ނަޞޭޙަތާއި އިރުޝާދު
ކަށްވަޅުގައި ޢަޛާބުލިބޭނެ ފާފަތަކުން ދުރުހެލިވަމާތޯ؟

ކަށްވަޅު ނުވަތަ ބަރުޒަޚުގެ ޢާލަމަކީ އިންސާނާ މިދުނިޔެއާ އަލްވަދާޢުކިޔުމަށްފަހު، ޤިޔާމަތްދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާ މަޙްޝަރުކުރެއްވުމާހަމައަށް އިންސާނާ އޮންނާނެ ތަނެވެ. އެތަނަކީ، ދުނިޔެމަތީގައި މީސްތަކުން ޢަމަލުކޮށްފައިވާ ގޮތެއްގެ މަތިން ނިޢުމަތްތައް ލިބިގެންވާ އަދި ޢަޛާބު ލިބިގެންވާ ތަނެކެވެ. އެތަންވާހުށީ، ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށެވެ. ނުވަތަ ނަރަކައިގެ އަނދަވަޅުތަކުގެ ތެރެއިން އަނދަވަޅަކަށެވެ.

ވިސްނާފިކުރުކޮށްލައްވާށެވެ! އަޅުގަނޑުމެން ފަދަ އެތައް ބަޔަކު ވަނީ މިދުނިޔެވީ ޙަޔާތާ އަލްވަދާޢުކިޔުމަށްފަހު އެޢާލަމަށް ދަތުރުކޮށްފައެވެ. ބޭނުންވިކަމުގައިވީނަމަވެސް ނުވަތަ ބޭނުން ނުވިކަމުގައިވީނަމަވެސްމެއެވެ. އެތަނުގައި އަޅުގަނޑުމެން ވާހުށީ އެކަނިމާއެނިއެވެ. އެހީތެރިވެދޭނެ، ނަޞްރުދޭނެ، ވާގިވެރިވެދޭނެ މީހަކު ނުވާނެތެވެ. އެހީއާ މަދަދަށް އެދިގޮވާނެ ފަރާތެއް ނުވާނެއެވެ. އަޅުގަނޑުމެންނަށް ހަމައެކަނި ފައިދާކޮށްދޭހުށީ އަޅުގަނޑުމެން މިދުނިޔެމަތީކޮށްފައިވާ ހެޔޮޢަމަލެކެވެ. މިގޮތުން އެބިރުވެރި ކަށްވަޅުގައި ޢަޛާބުލިބޭނެ ކަންކަމުގެ ޚަބަރު މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އަޅުގަނޑުމެންނަށް ދެއްވާފައެވެ. އެކަލޭގެފާނަކީ ހެޔޮކަމެއްވާނަމަ އެކަލޭގެފާނުގެ އުއްމަތަށް އެކަމުގެ ޚަބަރުދެއްވަވައި، އަދި ނުބައިކަމެއްވާނަމަ އެކަލޭގެފާނުގެ އުއްމަތަށް އިންޒާރުކުރެއްވި ބޭކަލެކެވެ. އަޅުގަނޑުމެންނަށް އޮތީ އެފާފަތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަމުން ދުރުހެލިވެ، ރައްކާތެރިވުމެވެ. ވަގުތުފާއިތުވުމުގެ ކުރިންނެވެ.

ސަމުރާ ބުން ޖުންދުބް އަލްފަޒާރީ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ސަމުރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަމާދުކުރައްވާ އަވަދިވަޑައިގެން ތިމަންމެނާ ދިމާލަށް އެނބުރިވަޑައިގެން، ރޭގައި ހުވަފެނެއް ފެނިވަޑައިގަތީ ކޮންބޭކަލަކަށްތޯ ސުވާލުކުރައްވާކަމުގައިވެއެވެ. ހުވަފެނެއްފެނިވަޑައިގެންފިބޭކަލެއްނަމަ، އެހުވަފަނެއް ކިޔާދެއްވައެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވެއެވެ. “مَا شَاءَ اللهُ (އެބަހީ ﷲ އިރާދަކުރެއްވިކަމެއް ވާހުއްޓެވެ.)”

