ނަޞޭޙަތާއި އިރުޝާދު
ހަޔާތުގެ ދުވަސްތައް އިބިލީހަށް ހަދިޔާ ނުކުރާށެވެ.

އިންސާނާއަށް ލިބިހުރި ޢިލްމަށް ޢަމަލުކުރީ ކޮން ގޮތަކަށްތޯ ސުވާލު ވެވޭނެއެވެ. މުދާ ހޯދި ގޮތާއި ހޭދަ ކުރި ގޮތާއި މެދު ސުވާލު ވެވޭނެއެވެ. ވަގުތު ހޭދަކޮށްލި ގޮތާއި މެދު ދެ ފަހަރަށް ސުވާލުވެވެއެވެ. އެއީ ޢާންމުކޮށްނާއި ޚާއްސަކޮށްނެވެ. ޢާންމުކޮށް ސުވާލު ވެވެނީ އޭނާގެ މުޅި ޢުމުރާއި މެދުގައެވެ. ޚާއްސަކޮށް ސުވާލުވެނީ ޒުވާންކަމާއި މެދުގައެވެ.

މުދަލެކޭ އެއްގޮތަށް ވަގުތަކީ ވެސް އަހަރެމެންނަށް ލިބިފައި ގެއްލިދާ ވަރަށް އަގުހުރި އެއްޗެކެވެ. ނަމަވެސް މުދާ ގެއްލި ދިއުމުން ހިތާމަކުރާ ގޮތަށް ވަގުތު ގެއްލުމުން ހިތާމަ ނުކުރެވެނީ ވަގުތުގެ މުހިންމުކަން ނޭނގޭތީއެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މާތްރަސްކަލާނގެ ކީރިތި ޤުރްއާނުގައި ކަމެއް ނުވަތަ އެއްޗެއް، ނުވަތަ ތަނެއް ގަންދެއްވާފައި ބަސްފުޅެއް ވަޙީކުރައްވައިފި ނަމަ ދޭހަކޮށްދެނީ އެ ގަންދެއްވުމަކުން އިޝާރަތްކުރެވުނު ފަރާތުގެ  މުހިންމުކަމާއި މަތިވެރިކަމެވެ. ބޭނުންތެރިކަމުގެ ބޮޑުކަމެވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ކިތަންމެ އާޔަތެއްގައި ވަގުތުގެ އެކި ދަންފަޅިތައް ގަންދެއްވާ ހުވާ ވަޙީކުރައްވާފައިވެއެވެ.

ފާއިތުވަމުންދާ ދުވަސްތަކާއި މެދުގައި އަހަރެމެން މިދަނީ އުފާކުރަމުންނެވެ. ނަމަވެސް ފާއިތުވެއްޖެ ކޮންމެ ދުވަހަކީ އަހަރެމެންގެ ޢުމުރުން މަދުވެގެންދާ ބައެކެވެ.

އިންސާނާ އޭނާގެ ވަގުތުތައް އަބަދުވެސް ހޭދަކުރަނީ ހަތަރު ކަމަކުން ކުރެ އެއްކަމެއްގެ ތެރޭގައެވެ. އެއީ އެހެންނާ ނިޢުމަތެއް ހާސިލުކުރުމުގައި ނުވަތަ ބަލާވެރިކަމެއް ތަހައްމަލުކުރުމުގައެވެ. އެހެންނާ ފާފައެއް ކުރުމުގައި ނުވަތަ ހެޔޮކަމެއް ކުރުމުގައެވެ. އިންސާނާއަށް ވާޖިބުވެގެންވަނީ ނިޢުމަތުގެ ހާލަތުގައި ޝުކުރުވެރިވުމެވެ. ބަލާވެރިކަމުގެ ހާލަތުގައި ކެތްތެރިވުމެވެ. ފާފަވެރިވާ ހާލަތުގައި ތައުބާވުމެވެ. ހެޔޮކަމެއް ކުރާ ހާލަތުގައި އެކަމަށް ތައުފީޤު ދެއްވި ކަންމައްޗަށް ހެކިވެރިވެގެން ހުރުމެވެ.

