ނަޞޭޙަތާއި އިރުޝާދު
އުފާވެރި ދިރިއުޅުމަކަށް މަސައްކަތް ކުރަމާތޯ!!!

ރެއާއި ދުވާލު ޓީވީ އާއި ރޭޑިޔޯ ގެ ޒަރީއާއިން ކެނޑިނޭޅި މި އިވޭ އެއް އަޑަކީ ސިޔާސީ ލީޑަރުންގެ ވަޢުދުތަކުގެ އަޑެވެ. އެބޭފުޅުންގެ ސިޔާސީ ވިސްނުންފުޅުގެ އަޑެވެ. ދިވެހި ރައްޔިތުންނަށް މުޅިން “އާ ދިވެހިރާއްޖެ” އެއް ދައްކައިދޭނެ ކަމުގެ ފޮނި އުއްމީދުތަކުގެ ވާހަކައެވެ. ދިރިއުޅުމުގެ ހުރިހާ އުފަލެއް ހޯދައިދޭނެ ވާހަކައެވެ.

ބައެއް ސިޔާސީ ލީޑަރުންގެ ވާހަކަތަކުން އިހްސާސްތައް މުޅިންހެން ބަދަލުވެގެންދެއެވެ. ދިރިއުޅުމަކީ ހަމަ އެކަނި ދުނިޔޭގެ އަރާމާއި އުފާކަމުގައި އިހްސާސް ކުރެވެއެވެ. ކޮންމެ ޢާއިލާއަކަށް ދިރިއުޅޭނޭ ގަނޑުވަރެއް ލިބޭނެކަމުގެ އުފާވެރި ޚަބަރާއި އެކު އެއަރކޯން ކުރެވިފައިވާ ކޮޓަރިތަކުގައި ޓީވީ ބެލުމާއި ދުނިޔަވީ މަޖަލުގައި ވަގުތު ހޭދަކުރުމަކީ މިދުނިޔޭގައި ދިރިއުޅުމުގެ ހުރިހާ މަޤްސަދެއް ހާސިލުވުން ކަމަށް އިހްސާސް ކުރެވެއެވެ. ބަނޑުފުރާނަ މުއްތިކުރުމަށް ހިތަށްއަރާ ކޮންމެ އެއްޗެއް ލިބި މާއްދީ ބޭނުންތަކަށް ބޭނުންވާ ހުރިހާ އެއްޗެއް ކޮންމެވަގުތެއްގައިވެސް ކުޑަކުޑަ އަގެއްގައި ލިބޭނެ ވާހަކަ އަކީ ބަޔާންނުކުރެވޭހާ އުފާވެރިކަން ހިތައް ގެނެސްދޭ އިހްސާސްތަކެވެ. އާމްދަނީލިބޭނެ އެއްވެސް ވަސީލަތެއްނެތަސް ދަރަނިވެރިއެއްނުވާނެއެވެ. ބައްޔެއްޖެހުނަސް ބޭސްކުރުމުގައި އެއްވެސް ދައްޗެއް ނެތެވެ.އިންސާނާ ވަނީ ހުރިހާ މުސީބަތަކުން ސަލާމަތްވެ އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއްގައެވެ. ބޭނުންވާ ހުރިހާ ކަމެއް ކުރެވޭނެއެވެ.ހުރިހާ ޒިއްމާއެއް ދިވެހިސަރުކާރު އުފުއްލަވާނެއެވެ.އަޅުގަނޑުމެން ކުޑައިރު ކިޔާއުޅޭ ފްލޯކު ވާހަކަތަކުގައި ޕަރީ “މެޖިކް ސްޓިކް”ގެ ޖާދުލުން އެދޭ ހުރިހާ އެދުމެއް ފުއްދައިދޭގޮތަށް މިހާރުގެ ސިޔާސީ ލީޑަރުންވެސް މިތިބީ އަޅުގަނޑުމެން އެދޭ މަންޒިލަކަށް ދިވެހިސަރުކާރުގެ “މެޖިކް ސްޓިކް” ބޭނުންކޮށްގެން ފޮނުވައި ދިނުމަށް ތައްޔާރަށެވެ. ހާދަ އުފާވެރިއެވެ. މި އުފާވެރި ދިރިއުޅުމަށް ހުރިހާ ދިވެހީންވެސް މިތިބީ ކަރުހިއްކައިގެންފައެވެ.

