ދިރާސާ
ކީރިތި ޤުރުއާނުގެ ބަގީޗާ: سورة الشورى

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ޤާއިމުވެފައި އޮތުމުގެ މުހިއްމުކަމާއި މުސްލިމުންގެ ކަންކަން ނިންމުމުގައި މަޝްވަރާކުރުމުގެ މުހިއްމުކަން
ޝޫރާ ސޫރަތުގައިވާ މުހިއްމު ނުކުތާތައް
• ދުނިޔޭގެ މެދަކީ މައްކާކަން
• ހަސަދަވެރިކަމާއި އަނިޔާވެރިކަމުގެ ސަބަބުން މުޖުތަމަޢު ބައިބައިވެ، ހަލާކުވެގެންދެއެވެ.
• މީހަކު ކިތަންމެ ރަނގަޅުކަމެއްކުރުމުގައި ވެސް، އެކަމުގެ ތެރޭގައި ކަންދެއްކުމާއި ދުނިޔޭގެ އެދުމެއް އިސްކޮށްފައިވާނަމަ، އެކަމަކީ އެއްވެސް އަގެއްހުރި ކަމެއްކަމުގައެއްނުވާނެއެވެ. އެފަދަ ޢަމަލުތައް ވާނީ ވަޔާ ބުރައިގެންދާ ކުނޑިތަކެއް ފަދައިންނެވެ.
مَن كَانَ يُرِيدُ حَرْثَ الْآخِرَةِ نَزِدْ لَهُ فِي حَرْثِهِ ۖ وَمَن كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآخِرَةِ مِن نَّصِيبٍ ﴿٢٠﴾
آخرة ގެ ثواب އަށްއެދި މަސައްކަތްކުރާ މީހާއަށް އޭނާގެ ثواب، ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އަދި ދުނިޔޭގެ މަންފާތަކަށް އެދޭމީހާއަށް، ތިމަންރަސްކަލާނގެ އެއިން ދެއްވާހުށީމެވެ. އަދި آخرة ގައި އޭނާޔަށް (ثواب ގެ) އެއްވެސް نصيب އެއްނެތެވެ.
وَلَوْ بَسَطَ اللَّـهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الْأَرْضِ وَلَـٰكِن يُنَزِّلُ بِقَدَرٍ مَّا يَشَاءُ ۚ إِنَّهُ بِعِبَادِهِ خَبِيرٌ بَصِيرٌ ﴿٢٧﴾
اللَّه، އެކަލާނގެ (އެންމެހައި) އަޅުންނަށް رزق ތަނަވަސްކޮށްދެއްވައިފިނަމަ، ބިމުގައި އެއުރެން ބޮޑާވެ، އަނިޔާވެރިވެގެންފީހެވެ. އެހެނެއްކަމަކު، އެކަލާނގެ رزق ބާވައިލައްވަނީ، އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ވަކިމިންވަރަކަށެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ خبر ތައް މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
• ގިނަފަހަރަށް މުޞީބާތްތައް ޖެހެނީ އަހަރެމެންނަށް ކުރެވޭ ފާފަތަކުގެ ސަބަބުންނެވެ.
وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ﴿٣٠﴾
ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ.
• ބައެއްފަހަރު ނަޞްރުލިބެނީ މާޔޫސްވާފަދަ އެތައް ކަމެއް ދިމާވުމަށްފަހުގައެވެ.
وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِن بَعْدِ مَا قَنَطُوا وَيَنشُرُ رَحْمَتَهُ ۚ وَهُوَ الْوَلِيُّ الْحَمِيدُ ﴿٢٨﴾
އެކަލާނގެއީ، އެއުރެންގެ އުންމީދު ކެނޑުމަށްފަހު، ވާރޭވެއްސަވައި، އެކަލާނގެ رحمة ފަތުރުއްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން حمد ލިބިވޮޑިގެންވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ.

