އިބުރަތްތެރި ވާހަކަ
ޠާލޫތާއި ޖާލޫތުގެ ވާހަކަ

ފެށުން
މޫސާގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު، ބަނޫ އިސްރާއީލް ބާގައިގެ މީހުން ޙައްޤުމަގުގައި އަހަރުތަކެއް ވަންދެން ތިބުމަށްފަހު، އުރެދުމާއި ޝިރުކުގެ ތެރެއަށް ވެއްޓުނެވެ. މިކަމުގެ ޢުޤޫބާތެއްގެގޮތުން، އެބައިމީހުންގެ ޢަދުއްވުން ބަނޫއިސްރާއީލުންގެ މައްޗަށް އަތްގަދަކުރާނެގޮތް ﷲ މިންވަރުކުރެއްވިއެވެ. ބަނޫއިސްރާއީލުންގެ އެތައް ބިމެއްގެ މައްޗަށް ޢަދުއްވުން ވެރިވެގަތެވެ.
ބަނޫއިސްރާއީލް ބާގައިގެ މީހުންނަށް ތެދުމަގު ދެއްކެވުމަށާއި، އެބައިމީހުން އެއްބައިވަންތަކުރުމުގެ ގޮތުން މާތް ﷲ ނަބިއްޔުން ފޮނުއްވަމުން ގެންދެވިއެވެ.
ޝަމްވީލް عليه السلام އަކީ އޭގެ ތެރެއިން ނަބިއްޔެކެވެ. ޝަމްވީލް عليه السلام ބަނޫ އިސްރާއީލް ބާގައިގެ މީހުންނަށް ޙައްޤު މަގަށް ގޮވައިލުމުން ވަރަށް ގިނަ ބަޔަކު އުރެދުންތައް ދޫކޮށް، ހިދާޔަތުގެ މަގަށް އެނބުރި އައެވެ. އެބައިމީހުން ޙައްޤު މަގަށް އެނބުރި އައުމުގެ އެންމެ ބޮޑު ސަބަބަކަށްވީ އޭރު އެބައިމީހުން ތިބި ނިކަމެތި ޙާލަތެވެ. ޝަމްވީލް عليه السلام އެބައިމީހުންތެރެއަށް ފޮނުއްވުނުއިރު އެބައިމީހުންގެ އަނބިދަރީން ޖާރިޔާއިންގެ ގޮތުގައި ގެންދިޔުމާއި މުދަލާއި ގެދޮރު ލޫޓުވުމުގައި ދުޝްމަނުންވަނީ ހައްދުފަހަނަ އަޅާފައެވެ. މި ނިކަމެތިކަމުން ސަލާމަތްވާނެ ހަމައެކަނި ގޮތަކީ ﷲ ގެ މަގުގައި ޖިހާދުކުރުން ކަމުގައި އެބައިމީހުންނަށް ޤަބޫލުކުރެވުނެވެ. އަދި ﷲ ގެ މަގުގައި ޖިހާދުކުރުމަކީ އެބައިމީހުން ކިތަންމެ ހިތް ނުރުހޭ ކަމެއްކަމުގައި ވިޔަސް މިފަހަރު ޖިހާދުކުރަން އެބައިމީހުން ނިންމިއެވެ.
ބަނޫއިސްރާއީލުންނަކީ އުރެދުމުގެ ތާރީޚެއް އޮތް ބައެއްކަން އެނގޭތީވެ، ޝަމްވީލް عليه السلام އެބައިމީހުންނަށް ދެންނެވިއެވެ.
قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ الْقِتَالُ أَلَّا تُقَاتِلُوا
އެ ނަބިއްޔާ ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ ފަރުޟުކުރެއްވިޔަސް، ތިޔަބައިމީހުން ހަނގުރާމަނުކޮށް ތިބެދާނެނޫންހެއްޔެވެ؟
މިހެން ދެންނެވުމާއެކު ބަނޫ އިސްރާއީލުން ޖަވާބުދިނެވެ.
قَالُوا وَمَا لَنَا أَلَّا نُقَاتِلَ فِي سَبِيلِ اللَّـهِ وَقَدْ أُخْرِجْنَا مِن دِيَارِنَا وَأَبْنَائِنَا
އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ގޯތިގެދޮރާއި ދަރިންގެ ގާތުން ތިމަންމެން ނެރެލާފައިވާހިނދު، ﷲ ގެ މަގުގައި ތިމަންމެން ހަނގުރާމަ ނުކުރާންވީ ކީއްވެގެންތޯއެވެ؟
މިހާ ޖޯޝާއި ފޯރީގައި ޖަވާބުދިނުމަށްފަހު ވެސް، އެންމެ ފަހުން ހަނގުރާމަ ފަރުޟުކުރެވުނު ހިނދު އެބައިމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ، އެކަމަށް ފުރަގަސްދިނެވެ.
فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ تَوَلَّوْا إِلَّا قَلِيلًا مِّنْهُمْ
)ދެން އެއުރެންގެ މައްޗަށް ހަނގުރާމަ ފަރުޟުކުރެއްވުނު ހިނދު، އެއުރެންގެ ތެރެއިން މަދު ބަޔަކު މެނުވީ އެކަމަށް ފުރަގަސްދިނެވެ. (
طالوت، އޭނާގެ ލަޝްކަރާއިއެކު ޖާލޫތު އާއި ހަނގުރާމަ ކުރެއްވުމަށް ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވިއެވެ. އަށްޑިހަހާސް މީހުންނާއެކު ނުކުތް ލަޝްކަރުގެ އޭރުގެ އަދަދަކީ ތިންސަތޭކަ ދިހައެކެވެ. ނުވަތަ 313 އެވެ.

