ނަޞޭޙަތާއި އިރުޝާދު
ތިބާ ޙައްޤުގައި ޘާބިތުވާތީ ނުވަތަ ސުންނަތުގައިވާގޮތަށް ހެދުން އަޅާތީ މީހަކުފުރައްސާރަކޮށްފިނަމަ އެކަމާ ދެރަނުވޭ

ތިބާ ޙައްޤުގައި ޘާބިތުވާތީ ނުވަތަ ސުންނަތުގައިވާގޮތަށް ހެދުން އަޅާތީ މީހަކުފުރައްސާރަކޮށްފިނަމަ އެކަމާ ދެރަނުވޭ!

ހިދާޔަތަކީ ދީލަތިވަންތަ ﷲ ގެ ޙަޟްރަތުންވާ ދެއްވުމެކެވެ. އެއީ ކޮންމެ މީހަކަށް ލިބޭ އެއްޗެއްނޫނެވެ. މިދުނިޔެވީ ޙަޔާތުގައި ﷲ ތަޢާލާ ލައްވާފައިވާ ސުންނަތަކީ މިދީނުގައި ގަދައަށް ހިފަހައްޓައިފިމީހަކު އިމްތިޙާނުކުރެއްވުމެވެ. އެއީ ޘާބިތުވެގެންތިބި ތެދުވެރިން ވަކިކުރެއްވުމަށްޓަކައެވެ.

އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّـهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ﴾ (سورة العنكبوت   ٣)

މާނައީ: “އަދި ހަމަކަށަވަރުން އެބައިމީހުންގެ ކުރީގެ (އުންމަތްތަކުގެ) މީހުން، ތިމަންރަސްކަލާނގެ އިމްތިޙާން ކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.”

ރަސޫލުބޭކަލުންގެ ޤައުމުގެމީހުން އެބޭކަލުންނަށް ފުރައްސާރަކޮށްފައިވެއެވެ. ނޫޙު عليه السلامގެ ޤައުމުގެ މީހުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَيَصْنَعُ الْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِّن قَوْمِهِ سَخِرُوا مِنْهُ ۚ قَالَ إِن تَسْخَرُوا مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ﴾ (سورة هود  ٣٨)

މާނައީ: “އަދި އެކަލޭގެފާނު ނާކޮޅު ބަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ޤައުމުގެމީހުންކުރެ، ބޮޑުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުންލާފައި ހިނގައްޖެ ކޮންމެ ފަހަރަކު އެކަލޭގެފާނަށް މަލާމާތްކުރެއެވެ. އެކަލޭގެފާނު ވިދާޅުވެއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މަލާމާތްކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާ ފަދައިން، ހަމަކަށަވަރުން ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތް ކުރާނަމެވެ.”

އަދިވެސް އެއިލާހު ޚަބަރުދެއްވާފައިވަނީ ފޮނުވުނު ކޮންމެ ރަސޫލުބޭކަލެއްގެ މައްޗަށް ސިޙުރުގެ ބުހުތާނުން ތުހުމަތުކުރެވިފައިވާކަމަށެވެ. އަދި ފުރައްސާރަކުރުމުގެ ގޮތުން މޮޔައެއްކަމުގައި ބުނެވޭކަމަށެވެ.

﴿كَذَٰلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ﴾ (سورة الذاريات  ٥٢)

މާނައީ: “އެފަދައިން އެއީ ސިޙުރުވިރިއެކޭ، ނުވަތަ މޮޔައެކޭ އެބައިމީހުން ނުބުނާ އެއްވެސް ރަސޫލަކު، އެބައިމީހުންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ.”

ޞަޙާބީ ބޭކަލުންނަށްވެސް ފުރައްސާރަކުރެވުނެވެ.

﴿وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ * وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ﴾ (سورة المطففين ٣٠-٣١)

މާނައީ: “އަދި އެބައިމީހުން އެ މުއުނިނުންގެ ކައިރިންދާހިނދު، ލޮލުގެ އިޝާރާތުން ފުރައްސާރަ ކުރެއެވެ. އަދި އެބައިމީހުންގެ އަހުލުވެރިންގެގާތަށް އެނބުރިދާހިނދު، ހީނސަމާސާ ކުރަމުންދެއެވެ.”

ފަހެ ފުރައްސާރަކުރުމަކީ މެދުނުކެނޑި ހިނގަމުންދާކަމެކެވެ. ތިބާ ޙައްޤުގައި ޘާބިތުވާތީ ނުވަތަ ތިބާގެ ތުނބުޅިއަށް ނުވަތަ ސުންނަތުގައިވާގޮތަށް ހެދުން އަޅާތީ މީހަކުފުރައްސާރަކޮށްފިނަމަ އެކަމާ ދެރަނުވާށެވެ. ފަހެ އޭނާ އެކަންއެކުރުވަނީ އޭނާގެ ޖާހިލުކަމެވެ. ނުވަތަ ހަވާނަފްސެވެ. ފުރައްސާރަކުރާމީހުން، އެބައިމީހުންގެ އެންމެ ފުންމިނުގައި ހިދާޔަތަށް އެދެއެވެ. ނަމަވެސް އެބައިމީހުންނަށް އެކަންމިލްކުވެގެނެއްނުވެއެވެ. މަގުފުރެދިފައިވާ މީހުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

 ﴿رُّبَمَا يَوَدُّ الَّذِينَ كَفَرُوا لَوْ كَانُوا مُسْلِمِينَ﴾  (سورة الحجر ٢)

މާނައީ: “ކާފަރުވި މީހުން އެބައިމީހުންނީ މުސްލިމުންކަމުގައި ވީނަމައޭ ހިތައި އެކަމަށް ގިނަގިނައިން އެދޭނެއެވެ.”

