ނަޞޭޙަތާއި އިރުޝާދު
ބަދަލުހިފުމަށްވުރެ ތިބާގެ އަޚާއަށްޓަކައި ހެޔޮ ދުޢާކޮށްދިނުން މާ ހެޔޮކަން ބޮޑެވެ.

އާދެ ﷲ ތަޢާލާ މުއުމިނުން ޞިފަކުރައްވާފައިވަނީ އެއްބަޑު އެއްބަފާ އަޚުންތަކެއްގެ ގޮތުގައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((  إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّـهَ لَعَلَّكُمْ تُرْ‌حَمُونَ ﴿١٠﴾ )) سورة الحجرات މާނަ : ” މުއުމިނުން ވާކަންކަށަވަރީ އަޚުންތަކެއްކަމުގައެވެ. ތިޔަބައިމީހުންގެ ދެ އަޚުންގެ މެދުގައި ތިޔަބައިމީހުން ޞުލްޙަކުރާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. އެއީ ތިޔަބައިމީހުންނަށް ރަޙްމަތްލެއްވުމަށްޓަކައެވެ. “

ޚިޔާލު ތަފާތުވުމާއި ކަންކަމުގައި ދެބަސްވުމަކީ އިންސާނާގެ ޠަބީޢަތުގައި ﷲ ތަޢާލާ ލައްވާފައިވާ ޞިފައެކެވެ. އެހެންކަމުން ދެބަސްވެ ޚިޔާލު ތަފާތުވާ ވަގުތުތައްވެސް އަންނާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. އެހެންކަމުން މަތީގައި ބަޔާންކުރެވުނު އާޔަތުގައިވެސް ﷲ ތަޢާލާ، މުއުމުންނަކީ އަޚުންތަކެއް ކަމުގައި އެނެގެވުމަށްފަހުގައި، ދެ އަޚުންގެ މެދުގައި ޞުލްޙަކުރުމަށް އަންގަވާފައި އޮތުމުން އެނގިގެންދަނީ، އަޚުންތަކެއް ކަމުގައި ވިޔަސް މައްސަލަ ޖެހި ދެބަސްވާނެޖެހޭ ކަންތައްތައް ހިނގާނެކަމެވެ.

ނަމަވެސް ނުރައްކަލަކަށްވަނީ އޭގެ ސަބަބުން ޢަދާވާތްތެރިވެ، ގުޅުންކަނޑާލައި، އެއް އަޚަކު އަނެއް އަޚަކާއި ވާހަކަނުދައްކައި ހުންނަން ޖެހޭ ހިސާބަށް ދިޔުމުންނެވެ. މިއީ އެއްވެސް ހާލެއްގައި ހުއްދަވެގެންވާ ނޭ ކަމެއްނޫނެވެ. ޒާތީ ކަމެއްގައި ތިމާގެ މުސްލިމު އަޚާއާއި ތިން ދުވަހަށްވުރެ އިތުރައް ވާހަކަ ނުދައްކާ ހުރުން ހުއްދަވެގެން ނުވެއެވެ.

ތިމާގެ މުސްލިމް އަޚާގެ ކިބައިން ތިމާ ނުރުހޭ ކަމެއް ހިނގައިފިނަމަ، އެ އަޚާގެ ކިބައިން ބަދަލު ހިފުމަށްވުރެ އެއަޚާއަށްޓަކައި ހެޔޮ ދުޢާކޮށްދިނުން މާހެޔޮކަން ބޮޑުވެގެން ވެއެވެ. މަޢާފު ކުރުމަކީ ތަޤުވާވެރިންގެ ޞިފައެކެވެ. ((…وَأَن تَعْفُوا أَقْرَ‌بُ لِلتَّقْوَىٰ …﴿٢٣٧﴾ )) سورة البقرة މާނަ: ” ….އަދި ތަޤުވާވެރިކަމާއި އެންމެ ގާތްގޮތަކީ ތިޔަބައިމީހުން ޢަފޫކުރުމެވެ…. “

( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީ، ރަބީޢަތު ބިން ކަޢުބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންކަލޭގެފާނު ދިރިއުޅުއްވުމަށްޓަކައި، އަބޫބަކުރު ރަޞިޔަﷲ ޢަންހުގެ ގެކޮޅާއި އިންވެގެންވާ ބިންކޮޅެއް ދެއްވިއެވެ. އެއްފަހަރެއްގައި، ކަދުރު ރުކެއްގެ މައްސަލައިގައި ތިމަންކަލޭގެފާނާއި އަބޫބަކުރު ރަޟިޔަﷲ ޢަންހުއާއި ދެމެދު ޚިޔާލުތަފާތުވެ ދެބަސްވުމެއް އުފެދުނެވެ.