ޠާލޫތާއިމެދު ހިތްހަމަނުޖެހުން
ހަނގުރާމައިގެ މައިދާނަށް ދިޔުމުގެ ކުރިން، ބަނޫއިސްރާއީލުންގެ އުރެދުންތެރިކަން ފާޅުކުރަން ފެށިއެވެ. ﷲ ތަޢާލާ އެބައިމީހުންނަށް ރަސްކަލެއް ކަމުގައި ޠާލޫތު ފޮނުއްވުމުން ފެށިގެން ބަނޫ އިސްރާއީލުންގެ ނުކިޔަމަންތެރިކަން ފާޅުވާންފެށިއެވެ. ޢިލްމީ ގޮތުންނާއި ޖިސްމާނީގޮތުން ވެސް އެކަމަށް އެންމެ އެކަށޭނަ މީހަކީ ޠާލޫތެވެ. ބަނޫ އިސްރާއީލުން ވެރިޔެއް ކަމުގައި ޠާލޫތު ބަލައިނުގަތުމުގެ ގޮތުން އެކި އުޒުރުތައް ދެއްކިއެވެ. މި ގޮތުން ދެއްކި އުޒުރުތަކުގެ ތެރޭގައި ބަނޫ އިސްރާއީލުންގެ އެންމެ ނިކަމެތި ވަންހަ ކަމުގައިވާ ބުންޔާމީން ވަންހައަށް ޠާލޫތު ނިސްބަތްވުމާއި ޠާލޫތު ކާންބޯން ކުރާ މަސައްކަތަކީ ދަނޑުވެރިކަން ކަމުގައިވުން ހިމެނެއެވެ. ވެރިކަމުގެ ބާރު މިފަދަ އާދައިގެ ދަނޑުވެރިޔަކަށް ދިނުމަށް ދެކޮޅުހަދަމުން އެބައިމީހުން ބުންޏެވެ.
قَالُوا أَنَّىٰ يَكُونُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ الْمَالِ ބަނޫއިސްރާއީލުންގެ ނަޒަރުގައި ގައުމުގެ މީހުންގެ ވެރިކަމަށް ކުފޫހަމަވުމުގެ އެންމެ މުހިއްމު މިންގަނޑަކީ މުދާވެރިކަމެވެ.
އޭނާއަށްވުރެ ރަސްކަމަށް ތިމަންމެން ޙައްޤުކަން ބޮޑުކަމަށްވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއް ވެސް ލިބިފައެއް ނުވެއެވެ.
ޝަމްވީލް عليه السلام އެބައިމީހުންނަށް ޖަވާބުދިނެވެ.
قَالَ إِنَّ اللَّـهَ اصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِي الْعِلْمِ وَالْجِسْمِ ۖ وَاللَّـهُ يُؤْتِي مُلْكَهُ مَن يَشَاءُ ۚ وَاللَّـهُ وَاسِعٌ عَلِيمٌ
އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް اللَّه، އޭނާ خيار ކުރެއްވިއެވެ. އަދި، އޭނާއަށް علم އާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
(އަލްބަޤަރާ 247)

