ނަޞޭޙަތާއި އިރުޝާދު
ރަނގަޅު ޖިންނިވެސް އުޅެއެވެ!

‘ޖިންނި’ އަކީ ޙަޤީގަތެކެވެ. ޖިންނީންނަކީ، އިންސާނުންނެކޭ އެއްފަދައިން މާތް ﷲ ހައްދަވާފައިވާ މަޚްލޫޤެކެވެ. ޖިންނީން ހައްދަވާފައިވަނީ ދުންނާރާ އަލިފާނުންނެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ޙަދީޘް ބަސްފުޅުތަކުގައި ޖިންނީންނާއި ބެހެގޮތުން ތަފާތު ވާހަކަތައް ވާރިދުވެގެން އައިސްފައިވެއެވެ. މިކަމާއި ދެކޮޅުހަދައި ޖިންނީންނަކީ އުޅޭ އެއްޗެއްކަމާއިމެދު އިންކާރުކޮށްފި މީހާ ކާފަރުވާނެއެވެ. އެހެނީ الجن ގެ ނަމުގައި ސޫރަތެއް ބާއްވާލައްވާފައިވެއެވެ. އެ ސޫރަތުގެ ފުރަތަމަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ” قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا ”

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (قرآن ގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް وحى އިއްވަވައިފިއެވެ. ފަހެ (އެއުރެންގެ قوم ގެމީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން عجائب ވާފަދަ قرآن އެއްގެ އަޑު އަހައިފީމުއެވެ.”

ޖިންނީންގެ ތެރޭގައި އީމާންވި ޖަމާޢަތެއްވާކަން الجن ސޫރަތުގެ 14 ވަނަ އާޔަތުން އެނގިގެންދެއެވެ.

” وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ ”

މާނައީ: “އަދި ތިމަންމެންގެ ތެރެއިން مسلم ންވެއެވެ. އަދި ތިމަންމެންގެ ތެރެއިން ތެދުމަގުން އެއްކިބާވެފައިވާ މީހުންވެއެވެ.”

އެހެންކަމުން، ޖިންނިންނަކީ އުޅޭ ބައެއްކަމާއި އެއީ ތަފާތު ޢާލަމެއްކަން ޤަބޫލުކުރުމަކީ އީމާންކަމުގެ ތެރެއިންވާކަމެކެވެ. މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މިއީ ކިޔުންތެރިއަކު ޙިއްސާކުރި ވާހަކައެއްގެ މައްޗަށް ބިނަކޮށްފައިވާ ލިޔުމެކެވެ. މިލިޔުމުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަމެކެވެ. ވާހަކައާއިގެން ކުރިއަށްދާނަމެވެ.

ޖެހިގެން ކުރިއަށް އޮތް ދުވަހަކީ ސުންނަތް ރޯދަހިފުމަށް ބާރުއަޅުއްވާފައިވާ ދުވަހެއް ކަމުން ރޯދަހިފުމަށް ނިޔަތްގަތީމެވެ. އެހެންކަމުން ހާރުކައިގެން ނިދީމެވެ. ނަމަވެސް އާންމުކޮށް ކައިއުޅޭ މިންވަރަށްވުރެ ގިނައިން އެރޭ ކެވުނުކަން ފާހަގަކުރެވުނެވެ. ނަތިޖާއެއްގެ ގޮތުން ހަށިގަނޑަށް ލޮޑުކަން އިޙްސާސްކުރެވުނެވެ. ﷲ ގެ ރަޙްމަތުން ފަތިސް ނަމާދު ވަގުތުގެ އިރުކޮޅެން ކުރިން ޤިޔާމްކޮށް ހަދަމެވެ. ނަމަވެސް އެރޭ ޤިޔާމްކުރުމަށްޓަކައި ހޭލުމަށް ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވިއެވެ. ހޭލެވުމާއިއެކު އިބިލީހުގެ ވަސްވާސް ކަންފަތް ދޮށުގައި އިވެއެވެ. އަދި ދެތުވާން މާ އަވަސްކަމަށް ބުނެއެވެ. ދެންވެސް އިރުކޮޅުކު އޮވެފައި ތެދުވާން މަސައްކަތް ކުރާއިރަށް، ތިހާ ވަރުބަލިކޮށް ހުރެ ނަމާދު ނުކުރެވޭނެކަމަށާއި އިރުކޮޅަކުން ތެދުވާނީކަމަށް ވަސްވާސް ދިނެވެ. ދަރިން ސްކޫލަށް ގެންދަންވެސް ޖެހޭނެއޭ ހިތައި ތެދުވަން އުޅުމުން މިއަދު ކުދިން ސްކޫލަށް ގެންދާނެކަމެއް ނެތްކަމަށްވެސް ވަސްވާސް ދިނެވެ. އެހެން އޮއްވާ ދެންދިމާވިީ އަދަޔާ ޚިލާފުކަމެކެވެ.

