ނަޞޭޙަތާއި އިރުޝާދު
ތިޔައީ ހަމަހަމަ ކަމެއްނޫނެވެ. ތިޔަ އަރައިގަނެވެނީ އަޅުގަނޑުމެންގެ ކަރާމާތާއި ޢިއްޒަތަށެވެ.

މިފަހަކަށް އައިސް ދުނިޔޭގެ ކަންކޮޅުތަކުން އެންމެ ގަދަޔަށް އިވެމުންދާ އަޑަކީ އަންހެނުންގެ ޙައްޤު ހޯދުމަށް ގޮވާލެވޭ އަޑެވެ. ސުވާލަކީ މުސްލިމު އުޚްތުންނަކީ ޙައްޤުތައް ނުލިބިގެން މަގުމައްޗަށް ނުކުންނަންޖެހޭ ބައެއް ހެއްޔެވެ؟ ނޫނެކެވެ. މާތްﷲ އިންސާނާ އުފައްދަވާ އެއިންސާނާއަށް ވަނީ މަސްޢޫލިއްޔަތުތަކެއް ހަވާލު ކުރައްވާ، މަޤާމުތަކަކާ ދަރަޖަތަކެއް ދެއްވަވާފައެވެ. އެގޮތުން އަންހެން ކަނބަލުންނަށް އެކަނބަލުންގެ ޠަބީއަތާ ގުޅޭގޮތުން ވަނީ މަސްޢޫލިއްޔަތުތަކެއް ހަވާލުކުރައްވާފައެވެ. އެކަނބަލުންގެ އަބުރާއި ޢިއްޒަތް ރައްކާތެރިކޮށް ޢިއްފަތްތެރިކަމާއެކު މުޖުތަމަޢުގެ ތެރޭގައި އުޅެވޭނެމަގު ވަނީ އިސްލާމްދީން ދައްކައިދެއްވާފައެވެ. އެގޮތުގައި ސާބިތުވެއްޖެ އަންހެންކަނބަލަކަށް ގިނަގުނަ ވެގެންވާ ޘަވާބުގެ ހެޔޮ ޚަބަރުތައް ވަނީ ދެއްވަވާފައެވެ.

﴿مَنْ عَمِلَ صَالِحًا مِّن ذَكَرٍ‌ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَ‌هُم بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ – (النحل : 97) “ފިރިހެނަކުނަމަވެސް އަދި އަންހެނަކުނަމަވެސް އެމީހަކު އީމާންވެގެންވާ ޙާލު ޞާލިޙު ޢަމަލުކޮށްފި މީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހަކަށް ރަނގަޅުވެގެންވާ ޙަޔާތެއް ދެއްވާހުށީމެވެ. (އެއީ ޙަލާލް ރަނގަޅު ރިޒުޤު ދެއްވުމާއި، ކިޔަމަންތެރިކަމުގެ މަގަށް ތައުފީޤު ދެއްވުމެވެ. ނުވަތަ ސުވަރުގޭގެ ދިރިއުޅުން ދެއްވުމެވެ.) އަދި ހަމަކަށަވަރުން އެމީހުން ދުނިޔޭގައި ކުރި ޢަމަލަށްވުރެ މާރަނގަޅު ދަރުމަޔާ ޘަވާބު އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ.”

އިސްލާމްދީން އަންހެނާއަށް ދެއްވާފައިވާ ޙައްޤުތަކާއި ދަރަޖަތައް އެހެން އެއްވެސް ދީނެއްގައި އަންހެނުންނަށް ހޯދައިދެވިފައެއް ނުވެއެވެ. އެހެނީ އިސްލާމްދީނަކީ ޙައްޤު ދީނެވެ. އެދީން ގޮވާލަނީ ޙައްޤުގެ މަގަށެވެ. އަންހެނުންނަށް ހެޔޮކޮށްހިތުމަށެވެ. އަންހެން ދަރިންނަށް ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ދިނުމަށެވެ. އަނބިންނަށް ހެޔޮކޮން ހިތުމަށެވެ. މައިންނަށް އަޅާލާ އޯގާތެރިވުމަށެވެ. ނަމަވެސް ޖާހިލިއްޔަ ޒަމާނުގައި އަންހެން ދަރިން ދިރިދިރި ތިއްބާ ވަޅުލެވުނެވެ. ފިރިހެނުންނައް ވާރުތައިން ލިބޭ މުދަލެއްގެ ގޮތުގައި އަންހެނުން ވެގެންދިޔައެވެ. އަންހެނުންނަށް އޯގާތެރިކަމާއި އަޅާލުން ބޭނުންވާ ވަގުތު ނިކަމެތިކޮށްލާ ބާކީކޮށްލައެވެ.

ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މިއަދުވެސް އަންހެނުންނާމެދު ކަންކުރެވެމުން ދަނީ ވަރަށް އިހާނެތިކޮށެވެ. އެކަނބަލުންގެ ޢިއްޒަތާ އަބުރަކީ އެެއްވެސް އެއްޗެއް ނޫން ކަމުގައި ހީވާ ކަހަލައެވެ. އެކަނބަލުންގެ ރީތި ކަމަކީ ތަފާތު ވިޔަފާރި މުދާ އިޝްތިހާރު ކޮއްލަން ބޭނުންކުރެވޭ އެއްޗެއް ކަމުގައި ވަނީ ވެފައެވެ. އެކނަބަލުންގެ ތޫނުފިލިކަމާ ހީވާގިކަމުގެ ފައިދާ ނަހަމަގޮތުގައި ގެއިންބޭރުގައި ދަނީ ހިފެމުންނެވެ. ނަމަވެސް އިސްލާމްދީންވަނީ މިހުރިހައި ކަމަކަށް ހައްލު ހޯދަދީފައެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވަނީ މުސްލިމު އަންހެނަކަށް އެންމެ ހެޔޮގޮތަކީ ގޭގައި ޤަރާރުވެ، އޭނާގެ ޢާއިލާއަށް ޚިދުމަތްކޮށްދިނުމުގައި ސާބިތުވުންކަމެވެ. އެހެނީ ރަނގަޅު މުޖުތަމަޢެއް ބިނާކުރެވޭނީ ހެޔުލަފާ ޞާލިޙު މަޔަކަށެވެ. ހިތާމަހުއްޓެވެ. މިއިން އެއްވެސްކަމެއް އެކަނބަލުންނައް  ނުވިސްނެއެވެ.

