ނަޞޭޙަތާއި އިރުޝާދު
ބެޑް ޓައިމް ސްޓޯރީޒް

ކުޑަ ކުދީންގެ އެންމެ ތުއްތު ޢުމުރަކީ އެކުދީންނަށް ކޮންމެ ކަމެއްގައިވެސް ބޮޑު މީހެއްގެ އަޅާލުމާއި އޯގާތެރިކަން ބޭނުން ވާނެ ޢުމުރެވެ. މިގޮތުން ކުއްޖާ ބޮޑުވެ ތަސައްރަފު ފުދިގެން އަންނަ ދުވަސްވަރުގައި އެކުދީންނާއި އެކު ވީހާވެސް ގިނަ ވަގުތު ހޭދަ ކުރެވެން ޖެހެއެވެ. ކުޅޭ އިރުގައްޔާއި ކާއިރު އަދި ކިޔަވާއިރުގައްޔާއި ނިދާ އިރުވެސް ބޮޑު މީހަކު އެކުދީންނަށް އިރުޝާދުދޭން ހުރުމަކީ އެކުދީންނަށް ނުހަނު ބޭނުންތެރިކަމެކެވެ. އެހެނީ އެ ޢުމުރަކީ ކުޑަކުއްޖާ އެންމެ އުނގެނި ދަސްކުރަމުންދާ ޢުމުރުކަމުން އެ ޢުމުރުގައި ކުއްޖާ ވަކި ގޮތަކަށް ހާނުވާލުމަކީ ވަރަށް ފަސޭހަކަމަކަށް ވެގެންދެއެވެ.

ކަން ކަން ކުރުމުގައި އެކި ކުދީންގެ ގައިގައި ހުންނަ މިޒާޖު ތަފާތެވެ. ބައެއް ކުދީންނަށް ވަކި ކަމެއް ކޮށްދިނުމުން މެނުވީ އެކުދީން ހިތްހަމަ ޖެހޭކަމުގައިނުވެއެވެ. އެހެންނަމަވެސް ވިސްނާލަންޖެހޭ ތަންކޮޅަކީ ކުޑަކުދީން ހިތަށް އެރިހައި ގޮތަކަށް އެކުދީންނަށް ކަންކަން ކޮށްދިނުމުގެ ނަތީޖާ ބައެއްފަހަރު ވަރަށްވެސް ހިތިވެގެން ހިނގައިދާނެކަމެވެ. އެހެންވީއިރު ޅަފުރައިގެ ކުދީންނަށް ކަންކަން ކޮށްދިނުމުގައި ވީހާވެސް ޙިކްމަތްތެރި އުޞޫލުތައް ގެންގުޅުމަކީ ބުއްދިވެރި ކަމެއްކަމުގައި ދެކެމެވެ.

ބައެއް ކުދީންނަކީ ވަކި ޢުމުރަކާ ޖެހެންދެން އެކުދީންނަށް ވާހަކައެއް ކިޔައިދިނުމުން މެނުވީ ލޮލަށް ނިދި އައުން ދަތިވެދާ ކުދީންނެވެ.  އެހެނީ އެ ޢުމުރުގައި އެކުދީން ނިދާއިރު، ބޮޑު މީހަކު އެކުދީންގެ ގާތުގައި އޮތުމުން އެކުދީންނަށް އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނެސްދީ އަދި އެހެންމެ އެހެންމީހުންގެ ފަރާތުން އަޅާލުމާއި ރައްކާތެރިކަމާއި އޯގާތެރިކަން ލިބޭކަން އެކުދީންނަށް އިހުސާސް ކުރުވެއެވެ. މިގޮތަށް ނިންދަވަން ކައިރީގައި އޮންނަ ވަގުތު އެކުދީންނަށް ކޮންމެވެސް ވާހަކައެއް ކިޔައިދިނުމަށް އެކުދީން އެދޭނެއެވެ. މިގޮތަށް ކިޔައިދެވޭ ވާހަކަތަކަށް އިނގިރޭސި ބަހުން ” ބެޑް ޓައިމް ސްޓޯރީޒް ” އޭ ކިޔައެވެ.

މިގޮތުން ކުޑަކުދީން ނިންދަވާއިރު އެކި އެކި ތަފާތު ވާހަކަތައް އެކުދީންނަށް ކިޔައިދެވެއެވެ. އެންމެ ގިނައިން ކިޔައިދެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްނެތް ފުލޯކުވާހަކަތަކެވެ. ފޮތް ފިހާރަތްކުން ” ސިންޑްރެއްލާ ” ނުވަތަ ” ސްނޯ ވައިޓް ” ފަދަ ވާހަކަތައް ގަނެގެން ކުދީން ނިދާ ގަޑީގައި އެކުދީންނަށް ކިޔައިދިނުމުން ކުދީންގެ ހިތުގައި އެ ވާހަކަތަކުގައިވާ ޚިޔާލީ ކެރެކްޓާރ ތަކާއިމެދު ކުލުނާއި ލޯބި ޖެހި ހުވަފެނުގައި އެ ޚިޔާލީ ކެރެކްޓާރ ތަކާއި ބައްދަލު ކުރުމުގެ ރޫޙު އާލާވެ ގަދަވެގެންދެއެވެ.

މިކަހަލަ ފުލޯކު ވާހަކަތައް ކިޔައިދިނުމުގެ ބަދަލުގައި ކުދީން ނިންދަވާގަޑީގައި މާތް ނަބިއްޔާ ގެ ސިޔަރަތާއި އަދި އެ ނަބިއްޔާގެ ޞަޙާބީންގެ ސިޔަރަތު އެކުދީންނަށް ކިޔައިދިނުމުން، މި ދެންނެވި ޚިޔާލީ ކެރެކްޓާރތަކަށް ޝަޢުޤު އުފެދުމުގެ ބަދަލުގައި ރަސޫލާ އަށާއި އިސްލާމްދީނަށް ލޯބި ޖެހި އެކުދީންގެ ހިތްތަކުގައި އިސްލާމީ ޝުޢޫރު ގަދަވެގެންދެއެވެ. މީގެ އިތުރުންވެސް އެންމެ ފުރަތަމަ ޚަލްޤު ކުރެވުނު އިންސާނާ، އާދަމް ޢަލައިހިއްސަލާމް ގެ ވާހަކަ އާއި، ޝައިޠާނާ އެކަލޭގެފާނު މަގު ފުރެއްދި ގޮތުގެ ވާހަކަ ކިޔައިދީ ހެދުމުން ޅައިރުއްސުރެ އުޅެންވީ ގޮތާއި ނޫޅެންވީގޮތް ފަހުމުވުމުގައި ކުދީންނަށް ފަސޭހަވެގެންދެއެވެ. އަދިވެސް އެހެނިހެން ރަސޫލު ބޭކަލުން އިސްލާމްދީނަށްޓަކައި ވެ ވަޑައިގަތް މަތިވެރި ޤުރުބާނީތަކުގެ ވާހަކަ ކިޔައިދީ، އިސްލާމްދީނުގެ މަތިވެރިކަމުގެ ވާހަކަ ކިޔައިދީ ހެދުމުން، ކުއްޖާ ހެދި ބޮޑުވެގެން އަންނާނީ އިސްލާމް ދީންދެކެ ލޯބިވާ ދަރިއެއްގެ ގޮތުގައިކަމާއިމެދަކު ޝައްކެތްނެވެ.

މަސްދަރު: ދިސަލަފިއްޔާ

0