ނަޞޭޙަތާއި އިރުޝާދު
މުސްލިމުންނަށް ކާމިޔާބު ލިބޭނީ ދީނަށް ފުރިހަމައަށް ރުޖޫޢަވެގެން

އިސްލާމް ދީނަކީ ޙައްޤު ދީނެވެ. މާތް ﷲ ގެ ޙަޟުރަތުގައި ހަމައެކަނި ޤަބޫލުކުރެވިގެންވާ ދީނެވެ. މާތް ﷲ އެއިލާހުގެ ހުރިހާ އަޅުތަކުންނަށް ބާވާލެއްވި ދީނެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:  ( إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ ) ﴿آل‌عمران: ١٩﴾

މާނައީ: ” ހަމަކަށަވަރުން، ﷲ ގެ ޙަޟުރަތުގައި، ދީނަކީ، އިސްލާމްދީނެއެވެ“ .

ވީމާ އިސްލާމް ދީނަކީ ހުރިހާ މީސްތަކުންނަށް ވާ ޙުއްޖަތެކެވެ. އިސްލާމް ދީން ފިޔަވައި އެހެން ދީނެއް އިޚްތިޔާރު ކުރުން ޙައްޤު ވެގެން ނުވެއެވެ. ނަމަވެސް މިދުނިޔޭގައި ކޮންމެ މީހަކަށްވެސް ރަގަޅުގޮތާއި ނުބައިގޮތް އިޚްތިޔާރުކުރުމުގެ އިޚްތިޔާރު ﷲ ވަނީދެއްވާފައެވެ. އެހެނަސް  ނުބައިގޮތް އިޚްތިޔާރުކޮށްފިނަމަ އެކަން އާޚިރަތުގައި ފެންނާނެތެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: ( وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ) ﴿آل‌عمران: ٨٥﴾

މާނައީ: ” ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން އެހެން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ  “.

މާތް ﷲ މިދީން ބާވައިލެއްވީ މީސްތަކުންނަށް ހުރި ރަޙްމަތާއި އޯގާވެރިކަމުގެ މައްޗަށް ބިނާވެގެންވާ ދީނެއްގެ ގޮތުގައެވެ. އަދި ހިދާޔަތާއި ލުއިފަސޭހަކަމުގެ މައްޗައްވެސް މެއެވެ. ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނާއިގައި ވެއެވެ. “ތިޔަބައިމީހުން މީސްތަކުންނަށް ފަސޭހަ ކޮށްދޭށެވެ. އުނދަގޫ ނުކުރާށެވެ. އަދި މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރުތައް ދޭށެވެ. އެމީހުން ނަފުރަތްތެރި ނުކުރުވާށެވެ. “

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: ( وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ ) ﴿الحج: ٧٨﴾

މާނައީ: ”  އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށްނުލައްވަތެވެ  “.

އިސްލާމް ދީނަކީ ބުރަ، ތަކުލީފުތަކެއްގެ މައްޗަށް އެކުލެވިގެންވާ އުނދަގޫ ހަރުކަށި ދީނެއް ނޫނެވެ. އަދި ކިއެއްތޯ އެވެ. މިދީނަކީ މާތް ﷲ މުޅިދުނިޔެއަށް  ބާވައިލެއްވި ރަޙްމަތެކެވެ.

މާތް ﷲ ވަޙީ ކުރައްވާފައި ވަނީ: ( هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ )  ﴿التوبة: ٣٣﴾

މާނައީ: ” އެކަލާނގެއީ، ތެދުމަގާއި، ޙައްޤުދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި ކަލާނގެއެވެ. (އެއީ) މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް، އެންމެހާ ދީންތަތަކުގެ މައްޗަށް އެ ދީންފާޅުކުރެއްވުމަށްޓަކައެވެ. “

ތިޔަބައިމީހުންނަށް ހިދާޔަތްދައްކަވާ ކަލަކު ކަމުގައި ﷲ ފުދިވޮޑިގެން ނުވަނީ ހެއްޔެވެ؟ ނޫނީ ޑިމޮކްރަސީ ފަދަ ބާޠިލްގެ މައްޗަށް ބިނާވެފައިވާ އެއްޗަކުން ހިދާޔަތް ލިބިދާނެތޯއެވެ؟ އަދި އުނދަގޫތަކާއި ފަސާދައާއި ނާމާންކަމައި ބައިބައިވުމުން ފުރިފައިވާ ޑިމޮކުރެސީ އަކީ ރަޙްމަތެއް ކަމުގައި ވެދާނެތޯއެވެ؟ ނުވާނެކަން ޔަޤީނެވެ! އަދި އުފާވެރި ރަގަޅުކަން ލިއްބައިދޭ އެއްޗަކަށްވެސް ހަމަކަށަވަރުންވެސް ނުވާނެތެވެ.

މުސްލިމުންނޭވެ! ތިޔަބައިމީހުން ދީނާމެދު ފުންކޮށް ވިސްނާލުން ރަގަޅެވެ. ތިޔަބައިމީހުންނަށް ކާމިޔާބާއި އުފާވެރި ރަގަޅު ގޮތް ލިބޭނީ ދީނަށް ފުރިހަމައަށް ރުޖޫޢަވެ ނަޞްރު ދީގެންނެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: ( يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ ) ﴿محمد: ٧﴾

މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން الله އަށް (އެބަހީ: ﷲ ގެ ދީނަށް) ނަޞްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތު ކުރައްވާނެތެވެ  “.

ވީމާ އަދިވެސް އެއްފަހަރު ރަގަޅަށް ހަމަ ބުއްދިން ވިސްނައި ފިކުރު ކޮށްލާށެވެ. ކާމިޔާބަކަށް ވާނީ ކޮން އެއްޗެއްތޯ އެވެ. ހަމަގައިމުވެސް ޑިމޮކުރެސީ އެއް ނޫނެވެ. ބަޔާން ކުރެވިދިޔަ ފަދައިން އިސްލާމް ދީނެވެ. އެދީނުގެ ޝަރީޢަތެވެ.

މަސްދަރު: ދިސަލަފިއްޔާ

0