އަދި ކިޔެއްހެއްޔެވެ. ތިބާ ތިހިނގާ މަގު އެއީ ޙައްޤުކަންވެސް އޭނާއަށް އިނގެއެވެ.

﴿وَجَحَدُوا بِهَا وَاسْتَيْقَنَتْهَا أَنفُسُهُمْ ظُلْمًا وَعُلُوًّا ۚ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ﴾ (سورة النمل ١٤)

މާނައީ: “އަދި (އެ އާޔަތްތައް) އެއީ، ތެދުކަން އެބައިމީހުންގެ ނަފްސުތަކަށް ޔަޤީންވެތިބެ، އަނިޔާވެރިކަމާއި، ބޮޑާވެގަތުމުގެ ގޮތުން، އެ އާޔަތްތަކަށް އެބައިމީހުން އިންކާރުކުރިއެވެ. ފަހެ، ފަސާދަކުރާމީހުންގެ ނިމުންވަނީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ.”

ނަބީބޭކަލުން ކަންތައްކުރެއްވިގޮތަށް ތިބާއަށް ފުރައްސާރަކުރާމީހުންނަށް ކަންތައްކުރާށެވެ. ކެތްތެރިވުމާއި ޢަފޫކުރުމާއި ޢުގޫބާތްދެވެންއޮންނައިރު ދޫކޮށްލުމާއި އަވަސްއަރުވާނުލާ މަޑުމައިތިރިވުމުންނެވެ. އަދި ތިބާއަށް ގޯނާކުރާމީހުންގެ ކިބައިން މޫނު އަނބުރާލާށެވެ. އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم އަށް އެއިލާހު ވަޙީކުރެއްވިއެވެ. ﴿فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ ۚ بَلَاغٌ ۚ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ﴾ (سورة الأحقاف ٣٥)

މާނައި: “ފަހެ، ރަސޫލުންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި ރަސޫލުބޭކަލުން (އެބަހީ: އުލުލްޢަޒްމުގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ. އަދި އެބައިމީހުންނަށް (ޢަޛާބު) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ. އެބައިމީހުންނަށް ވަޢުދުކުރައްވާ ކަންތައް (އެބަހީ: ޢަޛާބު) އެބައިމީހުން ދެކޭދުވަހު، ދުވާލަކުން އެންމެގަޑިޔެއްގެ އިރުވެސް، ދުނިޔޭގައި ތިބިބަޔަކު ކަމުގައި އެބައިމީހުން ނުވާފަދައެވެ. (މިއީ ސާފުގޮތުގައި) އިއްވަވާ އިއްވެވުމެކެވެ. ފަހެ، ފާސިޤުވިމީހުން މެނުވީ ހަލާކުވެގެން ނުދާނެތެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ ۖ فَاعْفُوا وَاصْفَحُوا حَتَّىٰ يَأْتِيَ اللَّـهُ بِأَمْرِهِ ۗ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾ (سورة البقرة  ١٠٩)

މާނައީ: “ފޮތުގެ އަހުލުވެރިންގެ ތެރެއިން ގިނަބަޔަކު، އެބައިމީހުންނަށް ޙައްޤުބަޔާންވެ އެނގުމަށްފަހުގައި، އެބައިމީހުން އަމިއްލައަށް ޙަސަދަވެރިވެގެން، ތިޔަބައިމީހުން އީމާންވުމަށްފަހު އަލުން އަނބުރާ ކާފަރުކަމަށް ރުޖޫޢަކުރެވޭނެނަމައޭ ހިތައި އެކަމަށް އެދުނެވެ. ފަހެ (އެއުރެންނާމެދުގައި ކަން ކުރަންވީގޮތް ބަޔާންކުރައްވައި) ﷲގެ އަމުރުފުޅު ފޮނުއްވައިފުމަށް ދާންދެން (އެބައިމީހުންނަށް) ތިޔަބައިމީހުން މާފުކޮށް ދޫކޮށްލާށެވެ. ހަމަކަށަވަރުން ﷲއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.”

ފަހެ ޢަފޫކުރުމަށާއި މޫނުއަނބުރާލުމަށް އެއިލާހު އަމުރުކުރެއްވިއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ﴾ ( سورة الأعراف ١٩٩)

މާނައީ: “ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ. އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ. އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ.”

ތިބާއަށް ފުރައްސާރަކުރެވިއްޖެނަމަ އެކަމާ އުފާކުރާށެވެ. އެއީ ތިބާގެ ޘާބިތުކަމުގެ ތެދުވެރިކަމުގެ އުފާވެރި ޚަބަރެވެ. އަދި ތިބާގެ ދަރަޖައުފުލޭނެކަމެކެވެ. އެންމެ މަތީ ހަރުފަތަށް ތިބާތިއެއްލުނީއެވެ. ފަހެ ކެތްތެރިކަން ލާޒިމުކުރާށެވެ. ކެތްތެރިކަންކުޑަވުމުން ތިބާގެ ޢަމަލުބާޠިލުނުކުރާށެވެ. ނުވަތަ މިދީނުގައި ހިފެހެއްޓުމުގައި ކެތްތެރިކަން ކޮޅުންލިޔަނުދޭށެވެ.

މަސްދަރު: ދިސަލަފިއްޔާ

0