ލޮބުވެތި ދިވެހިރައްޔިތުންނޭވެ. އިސްލާމީ މުޖުތަމަޢެއްގެ ތެރެއިން މާތްވެގެންވާ އިސްލާމްދީނުގެ އަލިކަން ނެތެމުންދާތަން ދެކެން ބޭނުންވާނީ ފަހެކާކު ހެއްޔެވެ. މި މާތް ދީން ހިމާޔަތްކޮށްދިނުމަށް ވަޢުދުވެލައްވަނީ ކިތައް ސިޔާސީ ލީޑަރުންތޯއެވެ. ބޮޑުމުދާގަނޑާއި ވަގުތީއުފާދޫކޮށް ދިވެހިރައްޔިތުންނަށް ހެވާއި ލާބައަށް އެދި، ފާހިޝް އަމަލުތަކާއި ޑްރަގުގެ ވަބާފަދަ ބޮޑެތި ހަރާމް ކަންތައްތަކުން ކިލަނބުވަމުންދާ މި މުޖުތަމަޢު ސަލާމަތްކޮށްދެއްވާނެ ވެރިއަކަށް މިއަދު މިއާދޭސް ދަންނަވާ މުޖުތަމަޢާ ދޭތެރޭ ވިސްނަވާ ވަޑައިގަންނަވާނޭ ބޭފުޅަކު ހަމަނެތީތޯއެވެ. ޤަބުރުމަތީ ބިނާކުރެވިފައިވާ މިސްކިތްތައް ނައްތަވާލައްވާ ފުރިހަމަ ގޮތުގައި މާތް ﷲ ސުބުޙާނަހޫވަތަޢާލާއަށް އަޅުކަން އަދާކުރެވޭނެ  މަގުފަހިކޮށްދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގަންނަވަނީ ކިތައްބޭފުޅުންތޯއެވެ. ޤުރުއާން އުގަންނައިދޭނެ ޤާރީން ތަމްރީނުކޮށް އަރަބިބަސް ކިޔަވައިދެއްވާނެ ޓީޗަރަކު ކޮންމެރަށަކަށް ފޮނުވައި ދެއްވާނެކަމަށް ވަޢުދުވެވަޑައިގަންނަވަނީ ކިތައް ބޭފުޅުންތޯއެވެ.

