ޚަބަރު
ބަދު އަޚުލާޤީ ޢަމަލުތަކަށް ގޮވާލުމާއި ފެތުރުމަކީ ﷲ ގެ ޢުޤޫބާތް އެބައެއްގެ މައްޗަށް ހުށަހެޅިގެންދާނެ ކަމެއް – ޚުތުބާ

ބަދު އަޚުލާޤީ ޢަމަލުތަކަށް ގޮވާލުމާއި ފެތުރުމަކީ ﷲ ގެ ޢުޤޫބާތް އެބައެއްގެ މައްޗަށް ހުށަހެޅިގެންދާނެ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެެއްޖެއެވެ.

ޚުތުބާގައި ވިދާޅުވީ “އިންސާނާގެ އަބުރުގެ ޙުރުމަތް ކެނޑޭފަދަ ހަޑިމުޑުދާރު ޢަމަލުތަކަށް އަރައިގަތުމަކީ ބަޔަކަށް ލިބިގެންވާ ޙައްޤެއްނޫނެވެ. އަދި ކީއްހެއްޔެވެ! އެބައެއްގެ ޢިއްޒަތުއްނަފުސު ވެއްޔާ މޮޑެވި، މުޖުތަމަޢުގައި ނޭއްގާނީކަމާއި ބަލިމަޑުކަން ފެތުރި، ﷲ ގެ ޢުޤޫބާތް އެބައެއްގެ މައްޗަށް ހުށަހެޅިގެންދާނެ ކަމެކެވެ.”

ޚުތުބާ އިތުރަށް ވިދާޅުވީ “ޢިއްފަތްތެރި އަބުރުވެރި މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ އިސްލާމީ މުޖުތަމަޢުގެ އަފުރާދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް އިސްލާމީ ޤައުމެއްގައި ހުރުން އެކަށީގެންނުވާ ކިތަންމެކަމެއް މިއަދު އަޅުގަނޑުމެންގެ މި އިސްލާމީ މުޖްތަމަޢުގައި ފެތުރެމުންދާކަމީ ހިތާމަހުރިކަމެކެވެ. މިފަދަ ނުބައި ކަންކަމަށް ގޮވާލުމަކީ އިންސާނުންގެ ފިޠުރަތާއި ޝަރީޢަތުގެ ޙުކުމްތަކާ ދެކޮޅަށް ނުކުމެ، ހިންގޭ ނުބައި ޖަރީމާއެއް ކަމުގައި މެނުވީ ނުވާނެއެވެ”.
ޚުތުބާ އިތުރަށް ވިދާޅުވީ ” ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ޙައްޤުތައް ހޯދުމުގެ ނަމުގައި އިސްލާމް ދީން ހުއްދަނުކުރާ ވާހަކަތައް މި ދިވެހި މުޖުތަމަޢުގައި ދެކެވިގެން ނުވާނެއެވެ. އެހެނީ އިންސާއަށް ލިބިގެންވާ މިނިވަންކަމަކީ، ވައިޖަހާފައި ފުއްޕާހަމެއް ދޫކޮށްލީމާ ދާ ބީދައިން އެއްވެސް ހިފެހެއްޓުމެއް، މިޞްރާބެއް ނެތި އިންސާނާގެ ޚިޔާލާއި ފިކުރު ބޭނުން ދިމާއަކަށް ދާން ދޫކޮށްލުމެއް ނޫނެވެ. ނަމަވެސް މިނިވަންކަމަކީ ފަޚުރުވެރިކަމާ އެކު ވިހުރުވާ ދިދައެއް ހެން އެއްކޮޅު ނުހަނު ގަދައަށް ބަނދެ، މުޅި ދިދަ ހޫރުވެން ދޫކޮށްލާފައި ހުރުން ފަދަ ކަމެކެވެ.”

0