ފަތިސް ނަމާދު ވަގުތުވުމާއިއެކު ދޮރުގައި ގޭގެ އަހުލުވެރިއަކު ޓަކި ނުދޭގޮތަކަށް ދޮރުގައި މީހަކު ޓަކިދިނެެވެ. އަދި ފަތިސް ނަމާދު ވަގުތު ވެއްޖެކަމަށާއި ފަތިސް ނަމާދަށް ތެދުވުމަށް ގޮވިއެވެ. އަވަސްއަވަހަށް ގޮސް ދޮރުހުޅުވާލިއިރު މީހެއްގެ ހިލަމެއްވެސްނެތެވެ. އެޕާރޓްމެންޓް ޢިމާރާތް ކުރެވިފައިވާ ގޮތުން ޓަކިޖެހުމަށްފަހު އެހާ އަވަހަށް އިންސާނަކަށް ނުފިލޭނެކަން ޔަޤީނެވެ. ބައްޕަ އާއްމުކޮށް ފަތިސް ނަމާދު ވަގުތުގެ ކުރިން މިސްކިތަށް ދާނެއެވެ. އެހެންކަމުން އެއީ ކާކުބާއޭ ހިތަށްއެރިއެވެ.

ބައްޕަ ގެއަށް އައުމާއިއެކު ރޭގަ ފަތިސް ގަޑީގައި ދޮރުގައި ޓަކި ދިނިންތޯ އެހީމެވެ. ނަމަވެސް ބައްޕަ އެރޭ ވަރަށްކުރިން މިސްކިތަށް ދިޔަކަމަށް ބުންޔެވެ. ހިތަށް އެރިއެވެ. އެއީ ދެން ކާކުބާއެވެ!

ޔަޤީނުންވެސް އެއީ ޝައިޠާނުންގެ ތެރެއިންވާ ޖިންނިއެއްނޫނެވެ. އިބިލީހުގެ ވަސްވާހުގެ އިތުރުން އެރޭ ފަތިސް ނަމާދަށް ތެދުވާން އުނދަގޫވި އަނެއް ސަބަބަކީ މާގިނައިން ކެއުމެވެ. އެހެންކަމުން ގިނައިން ކެއުމާއި ދުރުވުމަށް ޢަޒުމް ކަނޑައެޅީމެވެ. އެހެނީ މިދުނިޔޭގެ އަޅުގަނޑުމެންގެ މަޤްޞަދަކީ މާތް ﷲ އަށް އަޅުކަންކުރުމެވެ. އެމަޤްޞަދު ޙަޞިލްވުމަށް ހުރަސްއަޅާ އެންމެހާ ކަންކަމުން އަޅުގަނޑުމެން ދުރުހެލިވެ ރައްކާތެރިވާންޖެހޭނެއެވެ.

ޔާ ﷲ، އަޅަމެންނީ ފަތިސް ނަމާދާއި އެހެނިހެން ނަމާދުތަކަށް ފަރުވާތެރިވާ ބަޔަކުކަމުގައި ލައްވައި، ދީނީ ކަންކަމަށް ފަރުވާތެރިވާ ބަޔަކު ކަމުގައި ލައްވާށި. އާމީން.

0