ތިމަންކަލޭގެފާނު ދެންނެވީމެވެ. އެ ކަދުރު ރުއް އެވަނީ ތިމަންކަލޭގެފާނަށް ލިބުނު ބިންކޮޅުގައެވެ.

އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެހެނަކުން ނޫނެވެ. އެ ރުއް އެވަނީ ތިމަންކަލޭގެފާނުގެ ބިންކޮޅުގައެވެ.

ރަބީޢަތު ބިން ކަޢުބު ރަޞިޔަﷲ ޢަންހު ވިދާޅުވިއެވެ. މިގޮތުގައި ދެބަސްވެ ވާހަކަދެކެވުމުގެ ތެރޭގައި، ތިމަންކަލޭގެފާނު އެއާއިމެދު ނުރުހުންތެރިވާ ފަދަ ބަސްތަކެއް ތިމަންކަލޭގެފާނަށް ނިސްބަތްކޮށް އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވާތީ ތިމަންކަލޭގެފާނަށް އަޑުއިވުނެވެ.

އެފަދަ ބަސްތަކެއް ބުނެވުނު ކަމަށްޓަކައި، އެކަލޭގެފާނު ވަރަށް ދެރަފުޅުވިކަން ތިމަންކަލޭގެފާނަށް އެނގުނވެ. އެ ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ރަބީޢާ އެވެ. ތިމަންކަލޭގެފާނުގެ ކިބައިން ޤިޞާޞް ހިއްޕެވުމަށްޓަކައި އެފަދަ ބަސްތަކެއް ތިމަންކަލޭގެފާނަށް ކަލޭގެފާނު ރައްދުކުރާށެވެ.

ރަބީޢާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނު އެފަދައިން ކަންތަކެއް ނުކުރާނަމެވެ.

އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެހެންވިއްޔާ ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށްގޮސް، ކަލޭގެފާނު ތިމަންކަލޭގެފާނުގެ ކިބައިން ޤިޞާޞް ހިފުމަށް މަނާވެގަތުމުން، އެކަމުގެ ޝަކުވާ ދަންނަވާނަމެވެ.

ދެން އަބޫބަކުރު ރަޞިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ދިޔުމަށް ހިންގައިގެންފިއެވެ. ރަބީޢަތު ބިން ކަޢުބު ރަޟިޔަﷲ ޢަންހުވެސް އެކަލޭގެފާނުގެ ފަހަތުން ވަޑައިގެންނެވިއެވެ.

ރަބީޢާ ރަޞިޔަﷲ ޢަންހުގެ ޤަބީލާގެ ބޭފުޅުންކަމުގައިވާ ބަނޫ އަސްލަމްގެ މީހުންވެސް އެކަލޭގެފާނުގެ ފަހަތުން ވަޑައިގެންނެވިއެވެ. އަދި އެމީހުން ރަބީޢާ ރަޞިޔަﷲ ޢަންހުއަށް ދަންނަވަމުން ދިޔައެވެ. ކަލޭގެފާނަށް ނިސްބަތްކޮށް ކަލޭގެފާނު ނުރުހުންވާފަދައިން އެއްޗެތިކިޔަން ފުރަތަމަ ފެއްޓެވީ އެކަލޭގެފާނެވެ. އަދި އެއަށްފަހު، ކަލޭގެފާނާއި ބެހޭގޮތުން ޝަކުވާ ދެންނެވުމަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އެވަޑައިގަންނަވަނީވެސް އެކަލޭގެފާނު ނޫންހެއްޔެވެ!!

ދެން ރަބީޢާ ރަޟިޔަﷲ ޢަންހު ބަނޫ އަސްލަމްގެ މީހުންނަށް ވިދާޅުވިއެވެ.  ތިޔަބައިމީހުންނަށް ހަލާކު ހުއްޓެވެ. އެއީ ކޮން ބޭކަލެއްކަން ތިޔަބައިމީހުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟ އެއީ އައްޞިއްދީޤެވެ…. މުސްލިމުންގެ މެދުގައި ޤަދަރުލިބިގެންވާ މަތިވެރި މާތް ބޭކަލެކެވެ.