ފަހެ، މިގޮތުން އެއްދުވަހަކު ތިމަންމެނާ ސުވާލުކުރެއްވިއެވެ. “ތިޔަބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކަށް ހުވަފެނެއް ފެނިވަޑައިގަތްތޯއެވެ؟” ތިމަންމެން ދެންނެވީމެވެ. “ނޫނެކެވެ.” އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “ނަމަވެސް ދެބޭކަލަކު ވަޑައިގެން ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވާފައި މުޤައްދަސް ބިމަކަށް ގެންދެވިތަން ރޭގަ ތިމަންކަލޭގެފާނު (ހުވަފެންފުޅުގައި) ދެކެވަޑައިގަތީމެވެ. އެތަނުގައި އިށީނދެގެން އިން މީހަކާއި ކޮޅަށްހުރި މީހަކު ހުއްޓެވެ. ކޮޅަށްހުރިމީހާގެ އަތުގައި ދަގަނޑުންވާ ބުޅިގަނޑެއް އޮތެވެ. ކޮޅަށްހުރިމީހާ އިށީނދެގެން އިންމީހާގެ އަނގައިގެ އެއްފަރާތަށް އެބުޅިގަނޑު ލައްވައި، ކަރާހަމައަށް އަނގަ އިރާލައެވެ. އެއަށްފަހު، އަނގައިގެ އަނެއްފަރާތްވެސް އެފަދައިން ކަރާހަމައަށް އިރާލައެވެ. މިފަރާތް ނިމޭއިރު އަނެއްފަރާތް ހުންނަނީ އިހުހުރިގޮތަށް އިޢާދަވެފައެވެ. އަނެއްކާވެސް ކުރިން އިރާލި ފަރާތް އިރާލައެވެ. ތިމަންކަލޭގެފާނު (ތިމަންކަލޭގެފާނާއެކު ވަޑައިގެންނެވި ދެބޭކަލުންނަށް) ދެންނެވީމެވެ. “މިއީ ކޮންކަމެއްތޯއެވެ؟” އެދެބޭކަލުން ވިދާޅުވިއެވެ. “ވަޑައިގަންނަވާށެވެ.” ފަހެ، ތިމަންބޭކަލުން އުއްޑުން އޮށޯވެއޮތް މީހަކާ ދިމާވަންދެން ވަޑައިގަތީމެވެ. އެމީހާގެ ކައިރީގައި ހިލަގަނޑެއް ބޮލުގެ މައްޗަށް އުފުލައިގެން ހުރިމީހަކު ހުއްޓެވެ. އެމީހާ އޮށޯވެއޮތްމީހާގެ ބޮލަށް އެހިލަގަނޑު ވައްޓާލުމުން، އޮށޯވެއޮތްމީހާގެ ބޯ ޗަސްވުމަށްފަހު އެހިލަގަނޑު ދުރަށް ބުރައިގެން ދެއެވެ. ކޮޅަށްހުރިމީހާ އަނެއްކާވެސް އެހިލަގަނޑު ގެންނަންވާއިރަށް، އޮށޯވެއޮތްމީހާގެ ބޯ އިހުހުރިގޮތަށް އިޢާދަވެއެވެ. އަނެއްކާވެސް އެހިލަގަނޑުން އެމީހާގެ ބޯ ޗަސްކޮށްލައެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. “މިއީ ކޮންކަމެއްތޯއެވެ؟” އެދެބޭކަލުން ދެންނެވިއެވެ. “ވަޑައިގަންނަވާށެވެ.” ދެން ތިމަންބޭކަލުން މަތިހަނި، ތިރިފުޅާ އުނދުނެއްކައިރިއަށް އައީމެވެ. އޭގެ އަޑިން އަލިފާން އަންދަމުންދެއެވެ. އޭގެ ތެރޭގައި ތިބިމީހުން އެއަލިފާންގަނޑާ ކައިރިވާއިރަށް، އެއަލިފާންގަނޑާއެކު އެމީހުން މައްޗަށް އަރައިގެން އާދެއެވެ. އެބައިމީހުން މަތިން ބޭރުވެދާނެހެންހީވުމުން އެއިލިފާންގަނޑު ތިރިއަށް ދެއެވެ. އެއާއެކު އެމީހުންތައް އަނެއްކާ އަޑިއަށް ވެއްޓެއެވެ. އެތަނުގައި އޮރިޔާމުން ތިބި އަންހެނުންނާއި ފިރިހެނުން ތިއްބެއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. “މިއީ ކޮންކަމެއްތޯއެވެ؟” އެދެބޭކަލުން ދެންނެވިއެވެ. “ވަޑައިގަންނަވާށެވެ.” ފަހެ، ތިމަންބޭކަލުން ލޭގެ ކޯރަކާ ދިމާވަންދެން ވަޑައިގަތީމެވެ. އެކޯރުގެ މެދުގައި މީހަކު ފަތަފަތާއޮތެވެ. އަދި ކޯރުގެ އައްސޭރިފަށުގައި ކުރިމަތީގައި ގާތަކެއް ހުރި މީހަކު ހުއްޓެވެ. ކޯރުގައި އޮތްމީހާ ކޯރުން އަރަންއުޅޭއިރަށް، އައްސޭރިފަށުގައި ހުރިމީހާ އެމީހާގެ އަނގަޔަށް އެގާތައް އުކައި ކުރިން ހުރިހިސާބަށް އެމީހާ ފޮނުވާލައެވެ. މިގޮތުން ކޮންމެ ފަހަރަކު އެމީހާ ކޯރުން އަރަންއުޅޭއިރަށް، ގާއުކައި އެމީހާ ކުރިން ހުރިހިސާބަށް ފޮނުވާލައެވެ…