ތާބޫތު
تابوت އަކީ ފޮށްޓެކެވެ. އެ ފޮށީގައިވާ ތަކެއްޗާމެދު ތަފާތު ގޮތްގޮތަށް مفسر ން ލިޔުއްވާފައިވެއެވެ. موسى ގެފާނުގެ آل ވެރިންނާއި هارون ގެފާނުގެ آل ވެރިން، ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއްތަކެތިވެސް، އެ تابوت ގައި ވެއެވެ.

وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَن يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ﴿٢٤٨﴾
“އަދި އެއުރެންނަށް އެއުރެންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާގެ ވެރިކަމުގެ ހެއްކަކީ، ތިޔަބައިމިހުންނާއި ހަމަޔަށް ތާބޫތު (Ark of Covenant) އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާންގެ ޙަޟްރަތުން ދެއްވާ ހިތްހަމަޖެހުމަކާއި. އީމާންކަމަކާއި، އަދި މޫސާގެފާނުންގެ އާލުވެރިންނާއި ހާރޫނުގެފާނުންގެ އާލުވެރިން، ދޫކުރެއްވި ތަކެތީގެތެރެއިން ބައެއް ތަކެތިވެސް، އެތާބޫތުގައި ވެއެވެ. (އެތަކެއްޗާއެކު) އެތާބޫތު، މަލާއިކަތުން އުފުއްލަވައިގެން ގެންނަވާނެތެވެ. ތިޔަބައިމީހުންނީ، މުއުމިނުންކަމުގައިވާނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެކަމުގައި ހެތްކެއް ވާކަން ކަށަވަރެވެ.” (ބަޤަރާ: 248)
تَحْمِلُهُ الْمَلاَئِكَةُ (البقرة: 248).
(އެތާބޫތު، މަލާއިކަތުން އުފުއްލަވައިގެން ގެންނަވާނެތެވެ.)
މި އާޔަތުން އެނގޭގޮތުގައި ތާބޫތު އުފުއްލީ މަލާއިކަތުންނެވެ. އެކަމަކު މަލާއިކަތުން ތާބޫތު އުފުއްލެވިގޮތެއް ސާފުކޮށް އެނގޭކަށްނެތެވެ. އަދި މަލާއިކަތުން ތާބޫތު ހިފައިގެން ބަނޫ އިސްރާއީލުންގެ ކައިރިޔަށް އައި ގޮތްވެސް ސާފުކޮށް އެނގޭކަށްނެތެވެ.
ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވާގޮތުގައި ޢަމާލިޤުން ތާބޫތު ވަގަށް ނަގައިގެން، އެބައިމީހުންގެ ޤައުމަށް އެ ތާބޫތު ގެންދިޔައެވެ. އަދި ބޮޑު ބުދެއްގެ ދަށުގައި ތާބޫތު ވަޅުލިއެވެ. އޭގެ އަނެއް ދުވަހު އެބައިމީހުންނަށް ފެނުނީ ބުދުގެ މަތީގައި ތާބޫތުވަނިކޮށެވެ. އޭގެފަހުންވެސް ބަދުނަސީބު އެތައް ކަމެއް އެބައިމީހުންނަށް ދިމާވުމުން އެބައިމީހުންނަށް ވިސްނުނީ މި ކަންތައްތައް މި ދިމާވަނީ ތާބޫތު އެބައިމީހުންގެ ރަށުގައި އޮތުމުގެ ސަބަބުންނެވެ. އެހެންވެ، އަސްގާޑިޔަލަކަށް ތާބޫތު ލުމަށްފަހު، އެބައިމީހުން އެ އަސް ދޫކޮށްލިއެވެ. އެއަހަށް މަގު ދައްކަމުން ބަނޫ