ލޮބުވެތި ދިވެހިރައްޔިތުންނޭވެ.ހޭއަރާށެވެ. ޢާފިލުކަންމަތީ ވަގުތުނަގާނުލާށެވެ. މާތްﷲ ސުބުހާނަހޫވަތަޢާލާގެ ކޯފާ އަކީ އެއްވެސް އިންސާނަކަށް މަނާ ކުރެވޭނެ އެއްޗެއް ނޫނެވެ.މުސީބާތްތަކުން ސަލާމަތްވުމަށް ދަންނަވާނީ މާތްﷲ ސުބުހާނަހޫވަތަޢާލާއަށެވެ. މި ދުނިޔޭގެ ކުޑަވަގުތުކޮޅެއްގެ އުފާވެރިކަމަށް ދަހިވެތިވެ ވަޑައިނުގަންނަވާށެވެ. މިދުނިޔޭގެ އުފަލަކީ ކުޑަކުޑަ ވަގުތުކޮޅެއްގެ އުފާވެރިކަމެކެވެ. މިދުނިޔެއަށް އަޅުގަނޑުމެން ފޮނުއްވީ ވަކިފަރާތަކުންނެވެ.ކަނޑައެޅިފައިވާ ވަގުތު ހަމަވުމާއިއެކު އެފަރާތުން އަނބުރާ އަޅުގަނޑުމެން ގެންދަވާނެއެވެ. އެއްކަލަ ރީތި ގަނޑުވަރު ހުރިގޮތަށް މިދުނިޔެމަތީގައި ވިރާނާވެ ނެތިދާނެއެވެ. ދުނިޔޭގެ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ބަދަލުގައި އީމާން ތެރިކަމުން ހިތްތައް ފުރާލެވޭތޯބަލާށެވެ. އެދުވަހުގެ އުފާވެރި ދިރިއުޅުމަށް ދަހިވެތިވާށެވެ. މާތް ﷲ ސުބުޙާނަހޫވަތަޢާލާ އެންގެވިގޮތަށް ދިރިއުޅުން ބައްޓަން ކޮށްފި މީހެއްގެ ދިރިއުޅުމުގެ އުފާވެރިކަމުގެ ވާހަކަ އަކީ ދައްކާކޮޅުންލާނޭ ވާހަކައެއްނޫނެވެ. ދުވަހަކުވެސް ނުދެކޭ މީރު މޭވާ ތަކާއި ހިތަށް ތަސައްވަރުނުކުރެވޭ ބޮޑެތި ގަނޑުވަރުތަކުގައި ދިރިއުޅޭނީ ކޮންފަދުގެ އުފާވެރިކަމެއްގައިތޯ އެވެ. ސުވަރުގޭގެ ދާއިމީ އުފާވެރިކަމެވެ.ވިސްނަވާލައްވާށެވެ.އުފާވެރި ދިރިއުޅުމަކަށް ކޮންމެހެން ބޮޑެތި ބިނާތަކަކާއި ފައިސާތަކެއްބޭނުމެއްނުވެއެވެ. ބޭނުންވަނީ ހަމަ އެކަނި ތެދުވެރި ހިތަކާއި އީމާންތެރިކަމެވެ.މާތްﷲ ސުބުޙާނަހޫވަތަޢާލާ ގެ ފަރުޟުތަކަށް ރައްކާތެރިވެ ވީވަރަކުން ސުންނަތް އަދާކުރުމުގައި ދެމިހުރުމެވެ.

މިފުރިހަމަ ދިރިއުޅުން މިގޮތުގައި އޮއްވާ ބަޔަކުމީހުން ދައްކާ ދަޅަތަކަކަށް ހެއްލި ޢާފިލު ވެގަންނަ މީހުންނަށް އޮތީ ހަމަ އެކަނި މި ދުނިޔޭގެ ވަގުތު ކޮޅެއްގެ އުފަލެކެވެ.ނަރަކައިގެ ބިރުވެރިކަމެވެ. ޒައްގޫމްގެ ހިތިރަހައެވެ. އަލިފާނުގެ ހޫނުކަމެވެ. ވަގުތު ފާއިތުވުމުން ސަލާމަތްވެވޭނެ އެއްވެސް ގޮތެއްނޯންނާނެއެވެ. އެދުވަހުން އެހެން “އާ ދުނިޔެ” އެއް ހޯދައިދޭނެ މީހަކު ނާންނާނެއެވެ. ގަނޑުވަރުތަކެއްބިނާ ކޮށްދޭނެ މީހަކު ނާންނާނެއެވެ. ބޭސްފަރުވާކޮށްދޭނެ މީހަކު ނާންނާނެއެވެ. ނެގޭނެ ޑިގްރީއެއް ނޯންނާނެއެވެ. ވިސްނަވާލައްވާށެވެ. އެހާ ކައިރިއަކަށް ނޫނެވެ. ތަންކޮޅެއްދުރަށް ފިކުރު ހިންގަވާ ލައްވާށެވެ. ލޮބުވެތި އެންމެހާ އަޚުންނާއި އުޚްތުންނަށް ހެޔޮވިސްނުން މިންވަރު ކުރައްވާށިއެވެ. އާމީން

 

މަސްދަރު: ނޫރުލްއިސްލާމް

0