ނަޞޭޙަތާއި އިރުޝާދު
ފާޚާނާއަށް ވަންނަ މީހާ ކުރުން ސުންނަތްވެގެންވާ ކަންތައްތައް

ފާޚާނާއަށް ވަންނަ މީހާ ފާޚާނާއަށް ވަނުމުގެ ކުރިން ( بِاسْمِ اللهِ ، اَلَّلهُمَّ إِنِّيْ أَعُوْذُبِكَ مِنَ الْخُبُثِ وَ الْخَبَائِثِ ) މިގޮތަށް ކިޔަންވާނެއެވެ.  މާނައީ: ” މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން  ވަންނަމެވެ.  އޭ ﷲ އެވެ! ހަމަކަށަވރުން މިއަޅާ އިބައިލާހުގެ ހަޟްރަތުން ޖިންނީންގެ ފިރިހެން ޖިންނި އާއި އަންހެން ޖީންނީންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދެމެވެ. “. އަދި ފާޚާނާކޮށް ނިމިގެން ނުކުމެ ( غُفْرَانَكَ ) މިފަދައިން ކިޔަންވާނެއެވެ. މާނައީ: ” ﷲ ތަޢާލާގެ ހަޟުރަތުން އަޅަމެންގެ ފާފަ ފުއްސެވުމަށް އެދެމެވެ. “. އަދި ފާޚާނާއިން ނުކުންނައިރު އިސްކުރަންވާނީ އޭނާގެ ކަނައަތުފަޔެވެ. އަދި ފާޚާނާއަށް ވަންނައިރު އިސްކުރަންވާނީ ވައަތުފަޔެވެ. އަދި ފާޚާނާ ކުރުމަށްޓަކައި ބިމާއި ދިމާލަށް ތިރިވަންދެން ޢައުރަ ކަޝްފުނުކުމަކީ ސުންނަތް ވެގެންވާގޮތެވެ.

ފާޚާނާއަށް ދިޔައީ ސަހަރާއެއްފަދަ ހުސްބިމަކަށް ކަމުގައި ވަނީނަމަ އެހެން މީހުންނަށް ނުފެންނާނޭހެން ވީހާވެސް ދުރަށް ދިޔުން ނުވަތަ އެއްޗެއްގެ ނިވަލުގައި ނިވާ ވުމަކީ ސުންނަތްވެގެންވާ ގޮތެވެ. މަތީގައި ބަޔާންވެ ދިޔަ ހުރިހާ ކަމަކަށް ދަލީލް ލިބޭ ހަދީޘްފުޅުތައް ތިރީގައި ހިމަނާލާނަމެވެ.

ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ( خَرَجْنَا مَعَ رَسُولِ اللهِ صَلَّى الله عَليْهِ وسَلَّمَ فِي سَفَرٍ ، وَكَانَ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ لاَ يَأْتِي الْبَرَازَ حَتَّى يَتَغَيَّبَ فَلاَ يُرَى )رواه أبوداود و ابن ماجه و اللفظ له و اسناده صحيح : انظر ” صحيح ابن ماجه ” ( 1/60 )
މާނައީ: ” ތިމަން ބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއެކީ ދަތުރެއްގައި ނިކުމެވަޑައިގަތީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޤަޟާޙާޖަތް ކުރައްވަން ޖެހިވަޑައިގެންފިނަމަ ސަހަރާތެރެޔަށް ދުރަށްވަޑައިގަންނަވައެވެ. އެހެންކަމުން އެކަލޭގެފާނު އެހެންމީހަކަށް ނުފެނެއެވެ.  “

ޢަލީ ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (  سِتْرُ مَا بَيْنَ الْجِنِّ وَعَوْرَاتِ بَنِي آدَمَ , إِذَا دَخَلَ الْخَلَاءَ أَنْ يَقُولَ : بِاسْمِ اللَّهِ  )رواه ابن ماجه و الترمذي و حسنه أحمد شاكر في “حاشية الترمذي” و صححه الألباني في “صحيح الجامع الصغير” (  3611 ).

މާނައީ: ” އާދަމުގެ ދަރިޔާގެ ޢައުރަ އާއި ޖިންނި އާއި ދެމެދުވާ ހުރަހަކީ އޭނާ ބިސްމިالله ކިޔުމެވެ. “ އެބަހީ އޭރުން އާދަމުގެދަރިޔާގެ ޢައުރަ ކަޝްފުކުރި ކަމުގައިވިޔަސް ޖިންނިއަކަށް ނުފެންނާނެއެވެ.

އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ( كَانَ النَّبِيُ صَلَّى اللهُ عَلَيْهِ وَ سَلَّمَ إِذَا دَخَلَ الْخَلَاءَ قَالَ : اَلّلهُمَّ إِنِّيْ أَعُوْذُبِكَ مِنَ الْخُبُثِ وَ الْخَبَائِثِ ) متفق عليه

މާނައީ: ” ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ ފާޚާނާއަށް ވަދެވަޑައިގަންނަވާނަމަ ވިދާޅުވެއެވެ. اَلّلهُمَّ إِنِّيْ أَعُوْذُبِكَ مِنَ الْخُبُثِ وَ الْخَبَائِثِ މާނައީ: ” އޭ ﷲ އެވެ! ހަމަކަށަވރުން ތިމަން އިބައިލާހުގެ ހަޟްރަތުން ޖިންނީންގެ ފިރިހެން ޖިންނި އާއި އަންހެން ޖީންނީންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އެދެމެވެ.  “

ޢާއިޝާ ރަޟިޔަﷲޢަންހާ ވިދާޅިވެފައިވެއެވެ. ( كَانَ إِذَا خَرَجَ مِنَ الْغَائِطِ قَالَ « غُفْرَانَكَ » ) رواه أبو داود و الترمذي و قال حسن غريب و حسنه الألباني في صحيح الجامع الصغير ( 4707).

މާނައީ: ”  މާތް ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ ފާޚާނާއިން ނުކުވެވަޑައިގެންފިނަމަ غُفْرَانَكَ އޭ ވިދާޅުވެއެވެ. މާނައީ: ﷲ ތަޢާލާގެ ހަޟުރަތުން އަޅަމެންގެ ފާފަ ފުއްސެވުމަށް އެދެމެވެ.  “

އިބްނު ޢުމަރު ރަޟިޔަﷲޢަންހުމާ ރިވާކުރައްވާފައިވެއެވެ. (  أَنَّ النَّبِىَّ -صلى الله عليه وسلم- كَانَ إِذَا أَرَادَ حَاجَةً لاَ يَرْفَعُ ثَوْبَهُ حَتَّى يَدْنُوَ مِنَ الأَرْضِ.  ) رواه أبو داود و الترمذي و صححه الألباني . انظر” صحيح جامع الصغير” (  4652  ).

މާނައީ: ” ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޤަޟާޙާޖަތް ކުރައްވަން ބޭނުންވެވަޑައިގެންފިނަމަ އެކަލޭގެފާނު ބިމާއި ކައިރިޔަށް ތިރިވެވަޑައި ނުގެންނެވެނީސް ހެދުންކޮޅު ނުހިއްލަވައެވެ. “

މަސްދަރު: ދިސަލަފިއްޔާ

0