މިހަދީޘްގެ ފަހުބައިގައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެދެބޭކަލުންނަށް ދެންނެވިއެވެ. “ތިދެބޭކަލުން މިރޭ ތިމަންކަލޭގެފާނާއެކު ވަރަށް ތަންތަނަށް ހިންގަވައިފިނޫންތޯއެވެ؟ ފަހެ، ތިމަންކަލޭގެފާނަށް މިފެނިވަޑައިގެން ކަންތައްތަކުގެ ޚަބަރުދެއްވާށެވެ.” އެދެބޭކަލުން ދެންނެވިއެވެ. “އާދޭހެވެ. ކަލޭގެފާނު ދެކެވަޑައިގެންނެވި، އެމީހެއްގެ އަނގަ އިރާލެވޭ މީހާއަކީ ދޮގުވެރިއެކެވެ. އެމީހާ ދޮގުހަދައި، އެދޮގު މުޅި އުދަރެހުގައި ފެތުރެންދެން އެދޮގު ފަތުރަމުން ގެންދެއެވެ. ފަހެ، އެމީހާ (އެބަހީ، އެބުޅިގަނޑު ހިފައިގެންހުރިމީހާ) ޤިޔާމަތްދުވަހާޖެހެންދެން އެފަދައިން އެމީހާގެއަނގަ އިރަމުން ގެންދާނެއެވެ. އަދި އެމީހެއްގެ ބޯ ޗަސްކޮށްލެވެނިކޮށް ކަލޭގެފާނު ދެކެވަޑައިގެންމީހާ ދަންނައެވެ. އެމީހަކީ، ﷲއެމީހަކަށް ޤުރުއާނުގެ ޢިލްމު (އެބަހީ ޝަރުއީ ޢިލްމު) އުގަންނަވައިދެއްވި، ނަމަވެސް އެޢިލްމުގެ މަތިން ޣާފިލުވެ ރޭގަނޑު ނިދައި އަދި ދުވާލުއެއާއެއްގޮތަށް ޢަމަލުނުކުރިމީހެކެވެ. ޤިޔާމަތްދުވަހާ ޖެހެންދެން އެގޮތަށް އެމީހާގެ ބޯ ޗަސްކުރެވޭނެއެވެ. އަދި އުނދުނުގެ ތެރެއިން ކަލޭގެފާނު ދެކެވަޑައިގެންނެވި މީހުންނަކީ ޒިނޭކުރިމީހުންނެވެ. އަދި ލޭގެ ކޯރުން ކަލޭގެފާނު ދެކެވަޑައިގެންމީހާއަކީ ރިބާކޭމީހެކެވެ…” އަދިވެސް މިޙަދީޘްގައިވެއެވެ. އެބޭކަލަކު ވިދާޅުވިއެވެ.“ތިމަންކަލޭގެފާނަކީ ޖިބްރީލެވެ. އަދި މިހުންނެވީ މީކާއީލްއެވެ.” (ބައްލަވާ: ޞަޙީހުލް ބުޚާރީ: 1386، މުސްނަދު އަޙްމަދު: 20165)

