވެއްޖެއެވެ. މާތް ﷲ އެކަލޭގެފާނު ދޫކޮށްލައްވާފައިވާ ކަމުގައި ބުނެ، އިތުރު އެކަލޭގެފާނަށް މަލާމާތް ރައްދުކުރެވެމުން ދިޔައެވެ.
މި ދަނޑިވަޅުގައި ޟުޙާ ސޫރަތް މާތް ﷲ ބާއްވައިލެއްވުމާއިއެކު، ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްއާއި ޞަޙާބީންގެ ހިތްޕުޅުތަކަށް ތަސައްލީ ލިބިގެން ދިޔައެވެ. މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ދޫކޮށްލެވިފައިނުވާކަން އެންގެވުނީ ހެނދުނުގެ ކުރީކޮޅުގެ ވަގުތާއި ރޭގަނޑުގެ އަނދިރިކަން ވެރިވެ ހިމޭންވާ ވަގުތު ގަންދެއްވައެވެ.
މިކަމުން އަޅުގަނޑުމެންނަށް ލިބޭ ޢިބުރަތަކީ ރޭގަނޑުގެ އަނދިރިކަމަށް ނިމުން އަންނަ ފަދައިން މުޞީބާތްތަކާއި މޮޅިވެރިކަމަށްވެސް ނިމުން އަންނާނެކަމެވެ. ހިތާމަވެރި ދުވަސްތަކަށްފަހު، އުފާވެރި ދުވަސްތައް އަންނާނެކަމެވެ. ރޭގަނޑުގެ އަނދިރިކަން ގަދަވާވަރަކަށް ދުވާލުގެ އަލިވިލުމާއި ގާތްވާ ފަދައިން، މުޞީބާތުގެ ވޭންވަރު ބޮޑުވާ ވަރަކަށް، މުޞީބާތުން ސަލާމަތްވުން ގާތްވަމުން ދާނެކަމެވެ. މިއީ ކައުނުގައިވާ އިލާހީ ޤާނޫނެކެވެ.
އިމްތިޙާނުގެ ކޮންމެ ޙާލަތަކުން އަރައިގަތުމަށްޓަކައި ވަޤުތު ބޭނުންވާނެއެވެ. ދޮގު ތުހުމަތުތަކެއްގައި ބަންދުކުރެވި، އެތައް އަހަރުތަކެއް ހޭދަކުރައްވަން ޔޫސުފުގެފާނަށް ޖެހިވަޑައިގަތެވެ. ދަނޑުތަކާއި މުދާތައް ނެތި ހަލާކުވެ، އެންމެހާ ދަރިން މަރުވެ، ބަލިމަޑުކަމުގައި 18 އަހަރުގެ ދިގު މުއްދަތެއްގައި އައްޔޫބުގެފާނު އިމްތިޙާނުކުރެވުނެއެވެ. މުޝްރިކުންގެ ދުއްތުރާލާއި އުނދަގޫ ތަކުގައި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްއާއި ޞަޙާބީން 13 އަހަރު އިމްތިޙާނުކުރެވުނެވެ. ކެތްތެރިކަމުގެ އަހަރުތަކަށްފަހު، ޔޫސުފުގެފާނަށް މިޞްރުގެ މާލީ އަދި އިޤްތިޞާދީ ކަންކަން ހިންގުމުގެ އެންމެ އިސް ބާރު ލިބިވަޑައިގަތެވެ. ކެތްތެރިކަމުގެ ދިގު މުއްދަތަށްފަހު، ސިއްޙަތާއި ޢާފިޔަތް، މުއްސަނދިކަމާއި ދަރިފަސްކޮޅެއްގެ ނިޢުމަތް މާތް ﷲ އައްޔޫބުގެފާނަށް ދެއްވެވިއެވެ. މައްކާގެ ހިތްދަތި ދުވަސްތަކަށްފަހު ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްއާއި ޞަޙާބީން މަދީނާގައި ތަމްކީނުކުރެވިގެންދިޔައެވެ.
މި އިލާހީ ޤާނޫނަށް އީމާންވުމުގެ މާނައަކީ ތަދުމަޑުކަމުގެ ޙާލަތު ބަދަލުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ނުކޮށް ދެ އަތް އުރާލައިގެން ތިބުމެއް ނޫނެވެ. މުސްލިމުންގެ މަންހަޖަކީ ސަބަބުތަކުގައި ހިފުމާއެކު، އާޚިރު ނަތީޖާއާއި ހަމައަށް ވާޞިލުކޮށްދެވޭނެ ހަމައެކަނި ފަރާތަކީ މާތް ﷲ سبحانه وتعالى ކަން ހިތުގެ އަޑިން ކަށަވަރުކުރުމެވެ. ނަބަވީ ސީރަތާއި އިސްލާމީ ތާރީޚް ވިދާ ބަބުޅަނީ މި ދެންނެވި މަންހަޖުގެ އަލިގަދަ މިސާލުތަކުންނެވެ.

0