ނަޞޭޙަތާއި އިރުޝާދު
ފިރިމީހާގެ އަބުރު ރައްކާކުރުން

ތިމާގެ ފިރިމީހާގެ އަބުރު ރައްކާކޮށް އެކަމުގެ މައްޗަށް ފަރުވާތެރިވެ އޭނާއަށް ޝަރަފުވެރިކަން ހޯދައި ދިނުމީވެސް އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންވާ ޙައްޤެކެވެ. އަނބިމީހާއީ ހުރިހާ ގޮތަކުންވެސް ފިރިމީހާގެ ހުރިހާކަމެއް ބަލަހައްޓާ އޭނާގެ ސިއްރު ވެރިޔާއެވެ. އަނބިމީހާ ސިފަކޮށްދެއްވައި ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވާތަޢާލާ ވަޙީ ކުރައްވާފައިވާ ބަސްފުޅެއް ވިދާޅުވާށެވެ.

فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ – النساء: ٣٤

މާނައީ : “ފަހެ ޞާލިޙް އަންހެނުންނަކީ މަތިވެރި މާތްﷲ އަށާއި، އަދި ތިމާގެ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށް ކިޔަމަންތެރިވާ އަންހެނުންނެވެ. އަދި ފިރިމީހާ ނެތް ވަޤުތުގައިވެސް އޭނާގެ ހުރިހާކަމަކާމެދު ރައްކާތެރިވެގަންނަ އަންހެނާއެވެ.” މިއެވެ.

ފިރމީހާއަށްޓަކައި އަނބިމީހާ ރައްކާތެރިވެ ގަންނަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ ފިރިމީހާގެ އަބުރަށް ރައްކާތެރިކޮށް އޭނާގެ ސިއްރުތައް ވަންހަނާ ކުރުމެވެ. އަދި ފިރިމީހާގެ އަބުރަށް ހުތުރުވާފަދަ އެއްވެސް ކަމެއް ކުރުމީ އަނބިމީހާއަށް ޖާއިޒް ވެގެންވާ ކަމެއްނޫނެވެ. ފިރިމީހާގެ ކިބައިގައި ޢައިބެއް ހުރިނަމަވެސް އެ ޢައިބެއް އިޞްލާޙް ކުރުމާއެކު ސިއްރުކޮށް ހެދުމީ އަނބިމީހާގެ ވާޖިބެކެވެ. ރަނގަޅު އަނބިން ސިފަކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވަނީ

 “اَلْمَرْءَةُ الصَّالِحَةُ إِذَا نَظَرَ إِلَيْهَا سَرَّتْهُ وَإِذَا أَمَرَهَا أَطاَعَتْهُ وَإِذَا غَابَ عَنْهَا حَفِظَتْهُ” (އަބޫ ދާއޫދު)

މިފަދައިންނެވެ. މާނައީ: “ޞާލިޙް ރަނގަޅު އަނތްބަކު ވިއްޔާ ފިރިމީހާ އެކަނބުލޭގެއަށް ބަލައިފިނަމަ އޭނާގެ ރިވެރިކަމާ އަޚްލާޤު ރަނގަޅުކަމުން ފިރިމީހާ އުފާވާނެއެވެ. އަދި އެކަނބުލޭގެއަށް އަމުރު ކޮށްފިއްޔާ ފިރިމީހާއަށް ކިޔަމަންވާނެއެވެ. އަދި ފިރިމީހާ އެކަނބުލޭ ކިބައިން ޣައިބުވެއްޖެއްޔާ ފިރިމީހާގެ ކަންތައް ރައްކާތެރިކޮށްދޭނެއެވެ.” މިއެވެ. މިފަދަ އަނބިންނަކީ އަނބިންގެ ޖަވާހިރެވެ.

އިސްވެދިޔަ އާޔަތާއި ޙަދީޘުން ސާބިތުވާގޮތުގައި ފިރިމީހާގެ އަބުރާ އޭނާގެ ހުރިހާ ސިއްރުތައް އެކަންކަމަށް އަމާނާތް ތެރިވުމީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންވާ ޙައްޤެކެވެ. އެކަމާމެދު ކޮންމެ އަނތްބަކުވެސް ފަރުވާތެރިވާންވާނެއެވެ.

މަސްދަރު: ދިސަލަފިއްޔާ

0