ނަޞޭޙަތާއި އިރުޝާދު
މިހާރު މަރުވެއްޖެނަމަ އަހަރެން ވެގެންދާނީ؟

ލޮބުވެތި އަޚުންނޭވެ! ލޮބުވެތި އުޚްތުންނޭވެ! ސުވަރުގޭގެ ވާހަކަތައް އަހަރެމެން އަޑުއަހަމެވެ. ސުވަރުގޭގެ ބަގީޗާތަކުގެ ވާހަކައެވެ. އެތާގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެއެވެ. ﷲ އަށް ކިޔަމަންތެރިވި ޞާލިޙު އަޅުންނަށް އެތާނގައި ތައްޔާރުވެގެންވާ ނިޢުމަތްތަކެވެ. ހަމަ އެއާއެކު ނަރަކައިގެ ވާހަކަވެސް އަހަރެމެން އަޑު އަހަމެވެ. އެތާނގެ ހޫނާއި ޢަޛާބެވެ. އެތާނގެ ފާރަވެރިން ކަމުގައި ﷲ ލައްވާފައިވާ ގަދަފަދަ މަލާއިކަތުންނެވެ. އެ ނަރަކައިގެ އަނދިރިކަމާއި އެތަނަށް އަޅާލެވޭ މީހުންނަށް ދެވޭނެ ޢަޛާބެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސުވަރުގެއާއި ނަރަކައިގެ ވާހަކަ ދެއްކުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް އުނދަގޫ ވެގެން ވަނީ ޢަމަލު ކުރުމެވެ. ސުވަރުގެ ޙާޞިލު ކުރުމަށް ކުރަންޖެހޭ ޞާލިޙު ހެޔޮ ޢަމަލު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެނީ އެ ސުވަރުގެ ވަށާލެވިފައިވަނީ ހިތް ނޭދޭ ކަންތައްތަކެވެ. އަޅުކަންކޮށް ކިޔަމަންތެރިކަން ޙައްޤުގޮތުގައި އަދާކުރުމަކީ ހިތާއި ނަފުސު އެކަމާއި ދެކޮޅުވެރިވާ ކަމެކެވެ. އަދި ހަމައެފަދައިން، ނަރަކައިން މިންޖުވާނޭ ޢަމަލުތައް ކުރުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ ނަރަކަ ވަށާލެވިފައިވަނީ ހިތްއެދޭ ކަންތައްތަކުންނެވެ. ހަވާ ނަފްސަށް ތަބާނުވެ އެފާފަތަކުން ރައްކާތެރިވެ ހުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އުނދަގޫ ކަމެކެވެ.

ވިސްނާލާށެވެ! ރޭގަޑުގެ ފޮނި ނިދި ދޫކޮށް ފަތިސްނަމާދަށް ހޭލައިގެން ދިޔުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ފަރުޟު ނަމާދު ޖަމާޢަތުގައި މިސްކިތުގައި ކުރުމަކީ އުނދަގޫ ކަމެކެވެ. ﷲ އެކަން ފަސޭހަ ކޮށްދެއްވައިފި އަޅަކަށް މެނުވީއެވެ. ފަހެ މިފަދަ އަޅާއަށް އެއީ ވަރަށް ފަސޭހަ ކަމެކެވެ. އޭނާގެ ހިތުގެ ހިތްހަމަޖެހުން ވާނީ ނަމާދުގައެވެ. ﷲ ހަނދުމަކުރުމުގައެވެ. ﷲ ހަނދުމަކުރާމީހާ، އެއިލާހު ހަދުމަކުރައްވާނެކަން އޭނާ ޔަޤީން ކުރެއެވެ.

ހަމަ އެގޮތަށް ހިލޭއަންހެނުންނަށް ބަލައި، އެބައިމީހުންނާ އެކީ މަޖާކޮށް ލަވަކިޔައި، އެމީހުންނާ އަތާ އަތްޖޯޑުކޮށް ސަލާމްކޮށް ހަދަން ހަވާ ނަފްސު އަބަދުވެސް ގޮވާލާނެއެވެ. ހަވާނަފްސުގެ މި އެދުންތަކަށް ފުރަގަސްދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ﷲ އެކަން ފަސޭހަކޮށްދެއްވައިފި އަޅަކަށް މެނުވީއެވެ. މިފަދަ އަޅާ، މިކަންތައްތަކާ ދިމާވާހިނދު، މިއީ އޭނާގެ ވެރި އިލާހު މަނާ ކުރައްވާފައިވާ ކަމެއްކަން ދަނެ، އެކަމާއި ދުރުހެލި ވެއެވެ. ﷲ އަށް ބިރުވެތިވެ، ފާފައަކަށް އަރައިގަތުމުން ދުރުހެލިވާ މީހާގެ ހިތުގައި ﷲ އީމާންކަމެއް ލައްވާކަން އޭނާ ހިތުގެ އަޑިން ޤަބޫލު ކުރެއެވެ. އަދި އެ އީމާން ކަމުގެ ސަބަބުން އޭނާގެ ހިތަށް އީމާންކަމުގެ ފޮނި މީރުކަން އިޙްސާސްވެގެންދާނެކަން އޭނާ ދަނެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ހަމަ ޔަޤީނުންވެސް މަރަކީ ކުރިމަތިވާނޭ އެއްޗެކެވެ. އެ މަރު އައިސް ބައްދަލު ކުރާނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ވީއިރު …. އަމިއްލަ ނަފްސާއި ސުވާލު ކޮށްލައްވާށެވެ!

މިހާރު މަރުވެއްޖެނަމަ އަހަރެން ވެގެންދާނީ ސުވަރުގެވަންތަވެރިއަކަށް ހެއްޔެވެ؟ ނުވަތަ ނަރަކަވަންތަވެރިއަކަށް ހެއްޔެވެ؟

 

މަސްދަރު: ނޫރުލްއިސްލާމް

0