އަދި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެޤަބުރެއްކައިރިން ވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.“ހަމަކަށަވަރުން މިދެމީހުންނަށް (އެބަހީ މިދެޤަބުރުގައިވާ ދެމީހުންނަށް) އެބަ ޢަޛާބުދެވެއެވެ. އެބައިމީހުންނަށް ޢަޛާބުދެވެނީ އެހާބޮޑުކަމެއްގެ ސަބަބަކުންނެއް ނޫނެވެ. (އެބަހީ، އެދެމީހުންގެ ނަޒަރުގައި ނުވަތަ އަހަރެމެންގެ ނަޒަރުގައި އެހާ ބޮޑުކަމެއްގެ ސަބަބަކުންނެއް ނޫނެވެ.) އެއިގެ ތެރެއިން އެކަކު ދަންނައެވެ. އެމީހާ ކުޑަކަމުދާ ނަޖިހުން ރައްކާތެރިއެއްނުވެއެވެ. އަދި އަނެއްމީހާއަކީ ދެބައޮޑުވަމުން ހިނގާމީހެކެވެ.” ދެން އެކަލޭގެފާނު ރޯކަދުރުއޮށިގަނޑެއް ނަންގަވައި، ދެފަޅިއަށްފަޅުއްވާފައި އެދެގަބުރުގައި ޖެއްސެވިއެވެ. ޞަޙާބީން ދެންނެވިއެވެ. “އޭﷲގެ ރަސޫލާއެވެ! ތިޔަފަދައިން ކަންތައް ތިކުރެއްވީ ކީއްވެތޯއެވެ؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެދެއޮށިގަނޑު ނުހިކޭހާހިނދަކު، އެދެމީހުންގެ ޢަޛާބު ލުއިކޮށްދެއްވާނެކަމަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ.”(ޞަޙީޙުލް ބުޚާރީ: 218، 1361، 1378، 6052، ޞަޙީހް މުސްލިމް: 292)

މިދެޙަދީޘްފުޅުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެބަޔާންކުރައްވާފައި އެވަނީ ކަށްވަޅުގައި ޢަޛާބު ލިބޭ ބައެއް ފާފަތަކުގެ ވާހަކައެވެ. އެގޮތުން، މިދެޙަދީޘްގެ އަލީގައި ކަށްވަޅުގައި ޢަޛާބު ލިބޭ ފާފަތަކުގެ ޚުލާޞާއަކީ:

1. ދޮގުވާހަކަތައް ފެތުރުން.

2. އުގެނިފައިވާ ޢިލްމަށް ޢަމަލުނުކުރުން.

3. ޒިނޭކުރުން.

4. ރިބާކެއުން.

5. ދެބައޮޑުވުން.

6. ކުޑަކަމުދާ ނަޖިހުން ރައްކާތެރިނުވުން.

އެހެންކަމުން، މިފާފަތަކުން ދުރުވުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި، ލޮބުވެތި ކިޔުންތެރިޔާއަށް ވަޞިއްޔަތްކުރަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑަށާއި، ތިބާއަށް އެއިލާހުގެ ތެދުމަގު ދައްކަވާށި!

 

މަސްދަރު: ދިސަލަފިއްޔާ

0