ނަޞޭޙަތާއި އިރުޝާދު
އިސްތިސްޤާ ނަމާދު ކުރާނެގޮތް

އިސްތިސްޤާ ނަމާދުގައި އޮންނަނީ ދެރަކްޢަތެވެ. އިމާމު ޝާފިޢީއާއި އިމާމު އަޙްމަދު ވިދާޅުވާ ގޮތުގައި ނަމާދު ކުރާނީ ޢީދުނަމާދު ކުރާ ފަދައިންނެވެ. ޤުރުއާން ބާރަށް ކިޔަވާފައެވެ. ފުރަތަމަ ރަކްޢަތުގައި ހަށަންބަންތަކްބީރަށް ފަހު ދުޢާއުލް އިފްތިތާޙުކިޔާފައި ހަތްތަކްބީރު ކިއަންވާނެއެވެ. އަދި ދެވަނަ ރަކްޢަތުގައި އެރަކްޢަތަށް ތެދުވާ ތަކްބީރުފިޔަވައި ފަސްތަކްބީރު ކިޔަންވާނެއެވެ. ނަމާދަކާ ނުލައިވެސް އިސްތިސްޤާގެ ދުޢާކުރެވިދާނެއެވެ. ނަމަވެސް ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ މޮޅުގޮތަކީ ނަމާދުކުރުންކަމުގައެވެ.

މިގޮތުން މޮޅުގޮތަކީ ބޮޑުޖަމާޢަތެއްގައި އެރަށެއްގެ ކުދިބޮޑު އެންމެން ޖަމާވެ ނަމާދުކުރުމަށްފަހު އިމާމުމީހާ ޚުޠުބާދިނުމެވެ. ޚުޠުބާގައްޔާއި ނަމާދުގެ ފަހުގައި ދުޢާކުރުން އޮންނާނެއެވެ.

ވާރިދުވެފައިވާ ބައެއް ދުޢާތަށް:

اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ الرَّحْمَنِ الرَّحِيمِ مَلِكِ يَوْمِ الدِّينِ لاَ إِلَهَ إِلاَّ اللَّهُ يَفْعَلُ مَا يُرِيدُ اَللَّهُمَّ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الْغَنِيُّ وَنَحْنُ الْفُقَرَاءُ أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلاَغًا إِلَى حِينٍ

މާނައީ: ޢާލަމްތަކުގެ ވެރި ﷲ އަށް ގިނަގުނަވެގެންވާ ޙަމްދާއި ސަނާ ހުއްޓެވެ. އެއީ ބޮޑަށް ރަޙްމަތްލައްވާ އިންތިހާއަށް އޯގާވަންތަ އިލާހެވެ. ޤިޔާމަތްދުވަހުގެ ވެރިއިލާހެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވެއެވެ. އެއިލާހު އިރާދަކުރައްވާކަމެއް ކުރައްވައެވެ. އަޅުގެވެރި ރަސްކަލާކޮ! ތިޔައީ ﷲ އެވެ. ތިޔައިލާހު ފިޔަވައި ޙައްޤު އިލާހަކު ނުވެއެވެ. ތިޔައީ ފުދިވޮޑިގެންވާ އިލާހެވެ. އަޅަމެންނަކީ ނިކަމެތި މުޙްތާޖުންނެވެ. އަޅަމެންގެ މައްޗަށް ވާރޭ ވެއްސަވާނދޭވެ. އަދި އަޅަމެންގެ މައްޗަށް ވެއްސަވާ ވާރެއަކީ ރަޙްމަތެއްކަމުގައްޔާއި އަޅަމެނަށް މުޙްތާޖުވާ މިންވަރަށް ވެއްސަވާ އެއްޗެއްކަމުގައި ލައްވަވާނދޭވެ.

اللَّهُمَّ اسْقِ عِبَادَكَ وَبَهَائِمَكَ وَانْشُرْ رَحْمَتَكَ وَأَحْيِ بَلَدَكَ الْمَيِّتَ

މާނައީ: އޭﷲ! ތިޔައިލާހުގެ އަޅުންނަށާއި އެންމެހާ ގެރިބަކަރި ޖަނަވާރުތަކަށް ފެންދެއްވާނދޭވެ. އަދި ތިޔައިލާހުގެ ރަޙްމަތް ފަތުރުއްވަވާނދޭވެ. އަދި ހިކިވެ މަރުވެފައިވާ ތިޔައިލާހުގެ ރަށުގެ ބިންގަނޑު ދިރުއްވާނދޭވެ!

اللَّهُمَّ اسْقِنَا غَيْثًا مُغِيثًا مَرِيئًا مَرِيعًا نَافِعًا غَيْرَ ضَارٍّ عَاجِلاً غَيْرَ آجِلٍ

މާނައީ: އޭﷲ! އަޅަމެންގެ މައްޗަށް ވާރޭގެ ނިޢުމަތް ވެއްސަވާނދޭވެ. އުފަލާއި ހިތްހަމަޖެހުންލިއްބައިދޭ، ތަރޯތާޒާކަން ގެނެސްދޭ އެއްޗެއްގެ ގޮތުގައެވެ. ފައިދާދެނިވި، ގެއްލުމުން މިންޖު ކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. ލަސްނުކޮށް އަވަސް އުއްމީދާއެކުގައެވެ.

 

އިސްތިސްޤާ ނަމާދުކުރާނެ ގޮތް ތިރީގައިވާ ލިންކް ފެނިވަޑައިގަންނަވާނެއެވެ. އެއީ މަސްޖިދުލް ހަރާމްގައި 26 ޖެނުއަރީ 2017ގައި ކުރެވުނު އިސްތިސްޤާ ނަމާދެވެ.

https://youtu.be/e4dW3SNMCwg

 

 

 

 

 

0