“ހަޔާތުގެ ކޮންމެ ދުވަހެއް ވެސް އިންސާނާއާ މުޚާތަބުކޮށް ބުނެއެވެ. އޭ އާދަމުގެ ދަރިޔާއެވެ. އަހަރެންނަކީ އާ ދުވަހެކެވެ. ކަލޭގެ ޢަމަލުތަކުގެ މައްޗަށް ހެކިވެރިވެގެންވަމެވެ. ކަލޭ ދޫކޮށްފައި އަހަރެން ދިއުމަށް ފަހު އަނބުރާ ނާންނާނަމެވެ.”[1]

“އޭ އާދަމުގެ ދަރިޔާއެވެ. ކަލެއަކީ ދުވަސްތަކެކެވެ. ދުވަހެއް ފާއިތުވެއްޖައީމުން ކަލޭގެ އެއްބައި ދިޔައީއެވެ. އޭ އާދަމުގެ ދަރިޔާއެވެ. ދުވާލަކީ ކަލޭގެ މެހެމާނެކެވެ. އެ މެހެމާނަށް ހެޔޮކޮށް ހިތާށެވެ. އޭރަށް އެ މެހެމާނު ކަލެއާއި ވަކިވެގެން ފުރަންދާނީ ކަލެއަށް ތަޢުރީފުކުރަމުންނެވެ. ނަމަވެސް އެ މެހެމާނާއި މެދުގައި ނުބައިކޮށް ކަންތައް ކުރި ނަމަ އެ މެހެމާނު ފުރަންދާނީ ކަލެއަށް ކުދިކިޔަމުންނެވެ.[2] ރޭގަނޑަކީ ވެސް ހަމަ އެފަދައިން އަންނަ މެހެމާނެކެވެ. އަހަރެމެންނަށް ލިބިފައިވަނީ ތިން ދުވަހެވެ. އެއީ އިއްޔެއާއި މިއަދާއި މާދަމާއެވެ. އިއްޔެ ހިނގައްޖެއެވެ. މާދަމާ އަންނާނެ ކަމެއް ނޭނގެއެވެ. ކަލެއަށް ވަނީ މިއަދެވެ. މިއަދުގައި ހެޔޮ ޢަމަލުކުރާށެވެ.”[3]

އިބްނު މަސްޢޫދު ރަޟިޔަ ﷲ ޢަންހު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނުގެ ހެޔޮ ޢަމަލު އިތުރު ނުކުރެއްވި އަޖަލު މަދުވެގެންދާ ގޮތުގައި އިރުއޮއްސޭ ދުވަހެއްގެ މައްޗަށް ހިތާމަކުރައްވާ ވަރަށް އެހެން އެއްވެސް ކަމަކާއި ހިތާމަ ނުކުރައްވަމެވެ.

“ކަލޭގެ މުދަލުން މަދުވާ އެއްޗަކާއި  މެދުގައި ހިތާމަ ކުރަނީ ނަމަ ކަލޭގެ ޢުމުރުން މަދުވާ އެއްޗަކާ މެދުގައި ހިތާމަކުރާށެވެ”[4]

ލިބިފައިވާ ބުއްދީން ވިސްނާށެވެ. ދެ ލޮލުން ބަލާށެވެ. ދެ ކަންފަތުން އަޑުއަހާށެވެ. ހައިވާނުންނަށް ވުރެ ދަށު ދަރަޖައިގެ ބަޔަކަށް ނުވާށެވެ.

“ކަލޭ ވަނީ މިއަދާއި އެކުގައެވެ. މާދަމާއާ އެކުގައެއް ނޫނެވެ.”[5]

“ތަޤްވާވެރިކަމުގެ ކާނާ އިތުރުކުރާށެވެ. ރޭ ވެއްޖެ ނަމަ ފަތިހާއި ހަމައަށް ދިރިހުންނާނެ ކަމެއް ވެސް ކަލެއަކަށް ނޭގޭނެއެވެ. އެއްވެސް ބައްޔަކާއި ނުލައި މަރުވީ ދުޅަހެޔޮ ކިތައް މީހުންހެއްޔެވެ؟ އެތައް ޒަމާނެއް ވަންދެން ދިރުއުޅެނީ ބޮޑެތި ބަލިތަކުގައި ޝިކާރަވެފައިވާ ކިތައް މީހުންހެއްޔެވެ؟”[6]

[1]  އިމާމް ޙަސަނުލްބަޞަރީ ގެ ބަސްފުޅެއް.

[2]  ކުދިކިޔުން: ކަމަކާއި ނުރިހިގެން މަޑުމަޑުން ކިޔާ އެއްޗެހި.

[3]  އިމާމް ޙަސަނުލްބަޞަރީ ގެ ބަސްފުޅެއް.

[4]  އިބްނު މުފްލިސްގެ ބަސްފުޅެއް.

[5]  އިމާމް ޙަސަނުލްބަޞަރީ ގެ ބަސްފުޅެއް.

[6]  ޢަރަބި ޅެންބައިތެއްގެ ދޭހަ

 

މަސްދަރު: ނޫރުލްއިސްލާމް

0