އަޅުގަނޑުމެންގެ ތެރޭގައި އަންހެނުންނާ ފިރިހެނުން ހަމަހަމަ ވާން ޖެހޭނެކަމަށް  ވަކާލާތު ކުރަމުންދާ މީހުންވެސް ކޮޕީކުރަމުން މިދަނީ ހުޅަނގުގެ ގޮއްތަކެވެ. އެބައިމީހުންގެ ތެރޭގައިވާ ހަމަހަމަކަން އަޅުގަނޑުމެންގެ ތެރެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު އެގައުމުތަކުގެ ޙާލަކީ ކޮބައިކަމެއް އެބައިމީހުންނަކަށް ނުވިސްނެއެވެ. ނަވާރަވަނަ ގަރުނުގެ ކުރިން އެގައުމުތަކުގައި އަންހެނުންނަށް މުދާ މިލްކުކުރުމާ އެތަކެތިން ފައިދާ ހޯދުންވަނީ މަނާކުރެވިފައެވެ. އެމުދާތަކުން ފައިދާ ހޯދުމުގެ ޙައްޤު ލިބިދީފައިވަނީ އެބައިމީހުންގެ ބައްޕައިންނާއި ފިރިންނަށެވެ. މިއަދުގެ ޙާލަތަކީ ކޮބައިތޯއެވެ. އަންހެންކަނބަލުންގެ ޢިއްފަތް ފޭރެމުންދަނީއެވެ. އެކަނބަލުންގެ ތުއްތު ދަރިން ނިކަމެތިވެގެންދަނީއެވެ. އެކަނބަލުންގެ ޢާއިލާތަކުން ދެކެމުންއައި ހުވަފެންތައް ވެއްޔާ މޮޑެވިގެންދަނީއެވެ. މިއީ ހަމަހަމަ ކަމެއްނޫނެވެ. އަދި ކުރިއަރާ ދިއުމެއްވެސްނޫނެވެ. މިއީ އަންހެން ކަނބަލުންނަށް ލިބިގެންދާ ނިކަމެތިކަމެވެ. މުޖުތަމަޢު ފަސާދަވުުމަށް ހުޅުވިގެންދާ ދޮރެކެވެ.

އިސްލާމްދީން އަންހެނުންނަށް  ހޯދައިދީފައިވާ ޙައްޤު ތަކަކީ ކޮންމެ މުޖުތަމަޢަކަށްވެސް ކޮންމެ ޒަމާނަކައްވެސް ފެތޭ ފުރިހަމަ ޙައްޤު ތަކެކެވެ. އެހެނީ އިސްލާމްދީނަކީ އިންސާނުން އުޅެންވީ ގޮތް ފުރިހަމައަށް އަންގައިދީފައިވާ ހަމައެކަނި ދީނެކެވެ. އެދީނުގައިވާ ގޮތްތައް ޚިޔާރު ކޮއްފިނަމަ ދުނިޔޭގައިވެސް އެބަޔަކަށް ކާމިޔާބު ލިބިގެންދާނެއެވެ. އެގޮތުގައި ސާބިތު ވެއްޖެބަޔަކީ ޢިއްފަތްތެރި އަބުރުވެރި ބަޔަކަށް ވާނެއެވެ. އަނބިންނަކީ ޢިއްފަތްތެރި، އޯގާތެރި، ހެޔޮގޮތުގައި އެކަނބަލުންގެ މަސްޢޫލިއްޔަތު އަދާކުރާ ބަޔަކަށް ވާނެވެ. އެބައިމީހުންގެ ދަރިންނަކީ ފުރިހަމަ ތަރުބިއްޔަތަކުން ތަރުބިއްޔަތު ވެފައިވާ ހެޔޮލަފާ ޞާލިޙު ބަޔަކަށް ވެގެންދާނެވެ. މިއީ އަޅުގަނޑުމެންގެ ޢަދާވާތްތެރިންނަށް ބަލަން ވަރަށް އުނދަގޫ މަންޒަރެކެވެ. އެހެނީ މި އުންމަތް އިޞްލާޙްވެ ހެޔޮމަގަށް އެޅުމަކީ އެބައިމީހުނަށް ކެތްނުކުރެވޭނެ ކަމަކެވެ. އެހެންކަމުން އެބައިމީހުން އެދަނީ ހަމަހަމަކަމުގެ ނަމުގައި އަޅުގަނޑުމެންގެ އުޚްތުންގެ ކަރާމަތާއި ޢިއްޒަތަށް އަރައިގަންނަމުންނެވެ. އެބައިމީހުންގެ އެ މަޅިތަކުން އެންމެހާ އުޚުތުން ސަލާމަތްވެގެން މެނުވީ މި އުންމަތް އިޞްލާޙުގެ މަގަށް އެޅުވުމަކީ ދުރުކަމެކެވެ.

މަސްދަރު: ދިސަލަފިއްޔާ

0