• މުއުމިނުންގެ ސިފަތައް
 މާތްﷲ އަށް ވަކީލުކުރުން
 ބޮޑެތި ފާފަތަކާއި ފާޙިޝްކަންތައްތަކުން ދުރުވުން
 ރައްބުވަންތަ އިލާހަށް އިޖާބަދިނުން
 ނަމާދު ޤާއިމުކުރުން
 މަޝްވަރާކުރުން
 އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރުން
فَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا ۖ وَمَا عِندَ اللَّـهِ خَيْرٌ وَأَبْقَىٰ لِلَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴿٣٦﴾
ފަހެ، ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި إيمان ވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާމީހުންނަށް، اللَّه ގެ حضرة ގައިވާ ثواب ހެޔޮކަންބޮޑެވެ. އަދި ދެމިހުރުން ބޮޑުމެއެވެ.
وَالَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ ﴿٣٧﴾
އަދި އެއުރެންނީ ބޮޑެތިފާފަތަކާއި، فاحش ކަންތައްތަކުން ދުރުހެލިވެ ތިބޭމީހުންނެވެ. އަދި އެއުރެންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބަޔެކެވެ.
وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣٨﴾
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު قائم ކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ مشورة ގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ.
• އުލުލް ޢަޒުމުގެ ވެރި ރަސޫލު ބޭކަލުންނަކީ:
إبراهيم ގެފާނު، موسى ގެފާނު، عيسى ގެފާނު، نوح ގެފާނު އަދި محمد ގެ ފާނެވެ. (عليهم السلام)
شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ ۚ كَبُرَ عَلَى الْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ اللَّـهُ يَجْتَبِي إِلَيْهِ مَن يَشَاءُ وَيَهْدِي إِلَيْهِ مَن يُنِيبُ ﴿١٣﴾
ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ شرع ކުރެއްވި دين އަކީ، އެކަލާނގެ نوح ގެފާނަށް وصية ކުރެއްވި دين އެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވި دين އެވެ. އަދި إبراهيم ގެފާނަށާއި، موسى ގެފާނަށާއި، عيسى ގެފާނަށް وصية ކުރެއްވި دين އެވެ. (އެ وصية އަކީ) ތިޔަބައިމީހުން دين قائم ކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! ތިޔަބައިމީހުން އެކަމަކަށް ތިޔަގޮވައިލާ ކަންތައް، مشرك ންގެ މައްޗަށް ބޮޑުކަމަކަށްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އަޅަކު خيار ކުރައްވަތެވެ. އަދި އެކަލާނގެއަށް توبة ވެ، رجوع ވާމީހާއަށް ތެދުމަގު ދައްކަވަތެވެ.
• މާތްﷲ އިރާދަކުރެއްވި މީހަކަށް އަވަހަށް ދަރީން ދެއްވައެވެ. އަދި އިރާދަކުރައްވައިފި މީހަކަށް ދަރިން ދެއްވުން ލަސްކުރައްވައެވެ. އަދި އިރާދަކުރެއްވި އަޅަކު އެނިޢުމަތުން މަޙްރޫމްކުރައްވާ އިމްތިޙާންކުރައްވައެވެ.
• ދަރިން ނުލިބޭގޮތް މެދުވެރިވުމަކީ ބޮޑު އިމްތިޚާނެކެވެ.
• މުޞީބާތްތަކުން ފިއްލަވާނެކަމުގެ އުއްމީދު މި ސޫރަތުގެ 28 ވަނަ އާޔަތުން ލިބެއެވެ.
• މި ސޫރަތް ފެށިފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދޮގުކޮށްއުޅުނު މުޝްރިކުންނަށް އެ މީހުންގެ ނިމުން ހުރިގޮތުގެ މައްޗަށް ދެވިފައިވާ އިންޒާރުތަކަކުންނެވެ. މި ގޮތުން ނަބީބޭކަލުން ދޮގުކުރުމުން ކުރީގެ އުއްމަތްތައްވެސް ހަލާކުކުރެވުނު ކަމުގައި މި ސޫރަތުގެ ފެށޭކޮޅުގައި ބަޔާންކުރެވިފައިވެއެވެ. (5 ވަނަ އާޔަތުން 8 ވަނަ އާޔަތަށް)
• މަޝްވަރާކުރުމަކީ އިސްލާމީ ސިޔާސީ ނިޒާމުގެ އެންމެ މުހިއްމު ރުކުނެވެ.
• ވަޙީ ބާއްވައިލެއްވޭ ގޮތްތައް މި ސޫރަތުގައި އައިސްފައިވެއެވެ.
وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّـهُ إِلَّا وَحْيًا أَوْ مِن وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ ۚ إِنَّهُ عَلِيٌّ حَكِيمٌ ﴿٥١﴾
وحى އަކުން (އެބަހީ: إلهام އަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ ملائكة އަކު ފޮނުއްވައި، އެކަލާނގެ إذن ފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް وحى ކުރެއްވުމުންމެނުވީ، އެއްވެސް آدم ގެދަރިޔަކަށް اللَّه ބަސް وحى ކުރެއްވުމެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މަތިވެރިވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.

0