އިސްރާއީލުންނާއި ހަމައަށް އަސް ގެނައީ މަލާއިކަތުން ކަމުގައިބުނެވެއެވެ.
لَمَّا فَصَلَ طَالُوتُ بِالْجُنُودِ قَالَ إِنَّ اللَّهَ مُبْتَلِيكُمْ بِنَهَرٍ فَمَنْ شَرِبَ مِنْهُ فَلَيْسَ مِنِّي وَمَنْ لَمْ يَطْعَمْهُ فَإِنَّهُ مِنِّي إِلاَّ مَنْ اغْتَرَفَ غُرْفَةً بِيَدِهِ فَشَرِبُوا مِنْهُ إِلاَّ قَلِيلاً مِنْهُمْ فَلَمَّا جَاوَزَهُ هُوَ وَالَّذِينَ آمَنُوا مَعَهُ قَالُوا لاَ طَاقَةَ لَنَا الْيَوْمَ بِجَالُوتَ وَجُنُودِهِ قَالَ الَّذِينَ يَظُنُّونَ أَنَّهُمْ مُلاَقُو اللَّهِ كَمْ مِنْ فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ وَاللَّهُ مَعَ الصَّابِرِينَ (البقرة: 249).
ދެން، لشكر އާއިގެން طالوت ނުކުމެވަޑައިގަތްހިނދު އޭނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ. ފަހެ، އެ ކޯރުން ފެންބޮއިފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެތެވެ. އަދި، އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮށްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ. ދެން، ފަހެ، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކޯރުން ފެންބޮއިފިއެވެ. ދެން އެއަށްފަހު، طالوت އާއި، އޭނާގެ އަރިހުގައި إيمان ވެގެންތިބި މީހުން، އެ ކޯރު ފަހަނަޅައި ހިނގައްޖެހިނދު، އެއުރެން (ގެ ތެރެއިން ބަޔަކު) ދެންނެވޫއެވެ. جالوت އާއި، އޭނާގެ لشكر އާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަމެއް އަދަކު ތިމަންމެންނަކަށް ނެތެވެ. ހަމަކަށަވަރުން، اللَّه އާ ބައްދަލުވާނޭކަން يقين ކުރާމީހުން ބުނޫއެވެ. اللَّه ގެ إذن ޔާއެކު ކިތައް ކިތައް މަދު جماعة ގެ މީހުން، ގިނަ جماعة ގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟ اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.
(ބަޤަރާ: 249)

