ނަޞޭޙަތާއި އިރުޝާދު
ހަޤީޤީ ވާހަކަ: ހެޔޮ ނިމުން

އަހަރެންގެ މަންމަ އަހަރެންގެ މަންމައަކީ އަހަރެން ހަނދާން ހުންނަން ފެށީއްސުރެވެސް ރަނގަޅު އަޚުލާގެއްގެ ވެރި، މީހުނަށް އެހާ ހެޔޮ މީހެކެވެ. ބައްޕައަކީ ފުދޭވަރަކަށް ތަނަވަސް މީހެއްކަމުން، ބައްޕަގެ އެހީއާއިއެކު އަހަރެމެންގެ ރަށުގައި އޮތް ގޯތީގައި ފަޤީރުންނަށްޓަކައި މަންމަ ގެއެއް ބިނާކުރިއެވެ. އެގޭގައި ކޮންމެ ހުކުރު ދުވަހަކު ވަރަށް ގިނައިން ކައްކާ ހަނދާން އަހަރެން ހުރެއެވެ. ހުކުރު ދުވަސްތަކަކީ ގާތްގަނޑަކަށް 50 އާއި 100 އާއި ދެމެދުގެ މީހުނަށް ހިލޭ ކެއުން ފޯރުކޮށްދޭ ދުވަހެކެވެ. ބަލިމީހުންނަށް އޯގާތެރިވުމަކީ މަންމަގެ ފަރާތުން އަހަރެންނަށް އެންމެ ފާހަގަވި އެއް ސިފައެވެ. މަންމަ އަބަދުވެސް ބަލިމީހުންނަށް ޒިޔާރަތް ކުރާނެއެވެ. އަދި އެމީހުންނަށް ޚާއްސަ އެއްޗެހި ކައްކައިދީ ހެދުމަކީ މަންމަގެ އުފަލެކެވެ.

މަންމަ ކައިރީގައި މީހަކު ކަމަކު ކިޔައިފިނަމަ ވީހާވެސް ރަނގަޅަކަށް އެކަމެއް ކޮށްދެވޭތޯ ބަލާނެއެވެ. އަހަރެންގެ މަންމައަކީ ފޫޅުމައިކަންވެސް ކުރި މީހެކެވެ. ނަމަވެސް މަންމަގެ ފަރާތުން ޚިދުމަތް ހޯދުމަށް އެއްވެސް އިރެއްގައި އަގެއް ނުނަގައެވެ. އަހަރެމެންގެ ގޭގައި ޔަތީމު އަދި މިސްކީނު ކުދިން ގެންގުޅުމަކީވެސް މަންމަ އުފަލާއިއެކު ކުރި ކަމެކެވެ. އަހަރެންގެ ލޯބިވާ މަންމައަކީ މީހުނަށް އެހީތެރިވުމާއި ދީލަތިކަމުގެ ސިފައިން ޖަރީވެގެން ހުރި ޝަޚުސިއްޔަތެކެވެ. އެހެންމީހުންގެ ބޭނުންތައް ފުއްދައިދިނުމުގައި މަންމަ އުޅުނީ ގިނަފަހަރަށް ޚުދު މަންމަގެ ހަށިގަނޑުގައި ވޭންއަޅާ ހާލުގައެވެ. މަންމައަކީ އާތްރައިޓިސް ހުރުމުގެ ސަބަބުން އަބަދުމެ ކަހަލަ ގޮތަކަށް ގައިގާ ރިއްސާ މީހެކެވެ. އެކަމަކުވެސް މަންމަގެ ގައިގާ އަޅާ ވޭނެއްގެ ވާހަކަ ދެއްކި އަޑެއް ދުވަހަކުވެސް ނާހަމަވެ. ގަދަ ހިތްވަރާއި ކެތްތެރިކަމަކީ އަޖައިބުވާހާ މިންވަރަށް މަންމަގެ ކިބައިން ފެނުނު ސިފަތަކެވެ. މީހުންނަށް ހޭހަން ކޮށްދިމުނާއި، މަންމަގެ ބަލި ހާލާއި އެކުވެސް ނަމާދަށް ބަންގި ގޮވާއިރު ހުންނާނީ ނަމާދު ކުރަން ތައްޔާރުވެގެންނެވެ. މަންމަގެ ކިބައިގައި ހުރި ކެތްތެރިކަމާއި ސާބިތުކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މަންމަގެ ހަޔާތުގެ ފަހު ދުވަސްތަކުގައެވެ.

ބަލި އެނދުގައި އޮތްއިރު ކާއެއްޗެހި ދިރުވުން ވެސް އުނދަގޫކަމަކަށް ވިއެވެ. ނަމަވެސް އެ ދުލުން އެންމެ ފަހަރަކުވެސް ޝަކުވާގެ ބަހެއް ނުބުނެއެވެ. މަންމަ މި ދުނިޔެއާއި ވަކިވެގެން ދިޔައީ ރީތި ހިނިތުންވުމަކާއި، އުޖާލާވެފައިވާ މޫނަކާއިއެކުއެވެ. މަރުވެފައި އޮތް މީހެއްގެ މޫނު އެހާ އަލިކޮށް އޮއްވާ އަހަރެން ނުދެކެމެވެ. މަންމަ ކައިރީގައި ތިބި ޣައިރު މުސްލިމު ޑޮކްޓަރުންނާއި ނަރުހުން ވެސް ބުނަމުން ދިޔައީ މަންމަގެ މޫނަށް ބަލާލުމުން މަންމަ އަހަރެމެންނާއި ވަކިވެގެން އެ ދިޔައީ ރަނގަޅުތަނަކަށްހެން ހީވާ ކަމަށެވެ.

ނޯޓް: މިއީ ދިވެހި އުޚްތަކު އެ އުޚްތާގެ މަންމައާއި ބެހޭގޮތުން ކިޔައިދީފައިވާ ވާހަކަތަކަކަށް ލިޔެފައިވާ ލިޔުމެކެވެ. މި އުޚްތާގެ މަންމައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަކީ އަޅުގަނޑުމެންގެ ދުޢާއެވެ.

27