ނަޞޭޙަތާއި އިރުޝާދު
އިންސާނީ މުޖްތަމަޢުތައް އިޞްލާޙުކުރަން ފެށޭ ހިސާބަކީ، ކޮންމެ އިންސާނެއްގެ އަމިއްލަ ނަފްސު – ޚުތުބާ

އިންސާނީ މުޖްތަމަޢުތައް އިޞްލާޙުކުރަން ފެށޭ ހިސާބަކީ، ކޮންމެ އިންސާނެއްގެ އަމިއްލަ ނަފްސުކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ “އެއްވެސް ޤައުމެއް، އަދި އެއްވެސް މުޖްތަމަޢެއް، އަދި އެއްވެސް ރަށެއް، އަދި އެއްވެސް އަވަށެއް އޭގެ ޒާތުން ގޯސްވެގެން ނުދެއެވެ .ގޯސްވެގެން ދަނީ އެ ޤައުމަކަށް ނިސްބަތްވާ ނުވަތަ އެރަށެއްގައި އުޅޭ އިންސާނުން ކޮށްއުޅޭ ޢަމަލުތަކެވެ. އެކަންތައްތަކުގެ ނަތީޖާ އިން ހިތްގައިމުކަން ނުވަތަ ހިތްދަތިކަން އެންމެންނަށް އިޙުސާސް ކުރަންޖެހޭ ގޮތްވެއެވެ. އާނއެކެވެ. އިންސާނީ މުޖްތަމަޢުތައް އިޞްލާޙުކުރަން ފެށޭ ހިސާބަކީ، ކޮންމެ އިންސާނެއްގެ އަމިއްލަ ނަފްސެވެ. ޢާއިލާ އާއި، މުޖްތަމަޢާއި، ޤައުމާއި، މުޅި ދުނިޔެ އިޞްލާޙުކުރުން ފެށޭހިސާބަކީ ވެސް ހަމަ އެއީއެވެ. ކޮންމެ އިންސާނެއްގެ ނަފްސު އިޞްލާޙުގެ މަގަށް އަޅުވައިފިނަމަ، އިންސާނީ މުޅި ޙަޔާތް އިޞްލާޙުވީއެވެ. އެނަފްސު އިޞްލާހު ނުވެއްޖެނަމަ، މުޖްތަމަޢަށާއި މުޅި ޤައުމަށް ނޭދެވޭ އަސަރު ނުކޮށް ނުދާނޭކަން ކަށަވަރެވެ.”

އިތުރަށް ޚުތުބާގައި ބުނެފައިވަނީ “މުޖްތަމަޢު އާއި މުޅި ދިވެހި ޤައުމަށް އުފާފާގަތިކަން އަންނަން އޮތް ހަމައެކަނި މަގަކީ، އެހެން މީހުންގެ ކިބައިގައި ހުރި އުނި ޢައިބުތަކުގެ ވާހަކަތައް ދެއްކުމުގައި ވަގުތު ބޭކާރު ނުކޮށް އަމިއްލަ ނަފްސާ މެދު ޚިޔާލުކުރުމަށް ވަގުތު ހުސްކޮށްލުމެވެ. މާތް ﷲ ގެ ޙައްޤުތަކަށާއި، އިންސާނުންގެ ޙައްޤުތަކަށް ރައްކާތެރިވުމެވެ. ތިމާގެ ނަފްސުގައި އުނިކަމާއި، ހުތުރު އާދަ އެއް ހަރުލައިފައި ހުރެދާނެ ކަން ޤަބޫލުކޮށް އެކަންކަމުން މިންޖުވުމުގެ މަގަށް އެނބުރި ރުޖޫޢަވުމެވެ”

އިތުރަށް ޚުތުބާގައި ބުނެފައިވަނީ “ދިވެހީންގެ މެދުގައި އެންމެ ޤަދަރުވެރިކަން ދެވިފައިވަނީ މާތްވެގެންވާ އިސްލާމު ދީނަށެވެ. އިސްލާމް ދީނަށް ބަދު ބަހެއް ރައްދުވާކަށް ހަމަ އެންމެ ދިވެއްސަކު ވެސް ނޭދޭނެއެވެ. އަދި މާތްނަބިއްޔާ އަށާއި އެމާތްނަބިއްޔާގެ ޞަޙާބީންނަށް ބޭއަދަބީ ގޮތަކަށް މުޚާޠަބު ކުރެވޭކަށްވެސް ނުމެ އެދޭނޭމެއެވެ. އަދި އެންމެ ފަހު ނޭވާއަށް ދާންދެން، މި ދީން ޙިމާޔަތްކުރުމުގައި ކޮންމެ ދިވެއްސަކުމެ ސާބިތުވެ ހުންނާނެ ކަން ކަށަވަރެވެ.”

0