އަބޫބަކުރު ރަޟިޔަﷲ ޢަންހު ފަހަތް ބައްލަވާލެއްވުމުގެ ކުރިން ތިޔަބައިމީހުން އެނބުރި ވަޑައިގަންނަވާށެވެ. އެކަލޭގެފާނަށް ތިޔަބައިމީހުން ފެނިވަޑައިގެންފިނަމަ، ތިޔަބައިމީހުން ތިޔަ ވަޑައިގަންނަވަނީ ތިމަންކަލޭގެފާނަށް ނަސްރުދިނުމަށް ކަމުގައި އެކަލޭގެފާނަށް ހީފުޅުވެދާނެއެވެ. އެހެންވެއްޖެ ނަމަ އެކަލޭގެފާނު ކޯފާވުންވެސް އެކަށީގެންވެއެވެ. އެހެން ވެއްޖެނަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް އެކަލޭގެފާނަށްޓަކައި ތިޔަބައިމީހުންދެކެ ކޯފާވެދާނެއެވެ. އަދި އެ ދެބޭކަލުންގެ ކޯފާގެ ސަބަބުން ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވައި، ރަބީޢާ ހަލާކު ކުރައްވާފާނެއެވެ. ދެން އެމީހުން އެނބުރި ހިނގައްޖެއެވެ.

ދެން އަބޫބަކުރު ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން، ކަންތައްތައް ހިނގާދިޔަގޮތައް ކިޔައިދީފިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްއުފުއްލައްވާފައި ތިމަންކަލޭގެފާނާއި މުޚާޠަބުކޮށް ހަދީޘްކުރެއްވިއެވެ.

(އޭ ރަބީޢާއެވެ. ކަލޭގެފާނާއި އަބޫބަކުރުގެފާނާއި ދެމެދުގައި އޮތީ ކޮންމައްސަލައެއް ހެއްޔެވެ.)

ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިމަންކަލޭގެފާނަށް ނިސްބަތްކޯށްދަ އަބޫބަކުރު ރަޞިޔަﷲ ޢަންހު ވިދާޅުވި ބަސްތައް، ޤިޞާޞްހިއްޕެވުމަށްޓަކައި، އެކަލޭގެފާނާއި ދިމާއަށް ތިމަންކަލޭގެފާނު ރައްދުކުރެއްވުމަށް އަބޫބަކުރު ރަޟިޔަﷲ ޢަންހު ތިމަންކަލޭގެފާނުގެ ކިބައިން އެދިވަޑައިގަންނަވަނީއެވެ. ނަމަވެސް ތިމަންކަލޭގެފާނު އެކަލޭގެފާނު އެ އެދިވަޑައިގެންނިފަދައިން އެކަންތަކެއް ނުކުރައްވަމެވެ.

ދެން ރަސޫލﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންކަލޭގެފާނަށް ހަދީޘް ކުރެއްވިއެވެ. ( އާނއެކެވެ. އެކަލޭގެފާނު އެ ވިދާޅުވި ފަދައިން ކަންތައް ނުކުރައްވާށެވެ….. ނަމަވެސް މިފަދައިން ބުނާށެވެ. އަބޫބަކުރު (ރަޞިޔަﷲ ޢަންހު)އަށް ﷲ ތަޢާލާ ފާފަ ފުއްސަވާށިއެވެ. )

ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ އަބޫބަކުރުގެފާނެވެ. ކަލޭގެފާނަށްޓަކައި ﷲ ތަޢާލާ ކަލޭގެފާނުގެ ފާފަ ފުއްސަވާށިއެވެ.

އޭރު އަބޫބަކުރު ރަޟިޔަﷲ ޢަންހު ގެ ދެލޮލުން ކަރުނަ އޮހެމުން ދަނީއެވެ. އެކަލޭގެފާނު ކީރިތި ކުރައްވަމުން މިފަދައިން ވިދާޅުވަމުން ދިޔައެވެ. އޭ ރަބީޢާ ބުން ކަޢުބެވެ. ﷲ ތަޢާލާ ތިބާއަށް ހެޔޮ ޖަޒާދެއްވާށިއެވެ. އޭ ރަބީޢާ ބުން ކަޢުބެއެވެ. ﷲ ތަޢާލާ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ…..)   – ” صور من حياة الصحابة ”  للدكتور عبد الرحمان رأفت الباشا –

މިފަދަ ނަމޫނާތަކުން ޢިބްރަތް ޙާޞިލްކޮށް، އާޚިރަތުގެ ދާއިމީ ޙަޔާތް ބާއްޖަވެރި ކުރެވޭތޯ މަސައްކަތް ކުރާ ބައެއްކަމުގައި ﷲ ތަޢާލާ އަޅުގަނޑުމެން ލައްވާށިއެވެ. އާމީން.

މަސްދަރު: ދިސަލަފިއްޔާ

0