އޭރުގެ އާދަކާދައިގެ މަތިން އެންމެ ފުރަތަމަ ހަނގުރާމަ ފެށުމުގެ ކުރިން ދެ ލަޝްކަރުން މަންދޫބުން ނުކުމެ މުބާރަޒާކުރުން އޮވެއެވެ.

طالوت އޭނާގެ ލަޝްކަރުގެ މީސްތަކުންނަށް މުބާރަޒާ ކުރާނެ މީހަކު ވޭތޯ އިޢުލާންކުރެއްވިއެވެ. މި މުބާރަޒާ ރައުންޑުގައި އަނެއް ލަޝްކަރުން ނުކުންނަނީ ޖާލޫތެވެ. އެއީ އިސްކޮޅުން ދިގު، ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. ޖާލޫތު ޤަތުލުކުރާމީހަކަށް طالوت ބޮޑު އިނާމެއް ކަނޑައެޅިއެވެ. މިގޮތުން އޭނަގެ ވެރިކަމުން ބައެއް ދިނުމަށް ވަޢުދުވިއެވެ. އަދި އޭނަގެ ދަރިކަނބަލުންނާއި ކައިވެނިކޮށްދިނުމަށް ވަޢުދުވިއެވެ. އިސާހިތަކު داود عليه السّلام ތެދުވެވަޑައިގެން ޖާލޫތާއި މުބާރަޒާ ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. ދާވޫދުގެފާނަށް ފުރަތަމަ ކުރިމަތިވީ ފުރައްސާރައެވެ. އެކަލޭގެފާނުގެ އިސްކޮޅުން ކުރުކަމުގެ ވާހަކަ އާއި ޢުމުރުން ހަގު ކަމުގެ ވާހަކައިން މަލާމާތުގެ ބަސްތައް ދާވޫދުގެފާނަށް ރައްދުވިއެވެ. ލަޝްކަރުގެ ނުރުހުމުގެ ބަސްތަކާއި ހެދި ދާވޫދުގެފާނަށް މުބާރަޒާއަށް ނުކުތުމުގެ ހުއްދަ ދިނުމަށް ފުރަތަމަކޮޅު ޠާލޫތު ޖެހިލުންވިއެވެ. އެހެންނަމަވެސް ފަހުން ޚިޔާލު ބަދަލުވެ ޠާލޫތުގެ އަހާއި ހަތިޔާރު ހިއްޕަވައިގެން ވަޑައިގެން ޖާލޫތާއި މުބާރަޒާ ކުރުމަށް ދެންނެވިއެވެ. އެހެންނަމަވެސް ޖާލޫތު ޤަތުލުކުރަން ދާވޫދުގެފާނު ބޭނުންކުރެއްވީ ވަރަށް އާދައިގެ ހަތިޔާރެކެވެ. އެއީ އެކަލޭގެފާނުގެ ސާޅަނގައެވެ. ދާވޫދުގެފާނު ބިސްމި ކިޔުއްވާ ސާޅަނގައަށް ހިލައެއް ލައްވާ ޖާލޫތާއި ދިމާއަށް ހޫރާލެއްވިއެވެ. އެހިލަކޮޅު ޖާލޫތަށް އަމާޒުވެ އޭނާ ޤަތުލުވެގެން ވެއްޓުނެވެ.

މިދެންނެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ބަޤަރާ ސޫރަތުގެ 251 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
فَهَزَمُوهُم بِإِذْنِ اللَّـهِ وَقَتَلَ دَاوُودُ جَالُوتَ وَآتَاهُ اللَّـهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاءُ ۗ وَلَوْلَا دَفْعُ اللَّـهِ النَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ الْأَرْضُ وَلَـٰكِنَّ اللَّـهَ ذُو فَضْلٍ عَلَى الْعَالَمِينَ ﴿٢٥١﴾
ފަހެ، އެއުރެން اللَّه ގެ إذن ފުޅާއެކު كافر ންގެ لشكر ބަލިކޮށްފޫއެވެ. އަދި، داود ގެފާނު، جالوت قتل ކުރެއްވިއެވެ. އަދި، اللَّه، އެކަލޭގެފާނަށް ރަސްކަމާއި، حكمة (އެބަހީ: ނަބީކަން) ދެއްވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކަންތަކެއް އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު اللَّه އީ، عالم ތަކުގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެއެވެ.
++++++++++++++++++++
މި ވާހަކައިން ލިބޭ ބައެއް ޢިބްރަތްތައް
• މާތް ﷲ ވެރިންނަށާއީ މީސްތަކުންނަށް ދެއްވާ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރަމުންގެންދާނަމަ، އެއަށް ވެރެ ބާރުގަދަ ބަޔަކު އެ ބައިމީހުންގެ މައްޗަށްވެރިކުރައްވައި އެ ބަޔަކު ނިކަމެތި ކުރައްވާނެކަމެވެ.
• اللَّه ގެ إذن ޔާއެކު ކިތައް ކިތައް މަދު جماعة ގެ މީހުން، ގިނަ جماعة ގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟


ރެފަރެންސް:
تفسير ابن كثير
قصص الأنبياء
ވާހަކަ ކިޔައިދޭ ރަޙްމަތްތެރިޔާ

0