ޚަބަރު
ޞިއްޙަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ޙަޔާތުގެ ހީވާގިކަމުގެ ފީތާ – ޚުތުބާ

ޞިއްޙަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ޙަޔާތުގެ ހީވާގިކަމުގެ ފީތާކަމުގައި މިއަދުގެ ޚުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. ޚުތުބާގައި ބުނެފައިވަނީ “ޞިއްޙަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ޙަޔާތުގެ ހީވާގިކަމުގެ ފީތާއެވެ. އެއީ އޭނާގެ އާރާއިބާރުގެ ހަކަތައެވެ. މިހެންވެ، އިސްލާމްދީނުގައި ޢާއްމު ޞިއްޙަތަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވެއެވެ. ޢާއްމު ޞިއްޙަތާ ބެހޭ އަސާސަކީ ސާފުތާހިރުކަމެވެ.”

އިތުރަށް ޚުތުބާގައި ބުނެފައިވަނީ ” ޞިއްޙަތާއި ދުޅަހެޔޮކަމަކީ ޙަޔާތުގެ މައިކަށްޓެވެ. ޤައުމުތައް ތަރައްޤީވެ ކުރިއަރައިފައިވަނީ އެ ޤައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުންނެވެ. ގައިބާރާއި ޢަޒުމު ވަރުގަދަކަމުންނެވެ. ކިޔަމަންތެރިކަމާއި ވަފާތެރި ކަމުންނެވެ. ދުނިޔޭގެ އަރާމާއި ފާގަތިކަމުގެ ރަހައާއި މީރުކަން، ބަލިމަޑުކަމާއި ނުރައްކާތެރި ވަބާތަކުގެ ހިޔާވަހިކަމުގެ ތެރެއަކުން ނުލިބޭނެއެވެ.”

މީގެ އިތުރުން އަތް ނުދޮވެ ކައި ބޮއި އުޅުމަކީ ބަލިޖައްސާ ޖަރާސީމުތައް ވަރަށް ފަސޭހައިން އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރެއަށް ވަންނާނެ ކަމެއްކަމަށާއި އެހެނީ އަތަކީ ހަމަކަށަވަރުންވެސް ބަލިތައް ހަށިގަނޑު ތެރެއަށް ވަދެ ގަންނާނެ މަގެއް ކަމަށް ބުނެފައިވެއެވެ. ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން އަތް ދޮންނަން އިސްލާމްދީނުގައި ކުރައްވާފައިވާ އަމުރުފުޅުތަކަށް އަޅުގަނޑުމެން ތަބާވާން ޖެހޭނެ ކަމަށާއި މިއީ ވަރަށް ގިނަ ބަލިތަކަކުން އަޅުގަނޑުމެން ސަލާމަތްކޮށްދޭނެ ކަމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ ” ޑެންގޫ އާއި ޗިކުންގުންޔާ އާއި އޫރުރޯގާ އާއި ދޫނިރޯގާ ފަދަ ރޯގާތަކަކީ ވަރަށް ބާރަށް ފެތުރޭ ބަލިތަކެކެވެ. މިހެންވެ ޑަކްޓަރުންނާއި ޞިއްޙީ ދާއިރާތަކުން އަޅުގަނޑުމެންނަށް ޢާއްމު ޞިއްޙީ އިރްޝާދުތަކެއް ވަނީ ދެއްވައިފައެވެ. އޭގެ ތެރޭގައި ގިނަގިނައިން އަތް ދޮވުމާއި، ޢާއްމުތަންތަނަށް ކުޅުނުޖެހުމާއި ރޯގާ ޖެހިފައިވާ މީހުން ބޭރަށް ނުކުމެ އެއްތަނަކަށް ޖަމާވެ ނޫޅުން ފަދަ ކަންތައްތައް ހިމެނެއެވެ.

0